Advertisement

މެމްބަރު ނާޒިލަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފި

11 އޮކްޓޯބަރު 2021 - 10:15 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ހިތަަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މަޖިލީހުގެ ޖަލްސާއެއްގައި -ފޮޓޯ: މަޖިލިސް


މެމްބަރު ނާޒިލަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފި

11 އޮކްޓޯބަރު 2021 - 10:15 0

ރައްޔިތުންގެ މަޖިލީހުގެ ހިތަަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް މަޖިލީހުގެ އިދާރާގެ ތެރޭގައި ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، އެ ތުހުމަތު އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.

މަންޒަރު ދުށް މެމްބަރަކު ވިދާޅުވި ގޮތުގައި އަސްލަމްއާ ދިމާއަށް ނާޒިލް ވަޑައިގަތީ ފިރިހެނުންގެ އައުރައަށްވާ ތަނަށް އިޝާރާތްކޮށް، "ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވަމުންނެވެ. އަދި ވަޑައިގެން އަސްލަމްގެ ގައިގައި ޖެހޭ މިންވަރަށް ކައިރިވި ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

"އެފަދަ ކަމެއް ހިނގި" ތަފްސީލް ނުދެއްވައި އަސްލަމް ވިދާޅުވި އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރުމުގެ ފުރުސަތު މިއަދުގެ ޖަލްސާގައި ހުޅުވާލުމުން، ނާޒިލް ވަނީ އޭނާއަށް އަމާޒުކޮށްފައިވާ ތުހުމަތު ދޮގު ކުރައްވައިފަ އެވެ.

"އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި މަޖިލީހުގަ މި ތިބި މެމްބަރުންގެ ތެރޭގައި އެންމެ ފިރިހެނަކަށް ވެސް ފެނިފައި ނޯންނާނެކަން އަޅުގަނޑު ދިވެހި އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އެ ޔަގީންކަން އަރުވަން،" ނާޒިލް ވިދާޅުވި އެވެ.

އަސްލަމަށް ނާޒިލް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުތައް ފެންމަތިވެފައި ވަނިކޮށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އަސްލަމްގެ އަނބިކަނބަލުން ގޭގައި ރޯކޮށްލަން ބަޔަކު މަސައްކަތް ކުރި އެވެ.

އެ ހާދިސާގައި ގެޔަށް މާ ބޮޑު ގެއްލުމެއް ނުލިބޭއިރު، އެވަގުތު ގޭގައި މީހަކު ނޫޅޭތީ އެއްވެސް މީހަކަށް ވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެ އަމަލު ހިންގީ ނާޒިލް އަޑީގައި ހުންނަވައިގެން ކަމަށް ބުނެ ތުހުމަތުތަކެއް ކުރެވިފައިވާއިރު، އެ ތުހުމަތުތައް ވެސް އޭނާ މިއަދުގެ ޖަލްސާގައި ދޮގުކުރެއްވި އެވެ.

އަދި އޭނާއަކީ އެއްވެސް ހާލަތެއްގައި މީހެއްގެ ޖިސްމަށް ނުވަތަ މުދަލަށް ގެއްލުންދޭނެ މީހެއް ނޫން ކަމަށް ހަރުއަޑުން ވިދާޅުވި އެވެ.