Advertisement

ފްރާންސްގެ ކެތޮލިކް ފައްޅީގެ ޖިންސީ އަނިޔާގެ ޝިކާރައަކަށް 216،000 ކުދިން!

6 އޮކްޓޯބަރު 2021 - 06:10 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނަސާފާ ފައްޅިތަކުން ކުދިންނަށް ޖިންސީ ގޯނާ ކުރާތީ އެކަމާ ދެކޮޅަށް ބޭއްވި އެއްވުމެއް.


ފްރާންސްގެ ކެތޮލިކް ފައްޅީގެ ޖިންސީ އަނިޔާގެ ޝިކާރައަކަށް 216،000 ކުދިން!

6 އޮކްޓޯބަރު 2021 - 06:10 0

ފްރާންސްގައި ނަސާރާއިންގެ ކެތޮލިކް ފައްޅިތަކުގެ ފާދިރީންނާއި އެހެން އިސް މީހުން 1950 ވަނަ އަހަރުން ފެށިގެން 216،000 އެއްހާ ކުދިންނަށް ޖިންސީ އަނިޔާކޮށްފައިވާކަން ފަޅާއަރައިފި އެވެ.

ފްރާންސްގެ ކެތޮލިކް ފައްޅިތަކަށް އަޅުކަން ކުރަން ދާ މީހުންގެ އަދަދު މަދުވާން ފެށުމުން ޖިންސީ އަނިޔާގެ ތުހުމަތުތަކާ ގުޅޭ ތަހުގީގެއް ހިންގަން މިނިވަން ކޮމިޝަނެއް އުފެއްދީ 2018 ވަނަ އަހަރު އިސް ފާދިރީންތަކެކެވެ.

ކޮމިޝަނުގެ ތަހުގީގު ރިޕޯޓު އާއްމުކޮށްފައި ވާއިރު، ކޮމިޝަނުގައި އިސްކޮށް އުޅުނު ޖޯން މާޗް ސޯވް ވިދާޅުވީ އަނިޔާ ދިނީ ރާވައިގެން "ސިސްޓެމިކް" ކޮށް ކަމަށެވެ. އެކަން ހުއްޓުވަން ފައްޅިން ފިޔަވަޅެއް އަޅާފައި ނުވާއިރު، ނުފެންނަ ކަމަށް ހަދައިގެން ތިބި ކަމަށާއި، ބައެއް ފަހަރު އެނގި ތިބެ ކުޑަކުދިން އަނިޔާދޭ މީހާ ކައިރިއަށް ފޮނުވި ކަމަށް ވެސް ވިދާޅުވި އެވެ.

ތަހުގީގު ރިޕޯޓު ނެރުމާއެކު އެންމެ އިސް ފާދިރީ، ޕޯޕް ފްރާންސިސް ވަނީ ހިތާމަ ފާޅުކުރައްވާފަ އެވެ. ވެޓިކަންގެ ތަރުޖަމާނަކު ބުނީ ރިޕޯޓުގައި ހުރި ވާހަކަތައް ޕޯޕް އަޑުއެއްސެވީ ވޭނާއެކު ކަމަށާއި އަނިޔާގެ ޝިކާރައަކަށްވި މީހުންނަށް ހިތްވަރުދޭ ކަމަށެވެ.

ތަހުގީގީ ރިޕޯޓު އާއްމު ކުރަމުން ސޯވް ވިދާޅުވީ މައްސަލަ އަދިވެސް ހައްލުނުވާ ކަމަށާއި 2000 ގެ އަހަރުތަކާ ހަމައަށް ވެސް އަނިޔާގެ ޝިކާރައަށްވި މީހުންނަށް ފައްޅިން ސަމާލުކަން ނުދޭ ކަމަށެވެ. އެ ވިސްނުން ބަދަލުވާން ފެށީ 2015-2016 ހިސާބުގަ އެވެ.

ސޯވް ވިދާޅުވީ ކޮމިޝަނުގެ ސީދާ މަސައްކަތުން އަނިޔާގެ ޝިކާރައަކަށްވި 2،700 މީހުން ފާހަގަވި ކަމަށާއި، ރިސާޗް އަދި ޕޯލިންގް ގްރޫޕުތަކުން ހެދި ފުޅާ ދިރާސާއަކުން އަސްލު އަދަދު 216،000 އަށް އަރާނެ ކަމަށް ލަފާކުރާ ކަމަށެވެ. ފައްޅީގެ ތަންކޮޅެއް ދަށް ފަންތީގެ މީހުން ކުރި ޖިންސީ އަނިޔާއަށް ބަލާނަމަ، އަދަދު 330،000 އަށް އަރަ އެވެ.

"ކެތޮލިކް ފައްޅިއަކީ އިންސާނިއްޔަތަށް އޮތް ލަދެއް،" އަނިޔާގެ ޝިކާރައަކަށްވި މީހުންގެ ޖަމިއްޔާ، ލަ ޕެރޯލް ލިބެރޭ އުފެއްދި ފްރެންޒުވާ ޑިވޯ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 2،500 ސަފުހާގެ ތަހުގީގީ ރިޕޯޓުން އެނގުނު ގޮތުގައި އަނިޔާގެ ޝިކާރައަކަށްވި ކުދިންގެ ބޮޑު މެޖޯރިޓީއަކީ ފުރާވަރު އުމުރުގެ ކުޑަ ފިރިހެން ކުދިންނެވެ.

"އާއިލާ އާއި ރައްޓެހިންނަށް ފަހު އެންމެ ގިނައިން ކުދިންނަށް ޖިންސީ ގޯނާ ދިމާވާ މާހައުލަކީ ކެތޮލިކް ފައްޅި،" ރިޕޯޓުގައި ވެ އެވެ.