Advertisement

ފުވައްމުލަކުގައި މަރުވި ސަދާއަށް ހޮސްޕިޓަލުން އިހުމާލުވިތޯ ބެލުމަށް ތަހުގީގެއް ކުރަނީ

4 އޮކްޓޯބަރު 2021 - 12:07 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އިއްޔެ ފުވައްމުލަކުގައި މަރުވި އުމުރުން ހަ އަހަރުގެ ސަދާ: މަރުވީ ބަނޑަށް ތަދުވެ، ހޮޑުލެވޭތީ ޑޮކްޓަރަށް ދައްކައި، ފަރުވާ ދެމުން ދަނިކޮށް އިރުއޮއްސުނު ވަގުތު -- ފޮޓޯ: ފޭސްބުކް


ފުވައްމުލަކުގައި މަރުވި ސަދާއަށް ހޮސްޕިޓަލުން އިހުމާލުވިތޯ ބެލުމަށް ތަހުގީގެއް ކުރަނީ

4 އޮކްޓޯބަރު 2021 - 12:07 0

ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކުއްލި ގޮތަކަށް އިއްޔެ މަރުވި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖާގެ މަރުވި ގޮތް ހޯދުމަށް ހެލްތު މިނިސްޓްރީގެ ފަރާތުން ތަހުގީގެއް ފަށައިފި އެވެ.

މުހައްމަދު ޖަލާލުއްދީން ސްކޫލްގެ އެލްކޭޖީގައި ކިޔަމުން އައި ސަދާ ސައުދު އަހުމަދު ހުސައިން މަރުވީ ބަނޑަށް ތަދުވެ، ހޮޑުލެވޭތީ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އިއްޔެގެ އިރުއޮއްސުނު ވަގުތެވެ.

ސަދާ މަރުވާން މެދުވެރި ސަބަބެއް އަދި ސާފެއް ނޫނެވެ. އެހެންނަމަވެސް އާއިލާއިން ތުހުމަތުކުރަނީ ސަދާގެ ގަޔަށް ހޮސްޕިޓަލުން އޮޅިގެން ނުބައި އިންޖެކްޝަނެއް ޖެހުނީ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ފުވައްމުލަކު ހޮސްޕިޓަލުން މިހާތަނަށް އެއްޗެކޭ ނުބުނެ އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ފުވައްމުލައް ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ލިރާރު ވިދާޅުވީ އެ މައްސަލަ ތަހުގީގުކޮށް ނިމޭއިރު އެއްވެސް އިހުމާލެއްވެފައިވާކަން އެނގިއްޖެ ނަމަ އެފަރާތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އާއިލާގެ ތުހުމަތުތާ ގުޅިގެން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވީ އެ ހާދިސާ ހިނގައި ދިޔަ ގޮތް ސާފުކުރުމަށް ސިޓީ ކައުންސިލުން ވެސް ހޮސްޕިޓަލާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހެލްތު ސެކްޓާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހާދިސާއާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވީ މަރުވި ސަދާގެ ހުރިހާ މެޑިކަލް ޑޮކިއުމެންޓްއެއް ފޮނުވަން އެ ހޮސްޕިޓަލަށް އަންގާފައިވާނެ ކަމަށާއި ކަން ހިނގައިދިޔަ ގޮތް ތަހުގީގު ކުރުމަށްފަހު ރިޕޯޓެއް އެކުލަވާލާނެ ކަމަށެވެ.

"މަރުގެ އެހެން މައްސަލަތަކެކޭ އެއްފަދައިން މި މައްސަލަވެސް ހެލްތު މިނިސްޓްރީއިން މިހާރު ވަނީ ތަހުގީގުކުރަން ފަށާފައި. ތަހުގީގަށްފަހު ކަން ހިނގައި ދިޔަ ގޮތުގެ ރިޕޯޓެއް އެކުލަވާލާނެ، އިހުމާލެއް ފާހަގަކުރެވޭނެމަ އެކަން ތަހުގީގުކޮށް އެފަރާތަކަށް ފިޔަވަޅު އަޅަން ފޮނުވޭނެ،" އޭނާ ވިދާޅުވި އެވެ.

ސަދާގެ ކުއްލި ވަކިވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި މިނިސްޓްރީގެ އިސްވެރިންނާއި،އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުހޫމާގެ އާއިލާއަށް ވަނީ ތައުޒިޔާ ކިޔައި، ބަޔާނެއް ނެރެފަ އެވެ.