Advertisement

ކުށްވެރިއަކަށް ކަފާލާތުގެ ހައްގު ލިބޭނެތަ؟ ސުޕްރީމް ކޯޓުގައި އޮތީ މި ބަހުސް!

4 އޮކްޓޯބަރު 2021 - 12:57 2

ނާޒިމް ހަސަން

ނާޒިމް ހަސަން

ޔާމީން މިއަދުގެ ޝަރީއަތުގައި: ކަފާލާތުން ދޫކޮށްލުމާމެދު ބަހުސް ކުރި.


ކުށްވެރިއަކަށް ކަފާލާތުގެ ހައްގު ލިބޭނެތަ؟ ސުޕްރީމް ކޯޓުގައި އޮތީ މި ބަހުސް!

4 އޮކްޓޯބަރު 2021 - 12:57 2

ކަފާލާތުގެ ދަށުން ބަންދުން ދޫކުރުމަކީ ކުށްވެރިންނަށް ލިބިގެންވާ އަސާސީ ހައްގެއް ނޫން ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ސްޓޭންޑް ސުޕްރީމް ކޯޓުގައި ދަމަހައްޓައިފި އެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ, ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހައިކޯޓަށް ހުށަހެޅި އެވެ. ނަމަވެސް, އެ ކޯޓުގައި ދައުލަތުން ވަނީ އެއީ ކުށްވެރިންނަށް އޮތް ހައްގެއް ނޫން ކަމަށް ސްޓޭންޑެއް ނަގާފަ އެވެ.

ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރޭގައި އެކަން ނެތް ކަމަށް ބުނެ ހައިކޯޓުން ވެސް ޔާމީނަށް ކަފާލާތެއް ނުދިނެވެ.

ނަމަވެސް, އޭގެކުރިން ހައިކޯޓުން ކުރީގެ ރައީިސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން ދޫކޮށްފައިވެ އެވެ.

އެހެންވެ, އެ ނުކުތާގައި ޔާމީންގެ ފަރާތުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށަށާއި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ހޯދުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ. މިއަދު ސުޕްރީމް ކޯޓުގައި މިކަމާމެދު ވަނީ ބަހުސް ކޮށްފަ އެވެ.

ޔާމީންގެ ވަކީލް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި ގޮތުގައި, ކުށް ސާބިތުވެ އިސްތިއުނާފީ ހައްގުގެ ބޭނުން ހިފާ މީހުންނަށް ވެސް ކަފާލާތުގެ ހައްގަކީ އޮތް އެއްޗެއްކަން ގާނޫނުއަސާސީގެ މާއްދާތަކަށް ބެލުމުން އެނގެ އެވެ. އެގޮތުން, އަމިއްލަ މިނިވަންކަމަކީ ގާނޫނުއަސާސީއިން ލިބިދޭ ހައްގަކަށްވާއިރު, އެ ހައްގު ގާނޫނަކު ލިޔެފައި ނެތޭ ކިޔައި ހަނި ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ޖަމީލު ފާހަގަ ކުރެއްވި ގޮތުގައި އިސްތިއުނާފީ މަރުހަލާގައި ކަފާލާތުގެ ދަށުން މީހުން ދޫކޮށްލުމަކީ އެހެން މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި ވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ. އެގޮތުން ޖަމީލު ވަނީ އިންޑިއާގެ ސުޕްރީމް ކޯޓުގެ ނިންމުންތަކެއް ފާހަގަ ކުރައްވާފަ އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އިންޑިއާގައި ކަފާލާތުގެ ހައްގަކީ ވަރަށް ފުޅާ ގޮތެއްގައި އޮތް ކަމެކެވެ.

އަދި, މީގެކުރިން ހައިކޯޓުން ވެސް ކަފާލާތުގެ ދަށުން ކުށް ސާބިތުވެފައިވާ ބަޔަކު ދޫކޮށްލާފައިވުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމްގެ ތެރޭ ވެސް ކަފާލާތަކީ އޮތް އެއްޗެއްކަން އެނގިގެންދާ ކަމެއްގެ ގޮތުގައި ޖަމީލު ފާހަގަ ކުރެއްވި އެވެ.

ޖަމީލު މިއަދުގެ އަޑުއެހުމުގައި ވަކާލާތު ކުރައްވަނީ


ޖަމީލު ފާހަަގަ ކުރެއްވި ގޮތުގައި, ކުށްވެރިވެފައިވާ މީހުންނަށް ކަފާލާތު ދޫނުކުރަނީ ކޯޓުތަކަށް ފިލައިގެން ގޮސްދާނެތީ ކަމަށާއި ނަމަވެސް, ޔާމީނަކީ ބަރާބަރަށް ކޯޓުތަކަށް އެއްބާރުލުން ދެމުން ގެންދާ ބޭފުޅެއް ކަމަށެވެ. އެހެންވެ, ދަށު މަރުހަލާތަކުގައި އިންސާފުން ބޭރުން ޝަރީއަތް ހިންގާފައިވާއިރު މި މަރުހަލާގައި ބަންދުން ދޫވެ ހުރުމަކީ އަސާސީ ހައްގެއް ކަމަށް ޖަމީލު ފާހަގަ ކުރެއްވި އެވެ.

ޖަމީލު ފާހަގަ ކުރެއްވި ގޮތުގައި ބޭއިންސާފުން ބަންދުގައި ހުންނަން ޖެހުމަކީ ޔާމީންގެ ގިނަ އަސާސީ ހައްގުތަކެއް ގެއްލިގެންދާ ކަމެކެވެ.

ޖަމީލުގެ ވާހަކަތަކަށް ރައްދު ދެއްވީ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުފަލެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުށްވެރިވުމުގެ ކުރިން ކަފާލާތުގެ ދަށުން މީހުން ދޫކޮށްލުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލެއް ނަމަވެސް, އެ ގާނޫނުގައި ވެސް އަދި ގާނޫނުއަސާސީގައި ވެސް ކުށްވެރިވުމަށްފަހު ކަފާލާތުން މީހަކު ދޫކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނެތެވެ.

ނައުފަލް ވިދާޅުވީ ކުށްވެރިންނަށް ކަފާލާތަކީ އަސާސީ ހައްގެއް ނޫން ކަމަށާއި އެކަން ގާނޫނުއަސާސީން ސާފުވާ ކަމަށެވެ. ކުށްވެރިންނަށް އެ ހައްގު ދިނުމަކީ މަގުސަދެއް ކަމަށްވާނަމަ, އެކަން ބަޔާންކޮފައި އޮތީސް ކަމަށާއި ކުށްވެރިން އެގޮތަށް ދޫކުރެވުމަކީ ގާނޫނީ ނިޒާމާ ނުވެސް ދަންނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި, އެއީ އަސާސީ ހައްގެއް ކަމަށް ޔާމީންގެ ފަރާތުން ބުނާނަމަ, އެކަން ސާބިތުކޮށް ދޭން ޖެހޭނެ ކަމަށާއި ނަމަވެސް, އެކަން ކުރެވިފައި ނެތްކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން ޖަމީލު ފާހަގަ ކުރެއްވި އިންޑިއާގެ ގިނަ ހުކުމްތަކަކީ ކުށްވެރިވުމުގެ ކުރިން ކަފާލާތު ދޫކުރި ހުކުމްތަކެއްގައި ހިމެނޭ ކަންކަމަށް ނައުފަލް ވިދާޅުވި އެވެ. އަދި, ކަފާލާތުގެ ހައްގަކީ އަސާސީ ހައްގެއްކަން ބަޔާންކުރަން ދެއްކެވީ ވެސް ހަމައެކަނި އިންޑިއާގެ ހުކުމްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ހަމައެކަނި އެ ހުކުމްތަކަށް ބަލައިގެން އެއީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލު ކަމަށް ޝަރީއަތަށް ނުބެލޭނެ ކަމަށް ނައުފަލް ވިދާޅުވި އެވެ.

ވަކީލް ނައުފަލް ވަކާލާތު ކުރައްވަނީ: ކަފާލާތަކީ ކުށްވެރިންނަށް ހައްގެއް ނޫން ކަމަށް ވިދާޅުވި


ޔާމީންގެ ފަރާތުން ވަނީ ހުކުމް ފަސްކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ. އެމަނިކުފާނުގެ ވަކީލް އަބްދުالله ޝިޔާޒް ވިދާޅުވި ގޮތުގައި, އިސްތިއުނާފީ މަރުހަލާގައި މައްސަލަ އޮތްވައި ހުކުމް ތަންފީޒުކުރުމަކީ ޔާމީންގެ ހައްގުތަކެއް ގެއްލިގެން ގޮސްދާނެ ކަމެއް ކަމަށެވެ.

ޝިޔާޒު ވިދާޅުވި ގޮތުގައި, އެ އަމުރަށް ސުޕްރީމް ކޯޓުގައި އެދިފައިވަނިކޮށް ވެސް ޔާމީންގެ މައްޗަށް ހުކުމް ތަންފީޒުކުރުމަށް ދައުލަތުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެއީ, ގޯހެއް ކަމުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ވަކީލް ފާހަގަ ކުރެއްވީ ޔާމީންގެ މައްޗަށް ޖަލު ހުކުމާއެކު އައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދެއްކުމުން އެ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށެވެ.

މީގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ކަމާއި އެހެން ކަމުން އެއީ ގާނޫނީ އުސޫލެއްކަން އެނގިގެންދާ ކަމަށް ވެސް ޝިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ޝިޔާޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ޕަބްލިކް ޕްރޮސިކިއުޓާ ނައުފަލް ވިދާޅުވީ އިސްތިއުނާފަށް މައްސަލަ ހުށަހެޅުމަކީ ހުކުމް އޭގެ ޒާތުގައި ފަސްކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެކަން ގާނޫނެއްގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ.

މައްސަލައެއްގައި އިސްތިއުނާފީ ހުރިހާ މަރުހަލާއެއް ނުނިމެނީސް ހުކުމް ތަންފީޒު ނުވުމަކީ ހަމަޖެހޭ ކަމެއް ނޫންކަން ވެސް ނައުފަލް ފާހަގަ ކުރެއްވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެ އުސޫލު އޮތީ ހަމައެކަނި އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްދުގެ އަދަބުތައް ތަންފީޒުކުރުމަށެވެ. އެފަަދަ އަދަބުތައް ތަންފީޒު ކުރެވޭނީ އިސްތިއުނާފީ މަރުހަލާތައް ނިމި, ނިހާއީ ހުކުމަކާ ހަމައަށް ވާސިލުވުމުންކަން ނައުފަލް ފާހަގަ ކުރެއްވި އެވެ.

ކަފާލާތުގެ ދަށުން ދޫކުރުމާއި ހުކުމް ތަންފީޒު ކުރުމުގެ އަމުރާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުން މާދަމާ އޮންނާނެ އެވެ.

އޭގެއިތުރުން މާދަމާ ބާއްވާ އަޑުއެހުމުގައި މުޅި މައްސަލާގައި ހުލާސާ ބަޔާން އިއްވުމަށް ދެ ފަރާތަށް ފުރުސަތު ދޭނެ އެވެ. އެއަށްފަހު އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީހެވެ.