Advertisement

ސައުދީ އެއާޕޯޓަށް ދިން ހަމަލާގައި 10 މީހުން ޒަހަމްވެއްޖެ

9 އޮކްޓޯބަރު 2021 - 10:29 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަމަލާ ދިނީ ޖަޒަން ސިޓީގެ ކިންގް އަބްދުﷲ އެއާޕޯޓަށް.


ސައުދީ އެއާޕޯޓަށް ދިން ހަމަލާގައި 10 މީހުން ޒަހަމްވެއްޖެ

9 އޮކްޓޯބަރު 2021 - 10:29 0

ރިޔާދް، ސައުދީ އަރަބިއްޔާ (އޮކްޓޯބަރު 9) - ސައުދީ އަރަބިއްޔާ އާއި ޔަމަނު ގުޅޭ ހިސާބުގައިވާ ޖަޒަން ސިޓީގައި ހުންނަ އެއާޕޯޓަކަށް ހުކުރު ދުވަހު ދިން ދެ ހަމަލާއެއްގައި 10 މީހުން ޒަހަމްވެއްޖެ އެވެ.

ޔަމަނުގައި ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ސައުދީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ "ނުރައްކާތެރި ދެ ޕްރޮޖެކްޓައިލް ކިންގް އަބްދުﷲ އެއާޕޯޓުގެ ތެރެއަށް ވެއްޓުމުން" 10 މީހުން ޒަހަމްވި ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ދެ ހަމަލާ ވެސް ދިނީ ގޮވާ ޒާތުގެ ތަކެތި ހަރުކޮށްފައިވާ ޑްރޯން އެއާޕޯޓު ސަރަހައްދަށް ފޮނުވައިގެންނެވެ. މީގެ ކުރިން ވެސް މިފަދަ ހަމަލާތައް ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށްފައި ވެ އެވެ.

ޔަމަނުގައި ސައުދީ ކޯލިޝަނުން ހަރަކާތްތެރި ވަނީ ބައިނަލްއަގްވާމީ މުޖުތަމައު ބަލައިގަންނަ ޔަމަނު ސަރުކާރުގެ ފައުޖަށް އެހީވުމަށެވެ. އެ ފައުޖުން ހަނގުރާމަ ކުރަނީ އިރާނުގެ އެއްބާރުލުމާއެކު ވަކިވެގަނެގެން އުޅޭ ހޫތީންނާ ދެކޮޅަށެވެ.

މިދިޔަ ބުދަ ދުވަހު ވެސް ޑްރޯން ހަމަލާއެއް ފޮނުވި އެވެ. އަބްހާ އެއާޕޯޓަށް ފޮނުވި އެ ހަމަލާގައި ހަތަރު މީހުން ޒަހަމްވި ކަމަށް ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނެ އެވެ.

އޭގެ ކުރިން އޯގަސްޓު 31 ވަނަ ދުވަހު ހަމަ އެ އެއާޕޯޓަށް ދިން ހަމަލާއެއްގައި އަށް މީހުންނަށް އަނިޔާވެ، ވައިގެ އުޅަނދަކަށް ގެއްލުންވި އެވެ.

ސައުދީން އިސް ނަގައިގެން އުފެއްދި އަސްކަރީ ކޯލިޝަނުން ޔަމަން ހަނގުރާމައިގައި ބައިވެރިވީ 2015 ވަނަ އަހަރު އެވެ. ސައުދީން ތާއީދު ކުރަނީ ބައިނަލްއަގްވާމީ މުޖްތަމައިން ބަލައިގަންނަ ޔަމަނުގެ އިންތިހާބީ ސަރުކާރަށެވެ.

ސައުދީ ކޯލިޝަނުގެ ސިފައިން ޔަމަނަށް އެރީ ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަނާ ހިފުމުންނެވެ. އިރާނުގެ ތާއީދާއެކު އޮޕަރޭޓު ކުރާ ހޫތީން ވަނީ ޔަމަނުގެ ބޯޑަރު ހުރަސްކޮށް، ގިނަ ހަމަލާތަކެއް ސައުދީ އަރަބިއްޔާ އަށް ދީފަ އެވެ.

ފަހަކަށް އައިސް ހަމަލާ ދިނުމަށް ބޭނުން ކުރަނީ ޑްރޯން އަދި މިސައިލެވެ. ޔަމަނުގެ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައި ވާއިރު، އެތައް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އދ. އިން ސިފަކުރީ ގޮތުގައި ޔަމަނަށް ދިމާވެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާ އެވެ.

ހަނގުރާމަ ނިމުމަކަށް ގެންނަން އދ. އިން ބާރު އަޅަމުން ދާއިރު، ހޫތީން ޑިމާންޑު ކުރަނީ ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރިން ސަނާ އެއާޕޯޓު އަލުން ހުޅުވުމަށެވެ. ސައުދީގެ މަސައްކަތުން އެ އެއާޕޯޓު ބަންދު ކުރީ 2016 ގަ އެވެ.