Advertisement

30 މެޗަށް ފަހު ބަލިވެ ބަޔާންގެ ރެކޯޑް ނިމުމަކަށް

4 އޮކްޓޯބަރު 2021 - 08:07 0

ރޭގެ މެޗުގައި ފްރޭންކްފާޓަށް މޮޅު ކުޅުމެއް ދެއްކި ކޮސްޓިޗް (ކ) އަތުން ބޯޅަ ހޯދަން ބަޔާންގެ އަލްފަންސޯ ޑޭވިސް މަސައްކަތްކުރަނީ.


30 މެޗަށް ފަހު ބަލިވެ ބަޔާންގެ ރެކޯޑް ނިމުމަކަށް

4 އޮކްޓޯބަރު 2021 - 08:07 0

މިއުނިކް (ސެޕްޓެމްބަރު 4) - ޖަރުމަނު ލީގުގައި ރޭ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 2-1 އިން ބަލިވެ، ބަޔާން މިއުނިކުން ޖަރުމަނު ލީގުގައި އަމިއްލަ ދަނޑުގައި 30 މެޗަށް ފަހު ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބަޔާން އެންމެ ފަހުން ޖަރުމަނު ލީގުގައި އަމިއްލަ ދަނޑުގައި ބަލިވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އޭގެ ފަހުން ވަނީ އަމިއްލަ ދަނޑުގައި ރަނގަޅު ރެކޯޑެއް ދަމަހައްޓައިފަ އެވެ.

ރޭގެ ނަތީޖާއާ އެކު ޖަރުމަނު ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތް ބަޔާނާ އެއްވަރަށް ޕޮއިންޓް ހޯދާފައިވަނީ ރޭ އާރްމީނިއާ ބީލަފީލްޑްގެ މައްޗަށް 4-0 އިން ކުރިހޯދި ބަޔާ ލެވަކޫސަން އެވެ. ބަޔާން އާއި ލެވަކޫސަން އަށް ވެސް ލިބިފައިވަނީ ހަތް މެޗުން 16 ޕޮއިންޓެވެ. ތިން ވަަަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ.

ބަޔާނުން ރޭގެ މެޗުގައި ލީޑުނެގީ މެޗުގެ 29 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ދިން ބޯޅައަކުން ލެއޯން ގޮރެޓްޒްކާ އެެވެ. ގޮރެޓްޒްކާ އޭރިއާތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭގެ ތިން މިނިޓް ފަހުން ފްރޭންކްފާޓުން ވަނީ އެއްވަރުކޮށްފަ އެވެ. ސާބިއާގެ ވިންގާ، ފިލިޕް ކޮސްޓިޗް ނެގި ކޯނަރަކުން މި ގޯލު ޖެހީ ފްރޭންކްފާޓްގެ ކެޕްޓަން މާޓިން ހިންޓަރޭގާ ބޮލުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރޭންކްފާޓަށް ލީޑުނަގައިދޭން އަލްމާމީ ޓޫރޭ އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. ބަޔާނަށް ދެ ވަނަ ހާފުގައި އަލުން ލީޑުނަގައިދޭން އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރެފައި ލެވަންޑޯސްކީ ބޮލުން ޖެހި ބޯޅަ ފްރޭންކްފާޓް ކީޕަރު ކެވިން ޓްރަޕް ވަނީ މަތަކޮށްފަ އެވެ.

ފްރޭންކްފާޓް މޮޅުވި ގޯލު ޖެހީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ހުއްޓައި ކޮސްޓިޗް އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޮސްޓިޗް އޭރިއާގެ އަރިމަތިން ތިރިތިރިން ބާރަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. އިތުރު ވަގުތުގައި ބަޔާނަށް އެއްވަރުކޮށްދޭން ގޮރެޓްޒްކާ ޖެހި ބޯޅަ މެޗުގައި ގިނަ ހަަމަލާތަކެއް ހުއްޓުވި ކީޕަރު ޓްރަޕް ވަނީ މަތަކޮށްފަ އެވެ.

ބަޔާނުން މި މެޗުގައި 20 ޝޮޓް ޖެހިއިރު، ފްރޭންކްފާޓް މޮޅުވީ ފަސް ޝޮޓްގެ ތެރެއިން ދެ ގޯލު ޖަހައިގެންނެވެ. މިއީ މި ސީޒަނުގައި ބަޔާނާ ހަވާލުވި ޒުވާން ކޯޗު ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ކުޅުނު މެޗެއްގައި އެ ޓީމު ބަލިިވި ފުރަތަމަ ފަހަރެވެ.

ނާގަލްސްމަން ބުނީ މި ގޮތަށް ބަލިވުމުން ވަރަށް ބަލައިގަންނަން އުނދަގޫ ކަމަށާއި ސަބަބަކީ މިއީ ހުއްޓުވޭނެ ފަދަ ނަތީޖާއެއް ކަމަށެވެ. މީގެ ދެން އެންމެ މޮޅު ގޮތަކީ ހެދުނު ގޯސްތައް ރަނގަޅުކުރަން މި މެޗު އެނަލައިޒްކުރުން ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ.