Advertisement

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހު ދައްކަންވީ ވާހަކަތައް

10 އޮކްޓޯބަރު 2021 - 12:07 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހު ދައްކަންވީ ވާހަކަތައް

10 އޮކްޓޯބަރު 2021 - 12:07 0

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަސް ހާއްސަވަނީ މުޅި ދުނިޔޭގައި ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަށެވެ. އާންމު ސިއްހަތުގެ އެހެން ދާއިރާތަކަށް ދެވޭ އަހަންމިއްޔަތުކަން އަދިވެސް ދެވިފައިނުވާ ނަފްސާނީ މައްސަލަތަކާއި ބެހޭ މައުލޫމާތާއި ހޭލުންތެރިކަން އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ފާހަގަކުރާ މި ދުވަސް ދުނިޔޭގައި އެންމެ ފުރަތަމަ ފާހަގަ ކުރަންފެށީ 1992 ގަ އެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި އަހަރަށް ކަނޑައަޅާފައިވާ ޝިޔާރަކީ "އެންމެނަށް މެންޓަލް ހެލްތު ކެއާ: ހަގީގަތަކަށް ހަދަމާ" މި އެވެ.

މި ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ކޮވިޑް19 ގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފަ އެވެ. މިގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ކިޔަވާ ކުދިންނާ، އެކަނި ދިރިއުޅެމުންދާ ފަރާތްތަކާ އަދި ކުރިންވެސް ނަފްސާނީ މައްސަލަތައް ތަހައްމަލު ކުރަމުން ދިޔަ މީހުންނަށް މިކަމުގެ ސަބަބުން ކުރި އަސަރު މާ ބޮޑުކަމަށްވެސް މި ޖަމިއްޔާއިން ބުނެފައިވެ އެވެ.

ރާއްޖޭގެ ހާލަތަކީ ކޮބާ؟

މިފަދަ ތީމަކާއެކު މިއަހަރު ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރާއިރު ރާއްޖޭގެ ހާލަތާއި މެދު މި ދާއިރާގެ ގިނަ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އައިޖީއެމްއެޗް ގައި ސައިކޭޓްރިސްޓަކަށް ދެއްކުމަށްޓަކައި މިފަހުން ދެހާސް މީހުން ވެއިޓިން ލިސްޓްގައި ތިބިއިރު ޕްރައިވެޓް ސެކްޓަރުގައި އެންމެ އެޕޮއިންޓްމަންޓްގެ އަގު އުޅެނީ -/500 ރުފިޔާ ގަ އެވެ.

ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑާ އަދި ސައިކޮލޮޖިސްޓް ނަދާ ޝަރީފް ވިދާޅުވި ގޮތުގައި ނަފްސާނީ ބައްޔެއް ތަހައްމަލުކޮށް ފަރުވާއެއް ނުލިބި ލަސްވާ ކޮންމެ ވަގުތަކީވެސް ބަލިމީހާއަށް އޭގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެކެވެ. ރާއްޖޭގައި ނަފްސާނީ މައްސަލަތައް ދިމާވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ހުރިހާ އެންމެންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ވަރަށް މީހުންނާއި، ވަސީލަތްތައް ރާއްޖޭގައި ނެތްކަންވެސް ނަދާ ފާހަގަކުރެއްވި އެވެ.

"ކަޕުލް ތެރަޕީ ނަގަން އެޕޮއިންޓްމަންޓް ހަދާތާ ދެތިން މަސް ފަހުން މި ގުޅާލެވެނީ. ގުޅާލާއިރު މިބުނަނީ ބޭނުމެއް ދެނެއް ނެތޭ، މިހާރު އެކަން ނިމިއްޖޭ (ވަރިވެއްޖެއޭ)،" އަމިއްލަ ތަޖުރިބާތައް ހިއްސާކުރައްވަމުން ނަދާ ވިދާޅުވި އެވެ.

މީގެއިތުރުން ޑިޕްރެޝަން ފަދަ ކަންކަމަކީ ބޮޑެތި ބަލިތައްކަން ފާހަގަކޮށް، ފަރުވާއެއް ނުލިބި މަޑުކުރަންޖެހުމުން އެމީހެއްގެ ހާލަތު ގޯހުން ގޯހަށް ދިއުމުގެ ފުރުސަތު ބޮޑުއިރު، ކުޑަކުއްޖެއްނަމަ ކިޔެވުމަށާ، ކެއުމަށާ އަދި އުޅުމަށްވެސް ގިނަ ބަދަލުތަކެއް އަންނާނެ ކަމަށް ނަދާ ވިދާޅުވި އެވެ.

އެއާއެކު ސައިކޭޓްރިސްޓެއް ނުވަތަ ސައިކޮލޮޖިސްޓެއްގެ އެހީތެރިކަން ލިބެންދެން މަޑުކޮށްގެން ތިބޭ ވަގުތުގައިވެސް އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ނަދާ ފާހަގަކުރެއްވި އެވެ.

ވަކި ޑޮކްޓަރަކަށް ދައްކަން މަޑު ނުކޮށް ލިބެން ހުރި އެހީއެއް ހޯދާ

ގިނަ ފަހަރު އަހަރެމެންނަށް މަޑުކުރެވެނީ ބޭނުންވާ ވަކި ޑޮކްޓަރަކަށް ދެއްކުމަށެވެ. އެހެންނަމަވެސް އެއީ ދިގު އިންތިޒާރަކަށްވާއިރު، އެފަދައިން މަޑު ނުކޮށް އެވަގުތަކު އެންމެ ފަސޭހައިން ދެއްކެން އޮތް ޑޮކްޓަރަކަށް ދެއްކުން މުހިންމު ކަމަށް ނަދާ ވިދާޅުވި އެވެ. އެއީ އަދި މެޑިކަލް އެހެން ޑޮކްޓަރެއް ކަމުގައިވިޔަސް މައްސަލައެއް ނެތެވެ. ހެލްތު ކެއާ ސިސްޓަމްގެ ތެރެއިން އެހީ ލިބެން އޮތް ގޮތަކަށް ލަސްނުކޮށް އެހީ ހޯދާށެވެ.

ކަސްރަތު ނުވަތަ ކޮންމެވެސް ފިޒިކަލް އެކްޓިވިޓީއެއްގައި ބައިވެރިވެލާ

ހެލިފެލިވެއުޅުން އިތުރުކޮށް ގަވާއިދުން ކޮންމެވެސް ކަހަލަ ކަސްރަތެއް ނުވަތަ ކުޅިވަރެއް ކުޅުމަކީވެސް ތިމާގެ ނަފްސާނީ ދުޅެހެޔޮކަން އިތުރުކޮށްދޭނޭ ކަމެކެވެ. މިފަދަ ހަރަކާތްތަކުން އެންޒައިޓީއާ ޑިޕްރެޝަން އަދި ނެގެޓިވް މޫޑު ދައްކޮށްދީ ސެލްފް އެސްޓީމް އާއި ކޮގްނިޓިވް ފަންކްޝަން އިތުރުކޮށްދެ އެވެ.

ރަނގަޅު ކާނާ ގަޑިން ގަޑިއަށް ކެއުން

ނަދާ ވިދާޅު ވިގޮތުގައި ކާއެއްޗެހީގެ ސަބަބުންވެސް މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާނެ އެވެ. މިގޮތުން ވިޓަމިންސް، މިނަރަލްސް، މެގްނީޒިއަމް، ފޮލޭޓް އަދި ވިޓަމިން ޑީ ފަދަ މާއްދާތައް ގިނައިން ބޭނުންކުރުމަކީ ހަށިގަނޑުން ސްޓްރެސް ހޯމޯންގެ ލެވެލް ކުޑަ ކޮށްދޭނޭ ކަމެކެވެ. އަދި ގިނައިން ފެންބޮއެ ހައިޑްރޭޓް ކުރުމަކީވެސް ލުއި ލިބިދާނެ ކަމެކެވެ.

ރިލެކްސޭޝަން އެކްސަސައިޒްތައް ހެދުން

ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެވެސް ވަކި ހާއްސަ ވަގުތުކޮޅެއް އަމިއްލަ ނަފްސަށް ހުސްކޮށްލުމަކީ ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. މި ވަގުތުކޮޅުގެ ތެރޭގައި މީހާ ހަމަޖައްސާލަދޭން އެހީތެރިވެދޭނެ ފަދަ ކާމިން އެކްސަސައިޒްތަކެއް ހެދިދާނެ އެވެ. މިގޮތުން ފުންކޮށް ނޭވާލުމަކީ ވަރަށް ފަސޭހައިން ކުރެވޭނެ ފައިދާހުރި ކަމެއްކަމަށް ނަދާ ބުންޏެވެ.

އިތުބާރުކުރެވޭ މީހަކާ ހިއްސާކުރޭ

ނަފްސާނީގޮތުން މީހާ އެންމެ ބަލިކޮށްލާ އެއްކަމަކީ ހުރިހާ އިހުސާސަކާ، ފިކުރެއް ހިތުގައި ބަންދުކޮށްގެން ހުރުމެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި މާ ބޮޑަށް އުނދަގޫވާނަމަ އިތުބާރު ކުރެވޭ އާއިލާގެ މެންބަރެއް ނުވަތަ ރަހުމަތްތެރިއަކާ ނަމަވެސް އެވާހަކަތައް ހިއްސާކުރުން މުހިންމެވެ. އެފަދަ މީހެއް ނެތްނަމަ ދެން އޮތީ އެ ހުރިހާ އިހުސާސެއް ލިލެލުން ނުވަތަ ޖޯނަލް ކުރުމެވެ.

އަލާމާތްތައް މާ ގޯސްވާނަމަ އެމެޖެންސީ ފަރުވާ ހޯދާ

ޑިޕްރެޝަން ފަދަ ބަލިތަކަކީ އެގެ ސަބަބުން މީހާގެ އާންމު ދިރިއުޅުމަށްވެސް ބޮޑެތި އުނދަގޫތަކެއް ދިމާވާނެ ކަމެކެވެ. މިގޮތުން ބައެއް ފަރާތްތަކަށް ހެނދުނު އެނދުން ތެދުވާންވެސް އުނދަގޫވެ އެވެ. އެހެންކަމުން އެމީހެއްގެ ހާލަތު ގޯސްވާ ކަމުގައިވާނަމަ ވީއެންމެ އަވަހަށް ހޮސްޕިޓަލަކުން އެމެޖެންސީ ފަރުވާ ހޯދުން މުހިންމުކަމަށް ނަދާ ވިދާޅުވި އެވެ.

މާހައުލު ބަދަލުކޮށްލާ

ވަކި ކަމަކާ މާ ބޮޑަށް ވިސްނި ފިކުރުކުރެވި އޭގެ ސަބަބުން އުނދަގޫތަކެއްވާނަމަ މާހައުލު ބަދަލުކޮށްލުމަކީވެސް ބައެއްފަހަރު ލުއިވެދާނެ ކަމެކެވެ. މިގޮތުން އެމީހަކު ހުރި ތަނަކުން ބޭރުވެ އެހެން ދިމާލަކަށް ދަތުރުކޮށްލެވިދާނެ އެވެ. ނޫނީ ބީޗާއި ޕާކް ފަދަ ތަންތަނަކީވެސް ގޮސްލުމުން ސިކުނޑި ތާޒާ ކޮށްލަދޭނޭ ތަނަކަށްވެދާނެ އެވެ.