Advertisement

މިނިމަމް ވޭޖް: ބަޖެޓަށް 600 މިލިއަން ރުފިޔާގެ ޑައިރެކްޓް އިމްޕެކްޓެއް

9 އޮކްޓޯބަރު 2021 - 10:26 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ސަރުކާރު ވުޒާރާތަކުގެ މުވައްޒަފުން: މި މުވައްޒަފުންގެ އެންމެ ކުޑަ މުސާރައިގެ ގޮތުގައި ފާސްކުރަން ފޮނުވާފައި ވަނީ 7،000ރ. -- ފޮޓޯ:ހުސެއިން ޝަޔާހް/އަދަދު


މިނިމަމް ވޭޖް: ބަޖެޓަށް 600 މިލިއަން ރުފިޔާގެ ޑައިރެކްޓް އިމްޕެކްޓެއް

9 އޮކްޓޯބަރު 2021 - 10:26 0

ސަރުކާރުގެ މުވައްޒަފުންނަށް އެންމެ މަދުވެގެން މަހެއްގެ މައްޗަށް ދެވޭނެ މުސާރަ ކަނޑައެޅުމުން އަންނަ އަހަރުގެ ބަޖެޓަށް 600 މިލިއަން ރުފިޔާގެ ޑައިރެކްޓް އިމްޕެކްޓެއް ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މިނިމަމް ވޭޖް ބޯޑުން ސިވިލް ސާވިސް މުވައްޒަފުންގެ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅައި މިނިސްޓަރަށް ފޮނުވާފައި ވަނީ ގަޑި އިރަކަށް 33.65ރ. އެވެ. މިއީ ދުވާލަކު ހަ ގަޑި އިރު މަސައްކަތްކުރާނަމަ މަހަކު އެންމެ މަދުވެގެން 7،000ރ. އެވެ.

ބޯޑުން އަރުވާފައިވާ ލަފަޔަށް މި ފެށޭ ހަފުތާގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލު ގޮތެއް ނިންމަވާނެ އެވެ.

މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅައި އަންނަ އަހަރުން ފެށިގެން އެކަން ތަންފީޒުކުރަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅި މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ ރިޕޯޓުގައި އަންނަ އަހަރަށް އަންދާޒާކޮށްފައި ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް އަންދާޒުކުރި ބަޖެޓުގައި މިނިސްޓްރީން ސަރުކާރު ވުޒާރާތަކުގެ މުވައްޒަފުންނަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 8.4 ބިލިއަން ރުފިޔާ އެވެ.

މިނިމަމް ވޭޖް އާއި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރެވޭ ގޮތަކުން މުވައްޒަފުންގެ ޕެންޝަނަށްދާ ހަރަދަށްވެސް ބަދަލު އަންނާނެ އެވެ. މިހާރު ޕެންޝަން ހަރަދުގެ ގޮތުގައި އަންދާޒާކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާ އެވެ.

މި އަދަދުތައް އަންދާޒާކޮށްފައި ވަނީ ނެޝަނަލް ޕޭ ހާމަނައިޒޭޝަން އަދި މިނިމަމް ވޭޖާށް ރިއާޔަތް ނުކޮށެވެ.

އަންނަ އަހަރަށް ޕޭ ހާމަނައިޒޭޝަން އަދި މިނިމަމް ވޭޖް ތަންފީޒުކުރަން ފަށާ ނަމަ މިހާރު އަންދާޒާކޮށްފައިވާ ބަޖެޓުގެ ނަންބަރުތަކަށް ބަދަލުގެންނަން ޖެހޭނެ އެވެ.

"އަދަދު" އަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވިދާޅުވީ މިނިމަމް ވޭޖް ފާސްކުރުމުން މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލަށް ބަލައި 400 މިލިއަން ރުފިޔާ އާއި 600 މިލިއަން ރުފިޔާއާ ދެމެދުގެ ޑައިރެކްޓް އިމްޕެކްޓެއް ބަޖެޓަށް ކުރާނެ ކަމަށެވެ.

މިއީ މިނިސްޓްރީން އަންދާޒާކޮށްފައިވާ ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްސް އަށް ކަނޑައަޅާފައިވާ 500 މިލިއަން ރުފިޔާ ގެ ސީލިންގަށް ވުރެވެސް އިތުރު އަދަދެކެވެ.

މިނިމަމް ވޭޖާ އެކު ބަޖެޓަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.

މި ބަދަލުތަކާއެކު ބަޖެޓުގެ އެހެނިހެން ހަރަދުތައް ކުޑަކޮށް ބަޖެޓުގެ ތެރެއިން ޖާގަހަދަން ޖެހޭނެ އެވެ. ނުވަތަ މިހާރު އަންދާޒާކޮށްފައިވާ ބަޖެޓު ބޮޑުކުރަން ޖެހޭނެ އެވެ.

އަންނަ އަހަރުގެ ބަޖެޓު 40 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ވެއްޖެ ނަމަ ފައިނޭންސްކުރުމަށް ބޭނުންވާ މިންވަރު އިތުރުވެ ފައިނޭންސިން ހޯދަން އުނދަގޫވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ބަޖެޓުގައި ހިފެހެއްޓުމަށް ހަރަދު ކުޑަކުރަން ޖެހޭ އިރު، ކޮވިޑް-19 އާ ގުޅިގެން އިތުރުވާ ދަރަނި އަދާކުރުމަށްވެސް މެދުރާސްތާގެ ހަރަދު ކޮންޓްރޯލްކުރަން ޖެހެ އެވެ.