Advertisement

ގާޒީންގެ އޯޑިއޯތައް ހެކީގެ ގޮތުގައި ހުށަހެޅުމަށް ފަހު އަނބުރާ ގެންގޮސްފި

4 އޮކްޓޯބަރު 2021 - 11:52 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ޔާމީންގެ ވަކީލުން މިއަދު ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަނީ --


ގާޒީންގެ އޯޑިއޯތައް ހެކީގެ ގޮތުގައި ހުށަހެޅުމަށް ފަހު އަނބުރާ ގެންގޮސްފި

4 އޮކްޓޯބަރު 2021 - 11:52 0

ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ހުކުމް އިއްވެވި ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން ކަަމަށް ބެލެވޭ ބައެއްގެ އޯޑިއޯތައް ހެކީގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު އަނބުރާ ގެންގޮސްފި އެވެ.

ސުޕްރީމް ކޯޓަށް އެ ހެކިތައް ހުށަހަޅާފައި އޮތުމުން އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމުން ޔާމީންގެ ވަކީލް އަބްދުالله ޝިޔާޒު މިއަދު ވިދާޅުވީ އެ ހެކިތައް އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ.

އެއީ, ގާޒީންގެ އޯޑިއޯތަކެއް ކަމަށް ބުނާ ތިން އޯޑިއޯއެކެވެ. މި އޯޑިއޯތައް ސޯޝަލް މީޑިއާގައި ލީކްވި ހިސާބުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމާމެދު ސުވާލު އުފައްދައި, އެ ގާޒީންގެ ނަޒާހަތްތެރިކަމާމެދު ވެސް ސުވާލު އުފެއްދި އެވެ.

މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ގެންދަނީ އޭގެ މައްސަލަ ބަލަމުންނެވެ.

އޯޑިއޯތައް ހެކީގެ ގޮތުގައި ހުށަހަޅަން މިހާރު ބޭނުން ނުވާ ސަބަބެއް ވަކީލް ޝިޔާޒު ވިދާޅެއް ނުވެ އެވެ. ނަމަވެސް, އެ އޯޑިއޯތަކާއެކު ލީކްވި, އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ކަމަށް ބެލެވޭ މީހެއްގެ އަޑުއިވޭ އޯޑިއޯއެއް ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

އެ އޯޑިއޯގައި ޔާމީންއަށް ޖަމާވި ފައިސާއަކީ ވޮޑުމުލާގެ ފައިސާކަން ސާބިތު ނުކުރެވޭ ކަމާއި ތަހުގީގު ނުނިމޭ ކަމަށް ބުނެ އެވެ. އެހެންވެ, ޔާމީންގެ ފަރާތުން އެކަން ޝަރީއަތަށް ހުށަހަޅަން ބޭނުންވީ އެވެ.

މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ އެ އޯޑިއޯގެ ސައްހަކަމާމެދު ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ޝިޔާޒު ވިދާޅުވީ އޯޑިއޯއަކީ މުއައްވިޒުގެ އަޑު ކަމެއް ކަށަވަރު ނޫން ކަމަށެވެ. ނަމަވެސް, އޭނާ އެ އޯޑިއޯއަށް އިންކާރުކޮށްފައިނުވާ ކަމަށެވެ.

އެ އޯޑިއޯގެ ސައްހަކަން ކަށަވަރު ކުރަން އޭގެ އެނާލިސިސް ހެދޭނެ ގޮތެއް ނެތްކަން ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

ދެން އާ ހެއްކެއްގެ ގޮތުގައި ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމުގެ ކުރިން 2015 ވަނަ އަހަރު ދީފައިވާ ޕްރެސްއެއްގައި ދެއްކި ވާހަކައެކެވެ. އެއީ, ޔާމީންގެ ކެމްޕެއިން ފައިސާ އޭނާގެ އަތުގައި ހުންނަ ކަމާއި އެ މެނޭޖްކުރާ ކަމުގެ ވާހަކަ އެވެ.

އެ ހެކި ހުށަހަޅަން ބޭނުން ވަނީ ޔާމީންގެ ފައިސާ އަދީބުގެ އަތުގައި ހުންނާނެކަން ސާބިތުކުރުމަށެވެ. އެއަށް ބާރު ދިނުމުގެ ގޮތުން ކުރީގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު އިސްމާއިލާއި މުހައްމަދު ޝާހިދު ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

ވަކީލް ޝިޔާޒު ވިދާޅުވި ގޮތުގައި, އެ ހެކިތައް ދަށު ކޯޓަށް ހުށަނޭޅި އޮތް ސަބަބަކީ އަދީބު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި ސަބަބާއި އޭނާ ހާޒިރުކޮށް އޭނާގެ ފަރާތުން ހެކިބަސް ހޯދައި ރިއާޔަތްކޮށްފައިވާ ސަބަބު ތަފާތުވުމުންނެވެ. އެހެންވެ, މި މަރުހަލާގައި އެ ހެކިތައް ފުރުސަތު ލިބެންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން, އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ހެކިބަސް ނުދޭނެ ކަމަށް ބުނެ ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީ ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އޭގައި ލުތުފީ ބުނެފައިވަނީ ޔާމީނާއި ބައްދަލުކޮށްފައިނުވާ ކަމާއި ޕޮލިސްއަށް ބަޔާން ދިނުމަށް އެކި ނުފޫޒުތައް އޭނާއަށް ފޯރުވާފައިވާ ކަމަށެވެ.

މި ހެކިތައް ބަލައިގަތުމާއެކު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިއުތިރާޒު ކުރި އެވެ.

ސުޕްރީމް ކޯޓަށް އާ ހެކި ގަބޫލު ކުރަނީ ވަރަށް އިސްތިސްނާ ހާލަތްތަކެއްގައި އެ ހެކީގެ ބާވަތާއި މުހިންމު ކަމާއި ސައްހަ ކަމަށް ބަލައިގެންނެވެ. އަދި, އެ ހެކީގެ ސަބަބުން މައްސަލައަށް ކުރާނެ އަސަރާއި އެއީ ފަހުން ވުޖޫދުވި ހެއްކަކަށްވާނަމަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލް ވިދާޅުވި ގޮތުގައި, މި ހެކިތަކަކީ ދަށު ކޯޓަށް ވެސް ހުށަހެޅުމުގެ ފުރުސަތު އޮތް ހެކިތަކެވެ. އެގޮތުން, އަދީބުގެ ޕްރެސް އާއި އެއަށް ބާރުދޭ ދެ ހެކިވެރިންނަށް އޭރު ވެސް ވުޖޫދުގައިވާ ހެކި ކަމަށެވެ. އޭގެ އިތުރުން މުއައްވިޒުގެ އޯޑިއޯގެ ސައްހަކަމާދު ސުވާލު އޮތްއިރު, ހުވާ ކުރުމަށްފަހު ހެކިބަސް ދީފައިވާ މީހެއް ކޯޓުން ބޭރުގައި ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކުރެވިގެން ނުވާނެ އެވެ.

އަދި, އަދީބުގެ ޕްރެސްގައި ދެއްކި ވާހަކަތަކާއި އޯޑިއޯ ހުށަހަޅައިގެން ސާބިތުކުރަން ޔާމީންގެ ފަރާތުން ބޭނުންވާ ނުކުތާއަކީ އެއާ ގުޅޭ ގޮތުން ކުރިމިނަލް ކޯޓުގައި އެމީހުންގެ ހެކިބަސް ނެގިއިރު ސުވާލު ކުރުމަށް ފުރުސަތު ލިބުނު ކަމެއްގެ ގޮތުގައި ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

އެހެންވެ, އާ ހެކިތައް ބަލައިގަންނަން ޖެހޭނެ ސަބަބެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ.