Advertisement

ޑޮލަރު ރޭޓު ހިފަހައްޓާ ނަމަ އުސޫލުތައް ހަރުކަށިކުރަން އައިއެމްއެފުން ގޮވާލައިފި

10 އޮކްޓޯބަރު 2021 - 15:09 0

އަމަން ހަލީމް

އަމަން ހަލީމް

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިދާރާ: އައިއެމްއެފުން ވަނީ ބޭރު ފައިސާ މައްސަލަ ހައްލުކުރަން އެމްއެމްއޭއިން ކުރާ މަސައްކަތަށް މަރުހަބާ ކިޔާފައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ޑޮލަރު ރޭޓު ހިފަހައްޓާ ނަމަ އުސޫލުތައް ހަރުކަށިކުރަން އައިއެމްއެފުން ގޮވާލައިފި

10 އޮކްޓޯބަރު 2021 - 15:09 0

މަރުކަޒީ ބޭންކުން ކަނޑައަޅާ އަގުތަކެއްގައި ބޭރު ފައިސާގެ އެކްސްޗޭންޖެ ރޭޓު ކޮންޓްރޯލް ކުރާ ނަމަ މަނިޓަރީ ސިޔާސަތުތައް މިހާރަށް ވުރެ ހަރުކަށި ކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ގޮވާލައިފި އެވެ.

އަހަރަކު އެއް ފަހަރު އައިއެމްއެފުން ބާއްވާ ކޮންސަލްޓޭޝަނަށް ފަހު އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑުގެ ބަލިމަޑު ކަމަށް ފަހު ރާއްޖޭގެ އިގުތިސޯދު އިޔާދަވާ ދުވެލި ރަނގަޅު ނަމަވެސް ކޮވިޑުގެ ސަބަބުން އިގުތިސޯދަށް ކުރި ނޭދެވޭ އަސަރު، ވަކިން ހާއްސަކޮށް އިތުރުވީ ދަރަނީގެ އަސަރު، ދެމިގެންދާނެ އެވެ.

އެހެންކަމުން އިގުތިސޯދީ ދުވެލި ދަމަހައްޓަން މުސްތަގުބަލުގެ އަމާޒުތަކާ ލާމެހިފައިވާ ފިސްކަލް (މާލީ) އަދި މަނިޓަރީ ސިޔާސަތުތަކެއް އެކުލަވާލާ ތަންފީޒުކުރަން އެ ޖަމިއްޔާއިން ރާއްޖެއަށް ގޮވާލި އެވެ.

ޑޮލަރު ރޭޓު ކޮންޓްރޯލްކުރުން، އެކްސްޓާނަލް އިމްބެލެންސް ދަށްކުރުން އަދި ރިޒާވް އިތުރުކުރުން

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބޭރު ފައިސާގެ މައްސަލަ އެވެ. އެގޮތުން ބޭރު ފައިސާ ލިބެމުން އައި ޓޫރިޒަމް ހުއްޓުމަކަށް އައުމާއެކު، މުޅި އިގުތިސޯދަށް ޑޮލަރުގެ ތާށިކަން ކުރިމަތިވި އެވެ.

މިކަންކަން ފާހަގަކުރަމުން އައިއެމްއެފުން ބުނި ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން ސިޔާސަތުތައް ހަރުކަށިކޮށް ތަންފީޒުކުރަން ޖެހެ އެވެ. އަދި އެކްސްޗޭންޖް ރޭޓު ހިފަހެއްޓުމަށާއި ގައުމަށް ވަންނަ ފައިސާއަށް ވުރެ ބޭރުވާ ފައިސާ އިތުރުވާ މައްސަލައިގެ އިތުރުން ރިޒާވް ގިނަ ކުރަން މި ބަދަލު މުހިންމު ކަމަށް އައިއެމްއެފުން ބުނެ އެވެ.

ސިޔާސަތު ހަރުކަށި ކުރަން ބުނި ނަމަވެސް، އައިއެމްއެފުން ވަނީ މަނިޓަރީ ސިޔާސަތު މުރާޖާކުރުމަށާއި އެކްސްޗޭންޖް ރޭޓާ ގުޅޭ އޮނިގަނޑު ބަދަލުކުރަން އެމްއެމްއޭއިން ކުރާ މަސައްކަތަށް މަރުހަބާ ކިޔައިފަ އެވެ. ވަކިން ހާއްސަކޮށް ޑޮލަރު ނޫން އެހެން ފައިސާތަކުން މުއާމަލާތް ކުރެވޭނެ މަގުފަހިކުރަން އެމްއެމްއޭއިން ކުރާ މަސައްކަތްތައް އައިއެމްއެފުން ފާހަގަކުރި އެވެ.

އޭގެ އިތުރުން ސަރުކާރުން އިސްނަގައިގެން މާލީ ހަރުދަނާކަން ރައްކާތެރި ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށާއި މާލީ ހާމަކަން އިތުރުކުރަން ކުރާ މަސައްކަތްތަކަށް ވެސް އައިއެމްއެފުން މަރުހަބާ ކިޔެވެ. އެކަމަކު ބޭންކުތަކަށް ފާރަވެރިވުމާއި ހާމަކަން އިތުރުކުރުމާއި ހިންގުން (ގަވަނަންސް) ހަރުދަނާކުރުމުގެ އިތުރުން ޓެރަރިޒަމް ފައިނޭންސިން އަދި މަނީލޯންޑްރިން ހުއްޓުވަން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ވެސް ޖަމިއްޔާއިން ވަނީ ބާރުއަޅައިފަ އެވެ.

ބޭރު ފައިސާގެ މައްސަލައިގެ އިތުރުން، އާމްދަނީއާ ބައްދަލު ހޭދަކުރުމަށާއި ދަރަނި މެނޭޖުކުރަން ހާއްސަ މަސައްކަތްތަކެއް ރާއްޖެއިން ކުރަން ޖެހޭ ކަމަށް އައިއެމްއެފުން ވަނީ ބުނެފަ އެވެ. އަދި މެދު ރާސްތާގައި އިގުތިސޯދީ ހާލަތު ރަނގަޅު ނަމަވެސް، ކޮވިޑުގެ ބަދަލުވަމުންދާ ހާލަތަށް ރިއާޔަތްކޮށް ސިޔާސަތައް ބަދަލު ގެންނަން އައިއެމްއެފުން ގޮވާލި އެވެ.

އެގޮތުން އައިއެމްއެފުން ވަނީ ދައުލަތުގެ މާލިއްޔަތު އިސްލާހުކުރަން ކުރާ މަސައްކަތުގެ އިތުރުން ފައިސާ ޗާޕުކުރުން މަދުކުރުމަށާއި ދަރަނިން ހޭދަ ކުރުން ކުޑަކުރުމަށާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި ސަރުކާރު ކުންފުނިތަކުގެ ހިރާސް މެނޭޖްކުރަން މިހާރަށް ވުރެ ތަފްސީލީ ޑެޓް މެނޭޖްމަންޓް ސްޓްރެޓަޖީއެއް އެކުލަވާލަން ފެންނަ ކަމަށް ބުނެފަ އެވެ.