Advertisement

ރުޑިގާ އަށް ރެއާލާއި ބަޔާނުން ޝައުގުވެރިވޭ

9 އޮކްޓޯބަރު 2021 - 07:39 0


ރުޑިގާ އަށް ރެއާލާއި ބަޔާނުން ޝައުގުވެރިވޭ

9 އޮކްޓޯބަރު 2021 - 07:39 0

މިއުނިކް (އޮކްޓޫބަރު 9) - ޗެލްސީ އަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ރުޑިގާ ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ރުޑިގާއާ އެކު ޗެލްސީން ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން އެ ކްލަބުން ކުރަމުން އަންނަ މަސައްކަތަށް އަދި އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ. އެއީ ރުޑިގާ ކިޔާ މުސާރަ ބޮޑުުވުމުންނެވެ.

ރުޑިގާ މި ވަގުތު ޗެލްސީގެ ކޮންޓްރެކްޓްގައި ހުރީ އަހަރަކު ހަ މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. އަލުން ކޮންޓްރެކްޓް އާ ކުރަން އޭނާ ބޭނުންވަނީ މިހާރު ހުރި ކޮންޓްރެކްޓްގެ ދެ ގުނަ ބޮޑު މުސާރަ އެކެވެ.

ރެއާލުން ރުޑިގާ ގެންދަން ބޭނުންވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ގެއްލުނު ސާޖިއޯ ރާމޯސް އާއި ރަަފައެލް ވަރާން ނެތްތަނަށް ހައްލު ހޯދުމަށެވެ. ރެއާލުން ބޭނުންނަމަ ޖެނުއަރީ މަހު ރުޑިގާއާ އެކު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވިދާނެ އެވެ. އެއީ އަންނަ އަހަރު ޖުލައި މަހު އެ ޓީމާ ގުޅޭ ގޮތަށެވެ.

ބަޔާނުން ރުޑިގާ އަށް ޝައުގުވެރިވާކަން ޖަރުމަނު މީޑިއާ އިން ރިޕޯޓްކުރުމާ އެކު ރުޑިގާ ވަނީ މީޑިއާ އަށް އިންޓަވިއުއެއް ދީފަ އެެވެ. ރުޑިގާ ބުނީ ބަޔާނުން އޭނާ އަށް ޝައުގުވެރިވުމަކީ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށާއި އެކަމަކު މި ވަގުތު ޗެލްސީގައި ހުރީ އުފަލުން ކަމަށެވެ.

ޖަރުމަނުގެ ސްޓުޓްގާޓުން ކެރިއަރު ފަށައި ފަހުން އިޓަލީގެ ރޯމާ އަށް ވެސް ކުޅުނު ރުޑިގާ ޗެލްސީ އަށް ބަދަލުވީ 2017 ވަނަ އަހަރު 40 މިލިއަން ޑޮލަރަށެވެ. އޭގެ ފަހުން އެ ޓީމަށް 159 މެޗު ކުޅެދިންއިރު އޭނާ ވަނީ އެ ޓީމާ އެކު ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ.