Advertisement

ރާއްޖެ އަށް އިންޑޯ ކްރިކެޓް ތައާރަފްކޮށް، ދުރުރާސްތާ ޕްލޭންގެ ލޯގޯ ދައްކާލައިފި

9 އޮކްޓޯބަރު 2021 - 20:52 0

އިންޑޯ ކްރިކެޓް ފެއްޓުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ރާއްޖެ އަށް އިންޑޯ ކްރިކެޓް ތައާރަފްކޮށް، ދުރުރާސްތާ ޕްލޭންގެ ލޯގޯ ދައްކާލައިފި

9 އޮކްޓޯބަރު 2021 - 20:52 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ރާއްޖެ އަށް އިންޑޯ ކްރިކެޓް ތައާރަފްކުރުމުގެ އިތުރުން ސީބީއެމް އިން ދުރުރާސްތާ ޕްލޭނެއްގެ ތެރެެއިން ކްރިކެޓް ކުރިއަރުވަން ކުރާ މަސައްކަތުގެ ލޯގޯ މިއަދު ދައްކާލައިފި އެވެ.

ސީބީއެމް އިން މިއަދު ކުޅިވަރު އެކުވެނި ކްރިކެޓް އިންޑޯ ކޯޓުގައި ބޭއްވި އިވެންޓް ޝަރަފްވެރި ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އެވެ. މި އިވެންޓްގައި ކްރިކެޓް ބޯޑުގެ އިސް ވެރިންގެ އިތުރުން ކުރިން ކްރިކެޓް ގައުމީ ޓީމަށް ކުުޅުނު ކުޅުންތެރިންނާއި މިހާރުގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ބައިވެރިވި އެވެ.

އިންޑޯ ކްރިކެޓް ފެއްޓުމުގެ ގޮތުން ހާއްސަ މެޗެއް ކުޅެވިގެން ދިޔައިރު، ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ވެސް ކުޅުއްވި އެވެ. މީގެ އިތުރުން ރާއްޖޭގެ ކްރިކެޓްގެ އިސް ފަރާތްތަކުން ވެސް ވަނީ މި ހާއްސަ މެޗުގައި ކުޅެފަ އެވެ.

މި މެޗުގައި ރައީސް ކުޅުއްވީ "ޕްރެޒިޑެންޓް އިލެވަން" ޓީމަށެވެ. ނައިބު ރައީސް ކުޅުއްވީ "ވައިސް ޕްރެޒިޑެންޓް އިލެވަން" ޓީމަށެވެ. ފުރަތަމަ އިންޑޯ މެޗު ކާމިޔާކުރީ ނައިބު ރައީސްގެ ކެޕްޓަންކަމުގައި ކުޅުނު ޓީމުންނެވެ.

މިއަދުގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ 2020 ވަނަ އަހަރު ކްރިކެޓް ބޯޑާ އާ އެގްޒެކްޓިވް ކޮމިޓީން ހަވާލުވުމަށް ފަހު ކުރިމަތިލާން ޖެހުނީ އެހެން ހުރިހާ ކުޅިވަރުތަކެކޭ އެއްގޮތަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކަމަށެެވެ. ކޮވިޑް-19ގެ ސަބަބުން އެކި ދަތިތައް އެ އެސޯސިއޭޝަނަށް ވެސް ވަނީ ދިމާވެފަ އެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބެޓް ކުރައްވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


"އަމަލީ ގޮތުން އެއްވެސް ކަމެއް ނުކުރެވޭ އެހެން ނަމަވެސް ކްރިކެޓް ހިންގުމާ އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗާތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވޭ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ޔޫތު ލެވަލްގެ ކުޅުންތެރިން އުފެއްދުމަށްޓަކައި ވައިޑީޕީގެ ހާއްސަ ސްޓްރަކްޗާއެއް ހެދިފައިވާ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބުނުހާ އަަވަހަކަށް އެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ. އެ މަސައްކަތުގެ އިތުރުން ސީބީއެމްގެ އެޑްމިނިސްޓްރޭޝަންގެ ހުރިހާ ދާއިރާއެއްގައި ސްޓޭންޑާޑް އޮޕަރޭޝަން ޕްރޮސީޖާސްތަކެއް ގާއިމްކޮށް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން މަސައްކަތްތައް ކުރެވެމުންދާ ކަން ވެސް ފައިސަލް ވަނީ ފާހަގަކުރައްވައިފަ އެވެ.

"ޕްރެކްޓިކަލީ ކްރިކެޓް ނުކުޅެވުނަސް ހިންގުމުގެ ދާއިރާގައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވެމުން މިދަނީ،" ފައިސަލް ވިދާޅުވި އެވެ.

އިންޑޯ ކްރިކެޓް އިފްތިތާހު ކުރުމުގެ އިވެންޓްގެ ތެރެއިން ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލް (ކ) އާއި ނައިބު ރައީސް ފައިސަލް ނަސީމް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ކްރިކެޓް ބޯޑުން ދެން އެންމެ އިސްކަމެއްގެ ގޮތުގައި ކުރަމުން އަންނަނީ 2030 ވަނަ އަހަރަށް އަމާޒުކޮށް ދުރުރާސްތާ ޕްލޭނެއް ތައްޔާރުކުރުމުގެ ކަންކަމެވެ. އޭގެ ގިނަ ކަންކަން މިހާރު ވެސް ރޭވެމުންދާއިރު، ޕާޓްނަރުންތަކެއް ވެސް ދަނީ ކަނޑައަޅަމުންނެވެ.

އެ ގޮތުން މިއަދު ވަނީ "ހިތާއި ރޫހުން ކުޅޭށެ ކްރިކެޓް" ގެ ލޯގޯ ދައްކާލައިފަ އެވެ. މި ލޯގޯ ފަރުމާކޮށްފައިވަނީ ކުޅަދާނަ ޑިޒައިނަރު އަބްދުﷲ ޝަފީއު (އަބޯ) އެވެ.

މިގެ އިތުރުން މިއަދު ވަނީ މިލާން ކްރިކެޓް އެކެޑަމީގެ ފަރާތުން ގައުމީ ކްރިކެޓް ޓީމަށް ހަދިޔާކުރި ކްރިކެޓް ލޯންޖް ވެސް ހުޅުވައިފަ އެވެ. މި ލޯންޖަށް ނަންދެވިފައިވަނީ "ޖަލީލް މާލަމް" ގެ ގޮތުގަ އެވެ. އެއީ މިލާން ކްރިކެޓް އެކެޑަމީގެ ރައީސް އަދި ކޯ ފައުންޑާ ފަރުހަތު ޖަލީލް (ފަރޫ)، ބައްޕަ ޖަލީލް އަށް ޑެޑިކޭޓްކޮށް ހުޅުވި ލޯންޖެކެވެ.

ފައިސަލް ވަނީ މި ފަދަ އަގުހުރި ހަދިޔާއެއް ދިވެހި ކްރިކެޓަށް ދެއްވީތީ ފަރުހަތަށް ކްރިކެޓްގެ އާއިލާ އެންމެންގެ ނަމުގައި ހާއްސަ ޝުކުރު ދަންނަވައިފަ އެވެ.