11 އޮކްޓޯބަރު 2021 - 23:31 0
އަމަން ހަލީމް
ނޫސްވެރިޔާ މާހާތު ހުސެއިން ރަޝީދު ރައީސް އޮފީހުގެ ޕްރެސްއެއްްގައި: މާހާތުއަށް ދެ އެވޯޑު ލިބުނު -- ފޮޓޯ: ރައީސް އޮފީސް
11 އޮކްޓޯބަރު 2021 - 23:31 0
މޯލްޑިވްސް މީޑިޔާ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމުގެ ދިނުމުގެ ހަފްލާގައި ބްރޯޑްކާސްޓް ނޫސްވެރިން ރަން ވަނަތަކެއް ހޯދައިފި އެވެ.
މިފަހަރު އެންމެ ގިނަ އެވޯޑް ލިބުނީ ސަންގު ޓީވީގެ ނޫސްވެރިންނަށެވެ. އެގޮތުން އެ ސްޓޭޝަނުގެ ނޫސްވެރިންނަށް ތިން އެވޯޑެއް ލިބުނެވެ. ސަންގު ޓީވީގެ މާހަތު ހުސެއިން ވަނީ ފީޗާ ނޫސްވެރިކަމުގެ އެވޯޑާއި ސިޔާސީ ދާއިރާ ކަވަރު ކުރާ ނޫސްވެރިންނަށް ދޭ އެވޯޑު ހޯދައިފަ އެވެ.
އޭގެ އިތުރުން، ރާއްޖެ ޓީވީ އަދި ވަގުތު ނޫހުގެ ނޫސްވެރިންނަށް ވެސް ވަނީ ދެ އެވޯޑު ލިބިފަ އެވެ.
ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ނުބޭއްވިދިޔަ މިރޭގެ އެވޯޑު ދިނީ ބްރޯޑްކާސްޓް މީޑިޔާ އަދި އޮންލައިން ނޫސްތަކުގެ ކެޓެގަރީ އެއްކޮށްލައިގެންނެވެ.
އެހެން އަހަރުތަކުގެ މި އެވޯޑް ދެނީ ބްރޯޑްކާސްޓް ވަކިން އަދި އޮންލައިން ނޫސްތައް ވަކިކޮށްގެނެވެ. މިފަހަރު ދެ ބައި އެއްކޮށްލައިގެން މީޑިޔާ ކައުންސިލުން ހުޅުވާލީ 12 ކެޓެގަރީގެ ތެރެއިން 9 ކެޓަގަރީއަކުން ނޫސްވެރިންނަށް އެވޯޑުތައް ދިނެވެ.
މީޑިޔާ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، މިރޭގެ އެވޯޑަށް 56 ނޫސްވެރިޔެއްގެ ފަރާތުން 80 އަށް ވުރެ ގިނަ ހުށަހެޅުން ލިބުނު ކަމަށެވެ. އެކަމަކު ޖުމްލަ 12 ކެޓެގަރީގެ ތެރެއިން ދެ ކެޓެގަރީއަކަށް އެއްވެސް ހުށަހެޅުމެއް ލިބިފައެއް ނުވެ އެވެ. އަދި އެންމެ އުއްމީދީ ނޫސްވެރިޔާ އެވޯޑް ނުދިނީ ބޭނުންވާ ވަރަށް ހުށަހެޅުންތައް ނުލިބިގެންނެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ދެ ބޭފުޅަކަށް ލައިފް ޓައިމް އެޗީވްމެންޓް އެވޯޑު އެރުވި އެވެ. އެއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޗާޕްހާނާ، އަދި ގިނަ އަދަދެއްގެ ފޮތް ލިޔުއްވައި ޝާއިއުކުރެއްވި ނޮވެލްޓީގެ ވެރިޔާ އަލީ ހުސައިނާއި ނޫސްވެރިއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އެވެ. އެ ދެ ބޭފުޅުން ވަނީ ނިޔާވެފަ އެވެ.
އެވޯޑް ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މީޑިޔާ ކައުންސިލުގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ މި އަހަރު ރެކޯޑް އަދަދަކަށް ނޫސްވެރިންގެ ހުށަހެޅުންތައް ލިބުމަކީ މި އެވޯޑުގެ އިންސާފުވެރިކަން ނޫސްވެރިން ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި އެވޯޑް ދިނުމުގެ އުސޫލާއި މިންގަނޑަށް މިއަހަރު ގެނެސްފައި ވަނީ ހެޔޮ ބަދަލެއް ކަމަށް ޝަހުބާން ވިދާޅުވި އެވެ.
މި އެވޯޑު ހަފުލާ ކުރިޔަށް ގެންދިޔައީ، އެވޯޑު ދޭން އެކުލަވާލީ އުސޫލު އިންސާފުވެރި ނޫން ކަމަށް ބުނެ އެވޯޑް ހަލްފާ ހުއްޓުވުމަށް ބައެއް ނޫސްވެރިން މައްސަލަ ކޯޓަށް ހުށަހަޅާފައި އޮއްވަ އެވެ. އެކަމަކު އެ މައްސަލަ ނުބެލޭނެ ކަމަށް މިއަދު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
Comment