Advertisement

އަފްގާނިސްތާނުގެ ޕްރޮވިންސެއްގައި އަންހެން ހައި ސްކޫލުތަކަށް ކުދިން ދާން ފަށައިފި

6 އޮކްޓޯބަރު 2021 - 05:36 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާނުގެ އަންހެން ދަރިވަރެއް. -- ފޮޓޯ: އޭއެފްޕީއ


އަފްގާނިސްތާނުގެ ޕްރޮވިންސެއްގައި އަންހެން ހައި ސްކޫލުތަކަށް ކުދިން ދާން ފަށައިފި

6 އޮކްޓޯބަރު 2021 - 05:36 0

ކާބުލް، އަފްގާނިސްތާން (އޮކްޓޯބަރު 5) - އަފްގާނިސްތާނުގެ އުތުރު ޕްރޮވިންސެއްގައި އަންހެން ކުދިން ބައެއް ސެކަންޑަރީ ސްކޫލުތަކަށް ދާން ފަށައިފި އެވެ.

ތާލިބާނުންގެ ތަރުޖަމާނު ސުހައިލް ޝަހީން ޕޯސްޓު ކުރި ވީޑިއޯއަކުން ފެންނަނީ ހުދު ކުލައިގެ ބުރުގާ އަޅައިގެން ތިބި ކުދިންނާއި، ކަޅު ކުލައިގެ މޫނު ބުރުގާ އަޅައިގެން ތިބި ކުދިންތަކެއް ތާލިބާނުންގެ ދިދަ ވިހުރުވާ މަންޒަރެވެ.

"ކުންދޫޒް ޕްރޮވިންސްގެ ހާން އާބާދުގައި އަންހެން ކުދިން ވަނީ ހައި ސްކޫލަށް ދާން ފަށާފައި،" ދޯހާގައި ހުރި ޝަހީން ޕޯސްޓު ކުރި ވީޑިއޯއާ އެކު ބުންޏެވެ. ޝަހީން އަކީ ތާލިބާނުންގެ ފަރާތުން އދ. އަށް ކަނޑައެޅި ދާއިމީ މަންދޫބެވެ.

ނަމަވެސް ވެރިރަށް ކާބުލްގައި އަންހެން ކުދިންގެ ސްކޫލުތައް ބަންދުކޮށްފައި ބަހައްޓަން ނިންމި ނިންމުން ބަދަލުކޮށްފައެއް ނުވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް މުހައްމަދު އާބިދު ބުނީ ސަރުކާރުގެ ސިޔާސަތު ބަދަލުނުވާ ކަމަށެވެ.

މީގެ ކުރިން 1996 އިން 2001 އަށް ތާލިބާނުން ވެރިކަން ކުރިއިރު، އަންހެން ކުދިން ކިޔެވުން މަނާކޮށް، އަންހެނުން ވަޒީފާ އަދާ ކުރުން ވެސް މަނާކުރި އެވެ. މި ފަހަރު އެކަންކަން ބަދަލުވާނެ ކަމަށް ތާލިބާނުން ބުނި ނަމަވެސް، އެއާ އެއް ގޮތަށް އަމަލެއް ނުކުރެ އެވެ.

މިދިޔަ މަހު ފިރިހެން ކުދިންގެ ސްކޫލުތައް ހުޅުވިއިރު، އަންހެން ކުދިންގެ ސްކޫލުތައް ހުޅުވަން ހުއްދަ ދީފައެއް ނުވެ އެވެ. އަންހެނުން ވަޒީފާ އަށް ދިޔުން ސީދާ ސަރުކާރުން މަނާ ނުކުރި ނަމަވެސް، އޮފީސްތަކުން ވަނީ އެ މީހުން ގޭގައި ތިބެން އަންގާފަ އެވެ.

ތާލިބާނުން ބުނެފައި ވަނީ އަންހެން ކުދިންނަށް ސްކޫލަށް ދެވޭނީ އަދި އަންހެނުންނަށް ވަޒީފާ އަށް ދެވޭނީ ވެސް ދެ ޖިންސުގެ މީހުން ވަކިން އުޅެވޭނެކަން ކަށަވަރު ކުރެވޭނެ ނިޒާމު ގާއިމް ކުރެވުމުން ކަމަށެވެ. އެއީ ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގައި ތާލިބާނުން ސިފަކުރެ އެވެ.