Advertisement

އެހެން ގައުމެއްގެ ސިފައިން ތިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން: ނަޝީދު

10 އޮކްޓޯބަރު 2021 - 14:00 6

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ އިސް ވަފްދެއް 2019 ވަނަ އަހަރުގެ ތެރޭގައި އިންޑިއާ ކުރި ރަސްމީ ދަތުރުގައި، ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: މަޖިލިސް


އެހެން ގައުމެއްގެ ސިފައިން ތިބުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން: ނަޝީދު

10 އޮކްޓޯބަރު 2021 - 14:00 6

ގުޅި ލާމެހިފައިވާ އަދުގެ ދުނިޔޭގައި، ގިނަ ގައުމުތަކުގައި އެހެން ގައުމުތަކުގެ ސިފައިން ތިބޭ ކަމަށާއި އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ސޮއި ކުރި މައްސަލަ ޕާޓީގެ ތެރޭގައި ހޫނުވެފައިވަނިކޮށް، ޕާޓީގެ އެތެރޭގެ ވަޓްސްއެޕް ގުރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބަލަންޖެހޭނީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.

އެގޮތުން، އިންޑިއާއަކީ ރާއްޖޭގެ އެންމެ އަވަށްޓެރި އަދި އެންމެ ގާތް ގައުމު ކަމަށާއި، ދިވެހިންނަށް މޮޅުވާނީ ވަކި ފަރާތަކަށް ނުޖެހި ތިބުމުގެ ބަދަލުގައި އިންޑިއާއާއެކު ތިބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމަކަށް އެންމެ ފައިދާ ބޮޑުވާނީ އިންޑިއާއާއެކު ތިބުން ކަމީ ވަރަށް އާދައިގެ މިންވަރަކަށް ވިސްނާލުމުން ވެސް ސާފުވާނެ ހަގީގަތެކެވެ.

"ދުނިޔޭގެ ގިނަ ގައުމުތަކުގައި އެހެން ގައުމުތަކުގެ ސިފައިން ތިބޭ. އެއީ މިއަދުގެ ލާމެހިފައިވާ ދުނިޔޭގައި ކަންބޮޑުވާންޖެހޭ ކަމެއް ނޫން،" އިންޑިއާގެ ދިފާއުގައި އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

އެހީގެ ނިވަލުގައި އިންޑިއާ ސިފައިން ބައިތިއްބަން އުޅޭކަމުގެ ތުހުމަތު

ނަޝީދު މި ގޮތަށް ވިދާޅުވެފައިވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގަނީ ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ބޭތިއްބުމުގެ ބޭނުމުގައި ކަމުގެ ތުހުމަތުތައް އިދިކޮޅުން އިސްވެ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން، އައްޑޫގައި ޕޮލިސް އެކެޑެމީއެއް އެޅުން ފަދަ މަޝްރޫއުތަކުގެ އިތުރުން އިންޑިއާގެ ކޮންސިޔުލޭޓެއް އަޅަނީ އެ ބޭނުމުގައި ކަމަށް ބުނެ އެ އަތޮޅުގެ ޕީޕީއެމް މެމްބަރުން ވެސް ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އަދި އުތުރުތިލަފަޅުގައި ދިވެހި ކޯސްޓްގާޑަށް ޑޮކްޔާޑަކާއި ބަނދަރެއް އިންޑިއާ ސަރުކާރުން އަޅައިދެނީ ހަތިޔާރާއެކު އިންޑިއާ ސިފައިން އެތަނުގައި ތިބެވޭ ގޮތަށް ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ.

އޭގެ އިތުރުން، ހދ. ހަނިމާދޫގެ އެއާޕޯޓު ތަރައްގީކުރާއިރު އެތަނުގައި އިންޑިއާގެ ވައިގެ ސިފައިން ތިބޭނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ނަމަވެސް، ސަރުކާރާއެކު ސަލާމަތީ ބާރުތަކުން ވެސް ދަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ.

އެގޮތުން، ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާފަދަ ގޮތަކަށް ބޭރު ގައުމެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބޭނެ ޖާގަ ނުދޭނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިންޑިއާ މިލިޓަރީ އައުޓް ޕެޓިޝަންގައި ސޮއި ކުރަން ފަށާފައި ވަނީ މިފަހުން އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގަ އެވެ.

އެ ކޯލިޝަނުން ތުހުމަތު ކުރާގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާާގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެއީ ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އެ ކޯލިޝަނުން ދެކެ އެވެ.