Advertisement

އޯޑިއޯތަކުގެ ތަހުގީގު ނުނިމެނީ ފުލުހުންގެ އެނަލިސިސް ލަސްވާތީ ކަމަށް ޖޭއެސްސީން ބުނެފި

11 އޮކްޓޯބަރު 2021 - 11:36 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: ފަނޑިޔާރުންގެ އޯޑިއޯތައް ލީކުވެފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


އޯޑިއޯތަކުގެ ތަހުގީގު ނުނިމެނީ ފުލުހުންގެ އެނަލިސިސް ލަސްވާތީ ކަމަށް ޖޭއެސްސީން ބުނެފި

11 އޮކްޓޯބަރު 2021 - 11:36 0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކޮރަޕްޝަންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ބައެއް ބޭފުޅުން މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކުގެ ތަހުގީގު ނުނިމި ލަސްވަނީ ފުލުހުންގެ ފަރާތުން ބަލަންޖެހޭ ކަންކަން ލަސްވެގެން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ނޮވެމްބަރު 8، 2019 ގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން އަހުމަދު ސަމީރާއި އަލީ އާދަމާއި ހުސެއިން ފާއިޒު ރަޝާދުގެ މައްސަލަ ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނީ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ޖޭއެސްސީގެ މީޑިއާ އޮފިސަރު ނިހާޔާ އަހުމަދު ވިދާޅުވީ ފަނޑިޔާރުންގެ އޯޑިއޯތައް ތަހުގީގު ކުރުމަށްޓަކައި އެ ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ މަސައްކަތް އިތުރަށް ކުރެވޭނީ ފުލުހުން އެ އޯޑިއޯތައް ތަހުގީގުކޮށް ނިމުމުން ކަމަށެވެ.

އޯޑިއޯތަކުގެ ތަހުގީގަށް އެ ތިން ފަނޑިޔާރުން ހާޒިރުކޮށް ސުވާލު ކުރުމުން އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ފަނޑިޔާރުންގެ އޯޑިއޯތައް ލީކުވުމާއެކު އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ޔާމީންގެ ޝަރީއަތުގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދައިފަ އެވެ. އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އެއާއެކު އޯޑިއޯތަކުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފުލުހުންނަށް އަންގައިފަ އެވެ.

އޭނާއަށް ރައްދުވާ ތުހުމަތުތައް ދޮގު ކުރައްވާ އަލީ ޒާހިރު ވިދާޅުވެފައި ވަނީ އެއީ އިދިކޮޅުން "ރޭވުންތެރިކަމާއެކު ހިންގާ ސިޔާސީ ހަރަކާތެއް" ކަމަށެވެ. އަދި އޭނާއަށް ކުރި ތުހުމަތު އޭނާ އަނބުރާލެއްވީ އިދިކޮޅަށެވެ.

"މިއީ ވަރަށް ރޭވުންތެރިކަމާއެކު ހިންގާ ސިޔާސީ ހަރަކާތެއް. އިއްތިފާގެއް ނޫން ކަންނޭނގެ މިކަން މި ހިނގަނީ ޔާމީންގެ މައްޗަށް އުފުލިފައިވާ ދައުވާތަކެއް ފަށައިގެން ކުރިއަށްދާއިރުކަން. މިއީ އެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އެހެނިހެން ގޮތް ގޮތުން ވަނުމުގެ ބޭނުމުގައި ހިންގާ ކަމެއް،" އާދީއްތަ ދުވަހު އަލީ ޒާހިރު ވިދާޅުވި އެވެ.

މައްސަލަ ޖެހިގެން އުޅޭ ފަނޑިޔާރުންގެ އިތުރުން ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ކުރިމިނަލް ކޯޓުގެ އެއިރުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.