Advertisement

ޝާހިދަށް ނިޝާން އިއްޒުއްދީންގެ އިއްޒަތް އަރުވައިފި

6 އޮކްޓޯބަރު 2021 - 21:24 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސް ސޯލިހު, ޝާހިދަށް އިއްޒަތް އަރުވަނީ --


ޝާހިދަށް ނިޝާން އިއްޒުއްދީންގެ އިއްޒަތް އަރުވައިފި

6 އޮކްޓޯބަރު 2021 - 21:24 0

ދައުލަތުގެ އެންމެ މަތީ އިއްޒަތް ކަމަށްވާ ނިޝާން އިއްޒުއްދީން ވެރިކަމުގެ އިއްޒަތުގެ ލަގަބު ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަށް އަރުވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އެ އިއްޒަތް ޝާހިދަށް އަރުވަން ނިންމެވީ އދ. އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެން ގައުމަށް ހޯއްދަވައިދެއްވި ފަހުރާއި ޝަރަފަށްޓަކަ އެވެ.

ނިޝާނުގެ އިއްޒަތަކީ އެމީހެއްގެ ގައުމީ ހިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްއަގްވާމީ ހިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ނިސްބަތްކުރެވެނީ އައްސުލްޠާނުލް ޣާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.

އެ ސުލްތާންއަކީ މިނިސްޓަރު ޝާހިދުގެ ހަވަަނަ ކާފާފުޅެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރަސްމީ އިއްޒަތުގައި ޝާހިދަށް އެންމެ މަތީ ލަގަބު އެރުއްވީ ރައީސް ސޯލިހެވެ.

ޝާހިދަށް ލަގަބު އެރުއްވުމަށްފަހު, ރައީސް ސޯލިހު ވަނީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު މިހާރު ބަލަހައްޓަވަމުން ގެންދަވާ ޝާހިދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ޝާހިދު ދިވެހި ގައުމަށް، ހާއްސަކޮށް ރާއްޖޭގެ ހާރިޖީ ދާއިރާއަށް ކޮށްދެއްވި ހިދުމަތްތަކާއި، ރާއްޖެއާއި އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކުރައްވައި، ބޭރު ދުނިޔޭގައި ރާއްޖޭގެ ގަދަރާއި ހައިބަތު އުފުއްލެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.


ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ރާއްޖެ އާއި ބައިނަލްއަގްވާމީ މުޖްތަމައާ ދެމެދު ވަރަށް ބަދަހި ގުޅުމެއް ދެމެހެއްޓުމަށް ކަމަށާއި ސަރުކާރުގެ މި ސިޔާސަތު ތަންފީޒު ކުރެއްވުމުގައި، ޝާހިދު ކޮށްދެއްވި އަދި މިހާރުވެސް ކޮށްދެއްވާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވަނާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޝާހިދު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިިސިއްޔަތުން ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރެކެވެ. މިއަދު ޝާހިދު ވަނީ ރައީސްއާ ބައްދަލު ކުރައްވައި ރަސްމީ ވާހަކަތައް ވެސް ބާއްވާފަ އެވެ.