Advertisement

އެމްޖޭއޭގެ ރައީސް ކަމުން ހަމްދޫން އިސްތިއުފާ ދީފި

9 އޮކްޓޯބަރު 2021 - 15:42 0

ހަމްދޫން: އޭނާ އެމްޖޭއޭގެ ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވާފައި


އެމްޖޭއޭގެ ރައީސް ކަމުން ހަމްދޫން އިސްތިއުފާ ދީފި

9 އޮކްޓޯބަރު 2021 - 15:42 0

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމްދޫން އިސްތިއުފާ ދެއްވައިފި އެވެ.

އެމްޖޭއޭގެ ރައީސް ކަމުން ހަމްދޫން މިއަދު އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވީ އަދާ ކުރައްވަމުންދާ ވަޒީފާ އާއި ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން, އެމްޖޭއޭގެ ރައީސްގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތަކަށް ވަގުތު ނުދެވޭތީ ކަމަށެވެ.

ހަމްދޫން ގެންދަވަނީ "އަދަދު"ގެ މެނޭޖިން އެޑިޓަރުގެ މަގާމު ފުރުއްވަމުންނެވެ.

އެމްޖޭއޭގެ ރައީސް ކަމަށް ހަމްދޫން, ނޫސްވެރިންގެ ވޯޓުން އިންތިހާބު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ އެވެ. އެއީ, ހަ އަހަރު ދުވަހު އެ ޖަމިއްޔާ ހުއްޓިފައި އޮތުމަށްފަހު އަލުން ޖަމިއްޔާ ހިންގުމަށް ހާއްސަގޮތުން ކުރާ އާއްމު ޖަލްސާގަ އެވެ.

ނޫސްވެރިކަމާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އެމްޖޭއޭ ވުޖޫދުކުރީ މީގެ 11 އަހަރުކުރިންނެވެ.

އެމްޖޭއޭގެ ރައީސް ކަމުން ހަމްދޫން އިސްތިއުފާ ދެއްވާފައިވާއިރު, ޖަމިއްޔާގެ އެކްސްކޯގައި ރައީސްގެ އިތުރުން ފަސް މެންބަރުން ތިބެ އެވެ.

އެއީ ނައިބު ރައީސްގެ މަގާމުގައި ހުރި އަލީ ރިފްޝާނާއި ޖަމިއްޔާގެ ސެކްރެޓްރީ ޖެނަރަލް އަހުމަދު ނާއިފާއި, ބަޖެޓް ސެކްރެޓްރީ ނާޒިމް ހަސަން އަދި އާންމު ދެ މެންބަރުން ކަމަށްވާ މުހައްމަދު ޖުނައިދު އަދި ފާތިމަތު ސާޔާ އެވެ.

އެމްޖޭއޭއިން މިހާރު ގެންދަނީ އެ ޖަމިއްޔާގެ އަސާސީ ގަވައިދު އިސްލާހުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.