Advertisement

ރަން މަރުތަބާނުގައި އޮތީ ވާޖިބެއްތޯ؟ ހައްގެއްތޯ؟

8 އޮކްޓޯބަރު 2021 - 08:01 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ރަން މަރުތަބާނުގައި އޮތީ ވާޖިބެއްތޯ؟ ހައްގެއްތޯ؟

8 އޮކްޓޯބަރު 2021 - 08:01 0

މީހަކު ބިމެއް ގަތެވެ. އަދި ބިންގަތް މީހާގެ މިލްކުވެރިކަމުގެ ދަށަށް ބިން އައި ފަހުން ބަލަމުން ދަނިކޮށް ގަނެފައިވާ ބިމުގެ އިމުގެ ތެރެއިން ރަން މަރުތަބާނެއް ފެނިއްޖެ އެވެ. ދެން އެ ރަން މަރުތަބާން ހިފައިގެން ގޮސް ބިން ވިއްކި މީހާއަށް ދައްކާފައި އޭނާ ބުންޏެވެ. އަހަރެން ގަތީ ބިމެވެ. ރަނެއް ނުގަންނަމެވެ. އެހެންވީމާ މިރަން ގެންދާށެވެ. ބިން ވިއްކި މީހާ ބުނެފި އެވެ. އަހަރެން ކަލެޔަށް ވިއްކީ ބިމާއި ބިމުގައި ވާހާ އެއްޗެކެވެ. މިކަމުގައި މި ދެމީހުންގެ މެދުގައި ހިލާފް އުފެދިއްޖެ އެވެ. ދެން މިދެމީހުން މިމައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި ހިކުމަތްތެރިއަކާ ބައްދަލު ކުރި އެވެ. މިދެމީހުންގެ ވާހަކަ އަޑުއަހާފައި އެމީހާ ބުންޏެވެ. ކަލޭމެން ދެމީހުންގެ ދަރީން ތިބޭ ހެއްޔެވެ؟ އެކަކު ބުނެފި އެވެ. ތިމަންނާގެ ފިރިހެން ކުއްޖެއް ހުރެ އެވެ. އަނެއް މީހާ ބުނެފި އެވެ. ތިމަންނާގެ ހުންނަނީ އަންހެން ކުއްޖެކެވެ. ދެން އެމީހާ ބުންޏެވެ. އެ ދެކުދިން ދެވާށެވެ. އަދި ތިޔަ ރަނުން އެ ދެކުދިންގެ މައްޗަށް ހޭދަކުރާށެވެ. މިވާހަކަ ކިޔައިދެއްވީ އެންމެ ތެދުވެރި ސާހިބާ އަހަރެމެންގެ މާތް ނަބިއްޔާ އެވެ. ރިވާކުރެއްވީ މިތުރު ސަހާބީ އަބޫހުރައިރާ އެވެ.

‎އަމާނާތްތެރިކަމާއި ތެދުވެރިކަމަކީ އެއީ އެވެ. އީމާންކަން ފުރާފުރިހަމަވެ، އީމާންކަމުގެ ވަރުގަދަކަމުގެ މައްޗަށް ފެންނާން އޮންނަ އަލިގަދަ ދަލީލަކީ އެފަދަ ތެދުވެރިކަމެވެ. އިސްލާމްދީނުގެ ކޮންމެ އަމުރުފުޅަކާ ވަކިނުކުރެވޭނެހެން ގުޅިފައި އޮންނަ ކޮންމެ އަމުރުފުޅެއް އެމައްޗަށް ބިނާވެފައި އޮންނަ ތަރަހައަކީ އެފަދަ އިހުލާސްތެރިކަމެވެ. އިސްލާމްދީނަކީ އަމާންކަމާއި ރައްކާތެރިކަން ގެނެސްދޭ އަދި މުޖުތަމައުގައި ހަމަޖެހުން ގާއިމުކޮށްދޭ ދީނަކަށްވަނީ އެދީނުގައި ހިފަހައްޓައިގެން ތިބޭ މުއުމިނުންނަކީ މިދެންނެވުނު ފަދަ ތެދުވެރި އިހުލާސްތެރި އަމާނާތްތެރި ބަޔަކަށްވާތީ އެވެ.

‎އަމާނާތްތެރިކަމާއި ތެދުވެރިކަމަކީ، އެއީ އެންމެހާ މީސްތަކުންގެ ހައްގުތައް ނެގެއްޓުމުގެ ސަބަބެވެ. މީސްތަކުންގެ ލޯތްބާއި ރީތި ނަން ލިއްބައިދޭ މަގެވެ. މުޖުތަމައުގެ އެކުލެވުމާއި ބަދަހިކަން ދަމަހައްޓައިދޭ ވާފަށެވެ. މާތް ﷲ ގެ އަޅުތަކުން އިމްތިހާނު ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ވެސް އަމާނާތްތެރިކަން ހުރުމާއި ނެތުމުން އިމްތިހާނުކުރެއްވުން ހިމެނެ އެވެ. އަލްމުއުމިނޫން ސޫރަތުގައި މުއުމިނުންގެ ސިފަތައް ބަޔާންކުރައްވަމުން އަންގަވަނީ، އަދި އެއުރެންނީ އެއުރެންގެ އަމާނާތްތަކަށާއި އެއުރެންގެ އަހުދުތަކަށް ރައްކާތެރިވާ މީހުން ކަމުގަ އެވެ.

‎ފަލްސަފީ ނަޒަރަކުން އިސްލާމްދީނުގެ ހުކުމްފުޅުތަކާމެދު ވިސްނައިފި ނަމަ އެންމެ ބޮޑަށް ފާހަގަކުރެވޭނީ ވާޖިބުގެ ލަފުޒު އަބަދުވެސް ހައްގުގެ ލަފުޒު ގެ ކުރިޔަށް އައިސްފައި އޮންނަ ތަނެވެ. އެކަން އެހެން ވަނީ އަމާނާތްތެރިކަމުގެ ފަލްސަފާގެ ދަށުންނެވެ. އިސްލާމްދީން ބާރުއަޅަނީ ވާޖިބުތައް އަދާކުރުމަށެވެ. އަނެކުންގެ ހައްގުތަކަށް ފަރުވާތެރިވުމަށެވެ. ނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި ވެ އެވެ.

"ހަމަކަށަވަރުން އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ."

‎މިބަސްފުޅާމެދު ފުންކޮށް ވިސްނަވާށެވެ. އެމީހެއްގެ ހައްގު އެމީހަކު ހޯދައިގަތުމަށް އެންގެވުމުގެ ބަދަލުގައި މާތް ﷲ އަމުރުކުރައްވަނީ އެހެން މީހުންގެ ހައްގުތައް އެހެން މީހުންގެ އަމާނާތްތައް އެހެން މީހުންގެ ކަންކަމަށް ރައްކާތެރިވުމަށެވެ. އިސްލާމްދީނުގެ އެންމެ މައިގަނޑު ފަލްސަފާއަކީ މިއީ އެވެ. އާދޭހެވެ. ތިމާގެ ހައްގުތަކުގެ ފަހަތުން ނުދުވެ ތިމާގެ ވާޖިބުތަކައިގެން އުޅުމެވެ. އަދި އޭގެ ނަތީޖާއިން އެންމެންގެ ހައްގުތައް އެންމެންނަށް ލިބި މުޖުތަމައުގައި ގާއިމުވެގެންދާ ހަމަޖެހުމަށް މަގު ކޮށައިދިނުމެވެ. ކޮންމެ މީހަކު ތިމާގެ ހައްގު ހޯދުމަށް އުޅެގަތުމަކީ ދެބަސްވުމާއި އަރާރުމަށް ކޮށޭ މަގަކަށްވެދާނެ އެވެ. އޭގެ ބަދަލުގައި ކޮންމެ މީހަކު އެމީހެއްގެ ވާޖިބައިގެން އުޅެން ޖެހޭގޮތަށް ފަރިތަވެގަތުމުން އެންމެންގެ ހައްގު އެންމެންނަށް ލިބޭކަށް ލަހެއް ފަހެއް ނޯންނާނެ އެވެ.

‎ކީރިތި ގުރުއާނުގެ އެތައް އާޔަތެއްގައި އެކި އެކި ރަސޫލުން އެބޭކަލުންގެ ގައުމުގެ މީހުންނާ މުހާތަބުކުރައްވާ ވިދާޅުވިކަމަށް ވަހީބަސްފުޅުގައި ވެ އެވެ.

"ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވުނު އަމާނާތްތެރި ރަސޫލަކީމެވެ."

އަމާނާތްތެރިކަމަކީ ޝައްކެތް ނެތްގޮތުން ހުރިހާ ރަސޫލުންނާއި ނަބިއްޔުންގެ އެންމެ މަތިވެރި ސިފަ އެވެ. އެގޮތުގައި އެކަން މެދުކުރެއްވީ އެރަސޫލުންނާއި ނަބިއްޔުންގެ ޒަރީއާއިން އިންސާނުންނަށް މާތް ﷲ ބާވާލެއްވި އެންމެހާ ދީންތަކެއްގެ ފަލްސަފާ އެމައްޗަށް ހުއްޓިފައި އޮތީވެސް އަމާނާތްތެރިކަމުގެ މައްޗަށް ކަމަށް ވީތީ އެވެ.

‎މާތް ނަބިއްޔާ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރީގައި، ކައުބަތުﷲ ގެފުޅު މަރާމާތު ކުރެވުނެވެ. ހަޖަރުލްއަސްވަދު އޭގެ މަކާނުގައި ބާއްވަންޖެހުނު ހިނދު ހުރިހާ ގަބީލާތަކެއްގެ މީހުން އަރާރުންވެއްޖެ އެވެ. ކޮންމެ ބަޔަކު ވެސް އެކަމަށް އިސްވެ ގަނެ އެ ޝަރަފު ހޯދައިގަތުމަށް ބޭނުންވެއްޖެ އެވެ. ގަބީލާތަކުން މަޝްވަރާކުރުމަށްފަހު ނިންމަވަނީ، ދެން ހަރަމްފުޅުގެ ދޮރުން އެންމެ އަވަހަށް ވަދެގެން އަންނަ މީހަކަށް މައްސަލަ ހުށަހަޅައި އެމީހަކު ނިންމާ ގޮތަކަށް ރުހުމަށެވެ. ކަންދިމާކުރި ގޮތުން އެބޭކަލަކު ކަމުގައި ވީ މާތް ނަބިއްޔާ އެވެ. ދެން އެބައިމީހުންގެ ޝަކުވާ އެކަލޭގެފާނަށް ހުށަހަޅައިފި އެވެ. އެހިނދު އެކަލޭގެފާނުގެ ރިދާކޮޅު ފަތުރުއްވައި އޭގެ މަތީގައި ހަޖަރުލްއަސްވަދު ބޭއްވެވުމަށް އަމުރުކުރެއްވި އެވެ. އަދި ކޮންމެ ގަބީލާއެއްގެ މީހުން އެއިން އެރިދާކޮޅުން ބައެއްގައި ހިފައިގެން އޭގެ މަކާނާ ހަމައަށް އުފުލުމަށް އެންގެވި އެވެ. ދެން އޭގެ މަކާނާ ހަމައަށް ދިއުމުން މާތް ނަބިއްޔާގެ ދެއަތްޕުޅުން ހިލަ ނަންގަވައި އޭގެ މަކާނުގައި ބޭއްވެވި އެވެ. އާދޭހެވެ. އެކަލޭގެފާނަކީ ނަބީކަމައިގެން ފޮނުއްވުމުގެ ކުރީގައިވެސް ބަސްވިކޭ ބަހުގެ އިތުބާރު ހިފޭ ބޭކަލަކުކަމުގައިވަނީ މަޝްހޫރުވެފަ އެވެ. އެކަލޭގެފާނަކީ ތެދުވެރި އަމާނާތްތެރިޔާ އެވެ.

‎ނަބީކަމައިގެން ފޮނުއްވުމުގެ ކުރިޔަށް ތެދުވެރި އަމާނާތްތެރިޔާގެ ގޮތުގައި އެކަލޭގެފާނު ނުވީނަމަ، އެކަލޭގެފާނުގެ ރިސާލަތާމެދު މީހުން ސުވާލު އުފެއްދީހެވެ. ފާހަގަކުރަންވީ ކަމަކީ މިކަން އެކަންޏެއް ނޫނެވެ. ނަބީކަމުގެ މުޅި ރިސާލަތަކީ އަދި އިސްލާމްދީނުގެ ފަލްސަފާގެ އެންމެ މުހިންމު އަސާސަކީ އަމާނާތްތައް އޭގެ އަހުލުންނަށް ރައްދުކުރުމެވެ. ކޮންމެ ކަމެއް އޭގެ ހައްގު ފަރާތަށް ދިނުމެވެ.

‎އާދޭހެވެ. ﷲ ފިޔަވައި ހައްގުވެގެން އަޅުކަމެއްވެވޭ އެހެން ފަރާތެއް ނެތެވެ. އެބަސް ނަމާދުގައި އަމަލީ ގޮތުން ތަންފީޒު ކުރެވެ އެވެ. ތިމާގެ މުދަލަކީ އޭގައިވާ ފަގީރުންގެ ހައްގު އަދާކުރުމުގެ ގޮތުން ޒަކާތްދިނުމުގެ ވަސީލަތުން އޭގައި ބަރަކާތްލެއްވުން ހިމެނޭ އެއްޗެކެވެ. ރޯދައިގައި އަނެކުންގެ ހާލަށް ވިސްނުމުގެ އިތުރުން ﷲ ގެ ވަޖުހުފުޅަށް ހާއްސަކުރެވިފައިވާ ބޮޑު އަމާނާތެއް ވެއެވެ. ރޯދަ ގެއްލުވާލިޔަސް ﷲ ފިޔަވައި އެނގޭނީ އެހެން ކޮން ފަރާތަކަށްތޯ އެވެ؟ އިސްލާމްދީން ބާރުއަޅަނީ ތިމާ އަނެކުންގެ ހައްގުތަކަށް ފަރުވާތެރިވުމުގެ ޒަރީއާއިން އެންމެންގެ ހައްގުތައް އެންމެންނަށް އަދާވެފައި އޮތުންކަމަށްވީހިނދު، މުޖުތަމައަށް އެކަމުގެ ސަބަބުން ލިއްބައިދޭ އަމާންކަމާއި ހަމަޖެހުމުގެ ސާފު މަންޒަރު ހައްޖުގެ ބޮޑު އެއްވުމުން ފެންނަމުން ނުދޭތޯ އެވެ.

‎ވިސްނާންވީކަމަކީ، ހަނދާނުގައި ބަހައްޓަންވީކަމަކީ ރަންމަރުތަބާނުގައި ތިމާގެ ހައްގުގެ ކުރިޔަށް ވާޖިބެއް އޮވެދާނެކަމެވެ. ފެންނަ ކޮންމެ އެއްޗަކާމެދު މިފަދައިންނެވެ. ހައްގޭ ހައްގޭ ގޮވައި ގަދަބަސް ބުނެ ހެދުމުގެ ބަދަލުގައި ވާޖިބުތައް އަދާ ކުރެވޭތޯ ބަލަންވީ އެވެ. އެގޮތުން ބެލިއިރު ވާޖިބު އަދާކުރެވިފައި އޮތް ނަމަ ހައްގާއިގެން އުޅެންވީ އެވެ. ފުރަތަމަ ހައްގު އޮތުމުގެ ކުރިޔަށް ވާޖިބެއް އޮތްތޯ ބަލައި ހޯދަންޖެހެ އެވެ. އިސްލާމްދީން އަންގަވަނި އެގޮތެވެ. މުޖުތަމައުގެ ހަމަޖެހުމާ ގާތީ ވެސް މިގޮތެވެ.