Advertisement

ޝަކުވާ ބޮޑުވެ "ސްކުއިޑް ގޭމް" ގެ ސީންތަކުން ފެންނަ ފޯނު ނަންބަރު ބަދަލުކޮށްފި

8 އޮކްޓޯބަރު 2021 - 07:57 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްކުއިޑް ގޭމްގެ މަންޒަރެއްގައި ފޯނު ނަންބަރު ލިޔެފައިވާ ބިޒްނަސް ކާޑު ހިފައިގެން.


ޝަކުވާ ބޮޑުވެ "ސްކުއިޑް ގޭމް" ގެ ސީންތަކުން ފެންނަ ފޯނު ނަންބަރު ބަދަލުކޮށްފި

8 އޮކްޓޯބަރު 2021 - 07:57 0

ސޯލް، ދެކުނު ކޮރެއާ (އޮކްޓޯބަރު 7) - ނެޓްފްލިކްސްގެ ހިޓް ސީރީޒް "ސްކުއިޑް ގޭމް" ގެ ބައެއް ސީންތަކުން ފެންނަ ފޯނު ނަންބަރަކަށް ގިނަ ބަޔަކު ގުޅަން ފެށުމުން، އެ ނަންބަރު ބަދަލުކޮށްފި އެވެ.

ސްކުއިޑް ގޭމް އިން ފެންނަ ނަންބަރު އަދި އެ ނަންބަރާ ވައްތަރު ނަންބަރުތަކަށް ދެކުނު ކޮރެއާގެ ގިނަ އަދަދެއްގެ މީހުން ގުޅަން ފެށީ، އެ ސީރީޒުން ދައްކުވައިދޭ ގޭމުތަކުގައި ބައިވެރިވާން ބޭނުން ކަމަށް ބުނެ އެވެ.

ދެކުނު ކޮރެއާގައި އުފެއްދި އެ ސީރީޒް ވަނީ 80 ގައުމެއްގައި އެންމެ މަގްބޫލު ނެޓްފްލިކްސް ޝޯގެ ގޮތުގައި ހިމެނިފަ އެވެ. މިދިޔަ މަހު ނެރުނު ސީރީޒް އަކީ މިހާތަނަށް ނެޓްފްލިކްސްގައި އެންމެ ގިނައިން ބެލި ސީރީޒް އަށް ވާނެ ކަމަށް ބެލެވެ އެވެ.

ނުވަ އެޕިސޯޑުގެ ސީރީޒުން ދައްކުވައިދެނީ އިގްތިސާދީ ހަމަހަމަކަން ނެތުމުން ދަރަންޏާއި ދަތި ހާލުގައި އުޅެން ޖެހޭ އެތައް ސަތޭކަ ބަޔަކު ފައިސާ ހޯދަން ކުޑަކުދިންގެ ގޭމުތަކެއް ކުޅޭ ތަނެވެ. ޖުމްލަ 45.6 ބިލިއަން ވޮން ނުވަތަ 38 މިލިއަން ޑޮލަރު ލިބޭނީ މޮޅުވާ މީހަކަށެވެ.

ގޭމުތަކުގައި ބައިވެރިވާން އެ މީހުންނަށް ޖެހެނީ ބިޒްނަސް ކާޑެއްގައި ޕްރިންޓުކޮށްފައިވާ ނަންބަރަކަށް ގުޅާށެވެ. އާއްމުކޮށް ފިލްމު އަދި ޓީވީ ޝޯ ހަދާ މީހުން ބޭނުން ކުރަނީ ފޭކު ނަންބަރެވެ. ނަމަވެސް މި ޝޯގައި ބޭނުންކޮށްފައި ވަނީ މީހަކު ގެންގުޅޭ ނަންބަރެކެވެ.

އެ ނަންބަރުގެ ވެރިފަރާތުން ވަނީ ހުއްޓުމެއް ނެތި ފޯނު ކޯލާއި މެސެޖުތައް އަންނަކަމުގެ ޝަކުވާކޮށްފަ އެވެ. އެ ނަންބަރާ ވައްތަރު އެހެން ނަންބަރުތައް ގެންގުޅޭ މީހުން ވެސް ވަނީ ޝަކުވާކޮށްފަ އެވެ.

ޝަކުވާ ފުނިޖެހެން ފެށުމުން ނެޓްފްލިކްސް އިން ބުދަ ދުވަހު ބުނީ ފޯނު ނަންބަރު އެޑިޓްކުރާނެ ކަމަށެވެ.

"ކުންފުނިން މި ދަނީ މިކަން ހައްލު ކުރަން މަސައްކަތް ކުރަމުން. ފޯނު ނަންބަރު ފެންނަ ސީންތައް އެޑިޓް ކުރަން ޖެހޭ ނަމަ އެކަން ކުރާނެ،" ނެޓްފްލިކްސްގެ ބަޔާނެއްގައި ބުންޏެވެ.

މިހާރު ނެޓްފްލިކްސް އިން ވަނީ އެ ބަދަލު ގެނެސްފަ އެވެ. އެއާއެކު ބުރާސްފަތި ދުވަހުން ފެށިގެން "ސްކުއިޑް ގޭމް" ގެ ސީންތަކުން ފެންނާނީ ފޭކު ފޯނު ނަންބަރެކެވެ.