Advertisement

ޔާމީންގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ނިންމާލައިފި، ދެން އޮތީ ހުކުމް

5 އޮކްޓޯބަރު 2021 - 13:32 0

ނާޒިމް ހަސަން

ނާޒިމް ހަސަން

މިއަދުގެ ޝަރީއަތުގެ ތެރެއިން --


ޔާމީންގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ނިންމާލައިފި، ދެން އޮތީ ހުކުމް

5 އޮކްޓޯބަރު 2021 - 13:32 0

ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފީ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައި, ހުކުމް ކުރުމަށް ތައްޔާރުވާން ފަށައިފި އެވެ.

ދިގު, ގިނަ އަޑުއެހުންތަކަކަށްފަހު މިއަދު ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތުންނާއި ދައުލަތުން ވަނީ މައްސަލާގައި ހުލާސާކޮށް ވާހަކަ ދައްކާފަ އެވެ. އެއަށްފަހު މައްސަލާގެ އަޑުއެހުންތައް ނިންމާލި އެވެ.

މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ވިދާޅުވި ގޮތުގައި, ސުޕްރީމް ކޯޓު ރިސެސަށް ދިޔުމުގެ ކުރިން ހުކުމް އިއްވުމަށް މަސައްކަތް ކުރައްވާނެ އެވެ. ރިސެސަށް ދާން ދެން އޮތީ 56 ދުވަހެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި, މި މައްސަލާގައި ކުރަން ޖެހެނީ ވަރަށް ބޮޑެތި ދިރާސާތަކެއް ކަމާއި އެކަމަށް ވަގުތު ނަގާނެ އެވެ. ނަމަވެސް, ރިސެސްގެ ކުރިން ގޮތެއް ކަނޑައަޅަން މަސައްކަތް ކުރަައްވާނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވެސް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނާމެދު ވަަރަށް ބޮޑަށް ބޭއިންސާފުން އަމަލުކޮށްފައިވާ ކަަމަށާއި އެކަންކަމަށް ރިއާޔަތްކޮށްދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި, އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގު އެންމެންގެ މައްޗަށް ހިންގަމުންދާއިރު, ދައުވާ ކޮށްފައިވަނީ އެމަނިކުފާނަށެވެ. ބައެއް މީހުންނަށް އެސްއޯއެފްގެ ފައިސާ ލިބިފައިވީ ނަމަވެސް އެއީ ގޯސްކޮށް ލިބުނު ފައިސާއެއް ނޫން ކަމަށް ވެސް ކޯޓުން ބޭރުގައި ނިންމާފައިވާ ކަމަށެވެ.

އެހެންވެ, އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ދައުލަތުން އަމަލު ކުރަމުން ދަނީ އެމަނިކުފާނާމެދު ތަފާތުކޮށް ކަމަށް ވިދާޅުވި އެވެ. އެހެންވެ, އެ ޝުއޫރުތައް ސުޕްރީމް ކޯޓަށް އިއްވަން ބޭނުންވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ދަށު ކޯޓުން އެންމެ ފުރަތަމަ ވެސް ބޭއިންސާފުން އަމަލު ކުރަމުން ދިޔައިރު, ގިނަ ހައްގުތަކަކުން މަހުރޫމްވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެހެންވެ, މި މައްސަލާގައި ސުޕްރީމް ކޯޓުން ވީއެންމެ އަވަހަކަށް ގޮތެއް ނިންމަވައިދެއްވުމަށް ޔާމީން އެދިވަޑައިގަތެވެ.

ޔާމީންގެ ވަކީލް މުހައްމަދު ޖަމީލު ވެސް ތިން އިލްތިމާސްއެއް ފަނޑިޔާރުންނަށް ކުރެއްވި އެވެ. އެގޮތުން ފުރަތަމަ ކަމަކަށް ހުކުމް ނެރުއްވާއިރު ޑިއު ޕްރޮސެސް މި މައްސަލާގައި ދައުލަތުން ގެންގޮސްފައިވާ ގޮތް ބެލުމެވެ. ދެވަނަ ކަމަކަށް ވަފާތެރިކަމާއެކު ހުކުމް ނެރުއްވުމަށާއި ތިންވަނަ ކަމަކަށް އަދުލުވެރި ހުކުމެއް އިއްވުމަށް އެދިވަޑައިގަތެވެ.

ޖަމީލު ވިދާޅުވި ގޮތުގައި, ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުކޮށްފައިވަނީ މުޅި ކޮންސެޕްޓް އޮޅުވާލައިގެން ގާނޫނުގެ މާނަތައް އެފުށްމިފުށަށް ޖަހައިގެންނެވެ. އެ ހުކުމް އެގޮތަށް ދަމަހައްޓައިފިނަމަ ތުހުމަތު ވެސް ނޭނގި ގިނަ ބައެއްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އެހެންވެ, އެދުނީ ހުކުމް ބާތިލްކުރުމަށެވެ. ނަމަވެސް, ދައުލަތުން ވަނީ ޔާމީންގެ މައްޗަށް އޮތް ހުކުމް ރަނގަޅު ކަމަށް ބުނެ, އެ ހުކުމް ދަމަހައްޓައިދިނުމަށް އެދިފަ އެވެ.

ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވި ގޮތުގައި މަނީލޯންޑްރިން ކުށުގެ ހުރިހާ އުންސުރެއް ޔާމީންގެ މައްޗަށް ވަނީ ސާބިތުކޮށްދެވިފަ އެވެ. އަދި, މައްސަލާގައި އަމަލުކޮށްފައިވަނީ ގާނޫނީ އުސޫލުތަކުގެ ތެރެއިންނެވެ. އެހެންވެ, އެ ހުކުމް ބާތިލް ކުރާނެ ތަނެއް ނެތް ކަމަށެވެ.