Advertisement

އުރީދޫ އާއި އެއްކާފުން ބުނަނީ "ވާނޭ، ވާނޭ، ދިވެހިންނަށް ވާނޭ": ފުޓްބޯޅައިގެ ޖޯޝުން ފުރިފައިވާ ލަވައެއް

10 އޮކްޓޯބަރު 2021 - 08:52 0

ވާނޭ ވާނޭ ލަވައިގެ ވީޑިއޯ އިން ނަގާފައިވާ މަންޒަރެއް.


އުރީދޫ އާއި އެއްކާފުން ބުނަނީ "ވާނޭ، ވާނޭ، ދިވެހިންނަށް ވާނޭ": ފުޓްބޯޅައިގެ ޖޯޝުން ފުރިފައިވާ ލަވައެއް

10 އޮކްޓޯބަރު 2021 - 08:52 0

ދިވެހިންނަކީ ފުޓްބޯޅައިގެ ބައެކެވެ. މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕާ އެކު، ދިވެހިންގެ މެދުގައި "ފުޓްބޯލް ފީވާ" ފެތުރިއްޖެ އެވެ. މި ފޯރިއާ އެކު، މި މުބާރާތަށް ހާއްސަކޮށްގެން ގިނަ ލަވަތަކެއް ނެރެފި އެވެ.

މުބާރާތަށް ހާއްސަ ލަވަތަކުގެ ސިލްސިލާ އަށް މި އިތުރުވީ، މުބާރާތުގެ ޓައިޓަލް ސްޕޮންސާ އުރީދޫ އާއި "އެއްކާފު" ޕްރޮޑަކްޝަން ސްޓޫޑިއޯ އިން ތައްޔާރުކުރި ލަވައެވެ. މި ލަވައިގެ ޓައިޓަލް އިން ދެނީ، ވަރަށް މާނަ ތިލަ، އެކަމަކު ވެސް ހިތްވަރު ދޭ މެސެޖެކެވެ. އެއީ "ވާނޭ،ވާނޭ، ދިވެހިންނަށް ވާނޭ،" އެވެ.

މި ލަވައިގެ ވީޑިއޯ އުރީދޫން އިން މިހާރު ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައިވާއިރު، ވަރަށް ގިނަ ބަޔަކަށް ވަނީ މި ލަވަ ކަމުގޮސްފަ އެވެ. މި ލަވައިގެ ވޯކަލިސްޓުންނަކީ ޝަލަބީ އިބްރާހިމައި ޔާޑޭ އާއި މަރިޔަމް މައީޝާ އަދި ނަސްމާ އަބްދުލް މުހުސިނެވެ.

މި ލަވައިގެ ވީޑިއޯ އިން ތަފާތު މަންޒަރުތަކެއް ފެނެ އެވެ. ދިވެހި ގައުމީ ޓީމުގެ އިތުރުން، ދިވެހިންގެ މަސައްކަތްތެރިކަން ވެސް މި ލަވައިގެ ވީޑިއޯ އިން ފެނެ އެވެ. އަދި ލަވައިގެ ފަހުކޮޅު، ލަވައިގެ ޓައިޓަލް ކަމަށްވާ "ވާނޭ، ވާނޭ، ދިވެހިންނަށް ވާނޭ،" ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޑައަލެކްޓް އިން ކިޔައިފަ އެވެ.

މި ލަވައިގެ ޕްރޮޑަކްޝަން މަސައްކަތްކުރި އެއްކާފު ޕްރޮޑަކްޝަންސްގެ ފަރާތުން އަހުމަދު ޒަރީރު (ޒައްރެ) ބުނީ ލި ލަވަ އަކީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފޯރިގަދަ ލަވައެއް ވައިގައި ހިތްޕާލަން ބޭނުންވެގެން ހެދި ލަވައެއް ކަމަށެވެ. އަދި މި ލަވައިގެ މަސައްކަތް ފެށީ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ބަލިވި ފަހުން ކަމަށާއި މިއީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ މަސައްކަތެއް ކަމަށެވެ.

"ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހެދި ލަވައެއް މިއީ. އަސްލު ބޭނުންވީ ސާފަށް، ފުޓްބޯޅައިގެ ފޯރި އާއި ޖޯޝު ގެނުވާނެ ލަވައެއް ހަދަން ބޭނުންވީ،" ޒައްރެ ބުންޏެވެ.

"މި ލަވައިގެ މަސައްކަތުގައި އުޅުނު ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރަން. ހާއްސަކޮށް، މި ލަވަ ކޮމްޕޯޒްކުރި މުނާޒާއި ލަވަކިއުންތެރިން (ޔާޑޭ، ޝަލަބީ، މައީޝާ އަދި ނަސްމާ) އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން."

ޒައްރެ ބުނީ ސާފް ޗެމްޕިއަންޝިޕްގެ ތެރޭގައި ބޭނުންކުރުމަށް، މި ލަވަ މިހާރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ވެސް ހަދިޔާކޮށްފައިވާ ކަމަށެވެ.