Advertisement

ވެކްސިންގެ މުއްދަތު ހަމަވާ ތާރީހަށް ބަދަލެއް ގެނެސް، ތިން މަސް އިތުރު ކުރަނީ

5 އޮކްޓޯބަރު 2021 - 10:56 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފްލޫ ކްލިނިކެއްގައި މީހަކަށް ކޮވިޑު ވެކްސިން ޖަހަނީ: ކުރިން ވެކްސިނަށް 6 މަސް ދީފައި އިންނައިރު މިހާރު 9 މަހަށް ބަދަލުވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި-- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ވެކްސިންގެ މުއްދަތު ހަމަވާ ތާރީހަށް ބަދަލެއް ގެނެސް، ތިން މަސް އިތުރު ކުރަނީ

5 އޮކްޓޯބަރު 2021 - 10:56 0

ކޮވިޑް-19 އާ ދެކޮޅަށް ބޭނުން ކުރުމަށް މިދިޔަ ފެބްރުއަރީ މަހު ރާއްޖެ ގެނައި ވެކްސިން ވަޔަލްތަކުގެ މުއްދަތު އަންނަ މަހަށް ހަމަވި ނަމަވެސް އިތުރު ތިން މަހު ބޭނުން ކުރެވިދާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޗްއީއޯސީގެ ފަރާތުން އެކުލަވާލި ޓެކްނިކަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވެކްސިންގެ އެކްސްޕަޔަރީ މުއްދަތަކީ ނުވަ މަސް ދުވަސް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ބުނެފައިވާ ކަމަށެވެ.

ނަމަވެސް، އޭރުގެ އެ ނިންމުމާ ހިލާފަށް ވެކްސިންގެ މުއްދަތު ބަދަލުކުރަން ޑަބްލިއުއެޗްއޯއިން ނިންމީ، ފަހުގެ ޑޭޓާތަކުގެ މައްޗަށް ބިނާކޮށް ކަމަށް ނަޒްލާ ވިދާޅުވި އެވެ.

އެގޮތަށް އެކަން ދިމާވީ ކުރު މުއްދަތެއްގައި، އުފައްދާ މިފަދަ ވެކްސިންތަކުގެ ފުރިހަމަ މައުލޫމާތު، ކުރީކޮޅު ނެތުމުން ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

"ތިން މަސް އެކްސްޓެންޑް ކުރެވިދާނެ ކަމަށް ބުނެފަ ވަނީ އެންމެ ފަހުން. ކުރިން އިންނަނީ ހަ މަސް، މިހާރު ނުވަ މަހަށް ބަދަލުވެފައި އިނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެކަމަކު ވެކްސިންގެ މުއްދަތު އިތުރު ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ރަސްމީކޮށް އަދި ނުނިންމާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"އެކްސެސިބިލިޓީއާ ޓެސްޓިންނާ އެއްޗެހި އަބަދުވެސް ހަމަ ބަލަމުން ދަނީ. [ވެކްސިންގެ] ޓެމްޕްރޭޗާ ހުރީ ކިހާ ވަރެއްގަތޯ. ފައިޒާ ވެކްސިން ބެހެއްޓޭނީ ކިހާ ދުވަހަކަށްތޯ. ފުރަތަމަ ބުނެފައި އިނީ [ވެކްސިން] ނަގާފަ އެހާ ގިނަ ދުވަހަކަށް ނުބެހެއްޓޭނެ ކަމަށް. މިހާރު އިނީ 30 ދުވަހަށް ވެސް ނަގާފަ ބެހެއްޓޭނެ ކަމަށް. އެއީ 2-8 ޑިގްރީގަ ބެހެއްޓޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެމްއެފްޑީއޭއިން ބުނީ ނޮވެމްބަރަށް ހަމަވާނެ ކަމަށް ބުނެފައިވާ ވެކްސިނަށް ޑަބްލިޔުއެޗްއޯއިން ދީފައިވާ މުއްދަތާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އެކަމާމެދު ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ވެކްސިނަށް އިތުރު މުއްދަތެއް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާއިރު، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިނުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ވެކްސިންގެ އިތުރު ޑޯޒެއް ޖަހަން މިހާރު ވަނީ ރާއްޖެއިން ފަށައިފަ އެވެ.

ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދޭން ހަމަޖެހިފައިވަނީ ފައިޒާ ވެކްސިނެވެ. ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށިމީހުންނެވެ.