Advertisement

ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި މެލޭޝިއާ އިން ޗައިނާ ސަފީރު ހާޒިރުކޮށްފި

5 އޮކްޓޯބަރު 2021 - 12:17 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ ސަފީރު އުޔާންގް ޔުޖިންގް.


ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި މެލޭޝިއާ އިން ޗައިނާ ސަފީރު ހާޒިރުކޮށްފި

5 އޮކްޓޯބަރު 2021 - 12:17 0

ކުއަލަ ލަމްޕޫރް، މެލޭޝިއާ (އޮކްޓޯބަރު 4) - ދެކުނު ޗައިނާ ކަނޑުގައި އޮންނަ މެލޭޝިއާގެ މެރީޓައިމް އިކޮނޮމިކް ޒޯންގެ ތެރެއަށް ޗައިނާގެ މަނަވަރުތައް ވަތް މައްސަލާގައި މެލޭޝިއާ އިން ޗައިނާގެ ސަފީރު ހާޒިރުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ ސަފީރު އުޔާންގް ޔުޖިންގް ހާޒިރު ކުރީ މެލޭޝިއާގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ސަރަހައްދަށް ޗައިނާގެ ސާވޭ އުޅަނދެއް ވަދެ ހިންގާ ހަރަކާތްތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމަށް ކަމަށެވެ.

ބޯނިއޯ އައިލެންޑުގެ މެލޭޝިއާ އަށް ވާ ފަޅީގައި ސަބާހް އާއި ސަރަވަކް ސްޓޭޓުގެ އައްސޭރި ފަށާ ދިމާލުން ޗައިނާގެ އުޅަނދުތައް އުޅުމަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށް މެލޭޝިއާ ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއީ މި އަހަރުގެ ތެރޭގައި މެލޭޝިއާ އިން ޗައިނާ ސަފީރު ހާޒިރު ކުރި ދެ ވަނަ ފަހަރެވެ.

މިދިޔަ ޖޫން މަހު ދެކުނު ޗައިނާ ކަނޑުގެ މަތިން ބޯނިއޯ އައިލެންޑާ ދިމާލުން ޗައިނާގެ އަސްކަރީ 16 ޖެޓު ދަތުރު ކުރި މައްސަލާގައި މެލޭޝިއާގެ ފައިޓާ ޖެޓުތައް ވެސް ނެރުނެވެ. އެ ސަރަހައްދަކީ މެލޭޝިއާ އާއި ޗައިނާއާ ދެ ގައުމުން ދައުވާ ކުރާ ސަރަހައްދެކެވެ.

މެލޭޝިއާ އިން ޗައިނާ އަށް ތުހުމަތު ކުރީ އެ ގައުމުގެ އިސްތިގްލާލަށް އަރައިގަންނަމުންދާ ކަމަށެވެ. ނަމަވެސް ޗައިނާ އިން ބުނީ ޖެޓުތައް ދަތުރު ކުރީ ރޫޓީން ތަމްރީނަކަށް ކަމަށެވެ.

މެލޭޝިއާ އާއި ޗައިނާއާ ދެމެދު އާއްމު ގޮތެއްގައި ރަނގަޅު ގުޅުމެއް އޮތް ނަމަވެސް، އެ ސަރަހައްދުގައި ހިނގާ ކަންކަމާ ހެދި ފަހަކަށް އައިސް ވަނީ ގުޅުމަށް އަސަރު ކުރަން ފަށާފަ އެވެ.

އެ ސަރަހައްދަކީ މަނަވަރުތައް ދަތުރު ކުރަން މުހިއްމު ރޫޓުތައް ހުރި ތަނަކަށް ވާއިރު، އެ ތަނަކީ ތެލާއި ގޭހުގެ މުއްސަނދިކަން ހުރި ހިސާބެއް ކަމަށް ބެލެވެ އެވެ.

ޗައިނާ އިން ދެކޭ ގޮތުގައި ދެކުނު ޗައިނާ ކަނޑު ގާތްގަނޑަކަށް އެއްކޮށް ނިސްބަތްވަނީ އެ ގައުމަށެވެ. އެ ކަނޑުގައިވާ ކުދި އަތޮޅުތަކާއި ރަށްތަކުގައި ޗައިނާ އިން ގިނަ އަދަދެއްގެ އަސްކަރީ މަރުކަޒުތައް ހަދާފައި ވެ އެވެ.

އެހެންވެ، އެ ސަރަހައްދުތަކަށް ދައުވާ ކުރާ މެލޭޝިއާ، ވިއެޓްނާމް، ފިލިޕީންސް، ބްރޫނައި އަދި ޓައިވާނުން ވެސް ހިތްހަމަނުޖެހެ އެވެ.