Advertisement

ޔާމީނަށް ކަފާލާތެއް ނުދިން، ޖޫރިމަނާ ދެއްކުން ފަސްކޮށްދީފި

5 އޮކްޓޯބަރު 2021 - 10:26 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ޔާމީން މިއަދު ސުޕްރީމް ކޯޓުގައި: ކަފާލާތުގެ ދަށުން ދޫނުކުރި


ޔާމީނަށް ކަފާލާތެއް ނުދިން، ޖޫރިމަނާ ދެއްކުން ފަސްކޮށްދީފި

5 އޮކްޓޯބަރު 2021 - 10:26 0

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ޔާމީންގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ ތެރެއިން ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދިފައިވާތީ އެވެ.

އެންމެ މަތީ ކޯޓުން މިއަދު އިއްވި އަމުރުގައިވާ ގޮތުގައި, ކަފާލާތަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ބަންދުން ދޫކޮށްލުމަށް ކޯޓުތަކަށް ދީފައިވާ އިހްތިޔާރެކެވެ. އެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ބަޔާން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް, ކުށްވެރިވުމަށްފަހު ކަފާލާތުގެ ދަށުން ބަންދުން ދޫކުރުމަކީ އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނެތް އުސޫލެއްކަން އަމުރުގައި ފާހަގަކުރި އެވެ. އަދި, އެއީ ކުށްވެރިންނަށް އޮތް ހައްގެއް ނޫން ކަމަށް ވެސް ފާހަގަކުރި އެވެ.

ފަނޑިޔާރު މަހާޒު އަލީ އިއްވެވި އަމުރުގައި ބުނި ގޮތުގައި ކުށްވެރިންނަށް ކަފާލާތުގެ ހައްގު ދީފިނަމަ, ހަމަހަމަކަމާއެކު އިންސާފު ގާއިމްކުރުމަށް ވެސް ހުރަސްއެޅޭނެ އެވެ. އެއީ, ކުށްވެރިވެފައިވާ މީހުންނަށް ކަފާލާތް ދޫކުރަން ފަށައިފިނަމަ އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި, ހަމަހަމަ ގެއްލިގެންދާނެތީ ކަމަށެވެ.

އެހެންވެ, ޔާމީނަށް ކަފާލާތް ދެވެން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅި އެވެ. ހަމައެއާއެކު, ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ވެސް ނެރޭނެ ތަނެއް ނެތް ކަމަށް ކަނޑައެޅި އެވެ.

ފަނޑިޔާރު މަހާޒު ވިދާޅުވި ގޮތުގައި, މައްސަލައެއް އިސްތިއުނާފު ކުރުމަކީ އެ ހުކުމެއްގެ ބާރު ދަށްވާނެ ކަމެއް ނޫނެވެ. އަދި އިސްތިއުނާފަށް ހުށަހެޅުމަކީ އަދަބު މަޑުޖައްސާލަން ވެސް ޖެހޭ ކަމެއް ނޫން ކަމާއި އެއީ އަމަލު ކުރަމުން އަންނަ އުސޫލެއް ނޫންކަން ވެސް ފާހަގަ ކުރެއްވި އެވެ.

ނަމަވެސް, ޔާމީން މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއެކު ކޮށްފައިވާ ފަަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުން ސުޕްރީމް ކޯޓުން ފަސްކޮށްދިނެވެ. ތިން ފަނޑިޔާރުން ވެސް އެއްބަސްވީ ޖޫރިމަނާގެ ފައިސާއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ޔާމީންގެ މައްޗަށް ނޭޅުމަށް އަމުރު ކުރުމަށެވެ.

އަމުރު ނެރުނީ އިސްތިއުނާފީ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެނެވެ.

އެ އަމުރު އެގޮތަށް ކުރިއިރު މުއްދަތު ހަމަވިއިރު ވެސް ޔާމީން ޖޫރިމަނާގެ ފައިސާ ދައްކާފައިނުވާތީ, ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލާގެ އަޑުއެހުމެއް މާދަމާއަށް އޮތީ ތާވަލު ވެސް ކޮށްފަ އެވެ.

މީގެއިތުރުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އާ ހެކިންގެ ތެރެއިން ދެ ޝަފަވީ ހެކި ބަލައިނުގަތުމަށް ވެސް ސުޕްރީމް ކޯޓުން މިއަދު ނިންމެވި އެވެ. އެއީ, ކުރީގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު އިސްމާއިލާއި މުހައްމަދު ޝާހިދެވެ. އެ ދެ މީހުން ހެކީގެ ގޮތުގައި ހުށަހެޅީ ޔާމީންގެ ފައިސާ, ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުގައި ހުންނާނެކަން ސާބިތުކުރުމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅީ އެ ހެކިންނަކީ ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ދެ ހެކިން ކަމަށެވެ. އެހެންވެ, މަތީ ކޯޓަށް އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން އާ ހެކި ބަލައިގަންނަނީ ވަރަށް މަދު ހާލަތެއްގަ އެވެ.