Advertisement

ސްކްރީން ފަހަތުގައި ތިބެ ހިންގާ ޖަރީމާ، ކުޑައެއް ބޮޑެއް ނޯވޭ!

3 އޮކްޓޯބަރު 2021 - 07:12 3

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައިބާ ޖިންސީ ކުށްތަކާ ގުޅޭ ޕޯސްޓަރެއް. -- ފޮޓޯ: ޕާކިސްތާން ޓްރިބިއުން


ސްކްރީން ފަހަތުގައި ތިބެ ހިންގާ ޖަރީމާ، ކުޑައެއް ބޮޑެއް ނޯވޭ!

3 އޮކްޓޯބަރު 2021 - 07:12 3

ދުވަހުގެ ގިނަ ވަގުތު އޭނާ ހޭދަކުރަނީ ސޯޝަލް މީޑިއާ ހޭވުމުގަ އެވެ. އެކި އުމުރުފުރައިގެ އަންހެނުންގެ އެކައުންޓުތައް ބަލައި ހާވަނީ އެވެ. އޮތީ އެންމެ ބޭނުމެކެވެ. ފޮޓޯތައް ވަގަށް ނަގައިގެން ވަހުޝީ ކެޕްޝަންތަކާ އެކު އެކި ނަންނަމުގައި ހިންގާ ޕޭޖުތަކާއި ގްރޫޕުތަކުގައި އާއްމު ކުރުމެވެ.

އެއަށްވުރެ ސިއްރުން އޭނާ ކުރާ ކަމަކީ އެކި މީހުން އެކައުންޓުތަކާއި ފޯނު ހެކްކުރުމުގެ މަސައްކަތެވެ. އަނެއްކާވެސް އޮތީ ހަމަ އެއް ބޭނުމެކެވެ. އޭނާގެ ހިތް ފުރެނީ މީހުންގެ ބަރަހަނާ ފޮޓޯތައް ދަމައިގަނެ، އިޝްތިހާރު ކުރާ އުސޫލުން ގިނަ ފިރިހެނުންތަކަކަށް އާއްމު ކުރެވުމުންނެވެ.

ސައިބާ ސެކްޝުއަލް ކްރިމިނަލްސް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި ޖިންސީ ކުށް ކުރާ މީހުންގެ އުޅުން ހުންނަ ގޮތަކީ މިއީ އެވެ.

އުމުރުން 20 އަހަރުގެ އައިމިނަތަަކީ އެފަދަ ކުށްވެރިއެއްގެ ޝިކާރައަކަށްވި މީހެކެވެ. މިއަދު އޭނާ ސޯޝަލް މީޑިއާއާ ދުރުވެއްޖެ އެވެ. މައުސޫމް ވިސްނުމެއްގައި އުމުރުން 17 އަހަރުގައި ސޯޝަލް މީޑިއާ ބޭނުން ކުރަން ފެށި އައިމިނަތަށް ޒުވާން އުމުރުގައި ޖެހުނީ ނަފްސާނީ ބޮޑު ހަނގުރާމައަކާ ކުރިމަތިލާށެވެ.

"އަހަރެން އާއްމުކޮށް ލަނީ އޯފް ޝޯލްޑާ ޓޮޕު. އެހެންވީމަ ހުރިހާ ފޮޓޯއެއްގައި ވެސް ކޮނޑުމަތި ހުންނާނީ ފެންނަން. އެއް ގޮތަކަށް ވެސް ހިތަކަށް ނާރާ މިއީ ބަރަހަނާ ފޮޓޯ ކަމަށް ބަޔަކު ދެކޭނެއެކޭ،" އައިމިނަތަށް ދިމާވި ގޮތުގެ ވާހަކަ އޭނާ ކިޔައިދިނެވެ.

އައިމިނަތަށް ނޭނގި، ފިލައި ތިބި ބަޔަކު އޭރު ދިޔެއީ އޭނާގެ އެކައުންޓުގައި ޕޯސްޓު ކުރި ހުރިހާ ފޮޓޯއެއް ވަގަށް ނަގަމުންނެވެ. ކަމެއް ގޯސްވެއްޖެކަން އޭނާ އަށް އެނގުނީ ފުލުފުލުގައި ނުވެސް ދަންނަ ފިރިހެނުންގެ ޕްރައިވެޓް މެސެޖުތަކެއް އަންނަން ފެށުމުންނެވެ.

"ހަމަ ކުއްލިއަކަށް ޖިންސީ ގުނަވަނުގެ ފޮޓޯއެއް ވެސް މީހަކު ފޮނުވަފާނެ. އެގޮތަށް ބައިވަރު ފިރިހެނުން ފޮޓޯ ފޮނުވި،" އެ ފުރައްސާރައާ ހެދި އެންޒަޔަޓީ ދިމާވެ، އަމިއްލަ ނަފުސާ މެދު ކުރިން އޮތް އިތުބާރު ގެއްލުނު ކަމަށް އައިމިނަތު ބުންޏެވެ.

ބޮޑެތި އަންހެނުންނާ އެއް ގޮތަށް، ސޯޝަލް މީޑިއާ އާއި އިންޓަނެޓް ބޭނުން ކުރާ، ކުޑަ އަންހެން ކުދިން ވެސް މިފަދަ ކުށްވެރިންގެ ޝިކާރައަކަށްވެ އެވެ.

އުމުރުން 16 އަހަރުގެ އައިޝަތަކީ، ގިނަ ފުރާވަރު އުމުރުގެ ކުދިން ފަދައިން، މައިންބަފައިންނަށް ނޭނގި ސިއްރުން ސޯޝަލް މީޑިއާ ބޭނުންކުރަން ފެށި ކުއްޖެކެވެ. އޭނާ އެންމެ ފުރަތަމަ އެކައުންޓެއް ހެދީ 13 އަހަރުގަ އެވެ.

"ސޯޝަލް މީޑިއާއަކީ އަންހެން ކުދިން ފޮޓޯ ލާން ރައްކާތެރި ޕްލެޓްފޯމެއް ނޫން. އަހަރެން ފޮޓޯއެއް ޕޯސްޓު ކުރާނެ އިރެއްގެ އިންތިޒާރުގައި ފިލައި މީހަކު އިންނާނެކަން ހިތަށް އެރީމަ ވަރަށް އުނދަގޫވޭ. އެކަމާ މެދު ވިސްނާލީމާ މުޅިން ފޫހިވޭ،" އައިޝަތު ބުންޏެވެ.

އައިޝަތު ފޮޓޯއެއް ޕޯސްޓު ކުރުމާއެކު އެކި ޕޭޖުތަކުގައި ބަޔަކު އެ ފޮޓޯ ރީޕޯސްޓު ކުރީ "މުޑުދާރު" ކެޕްޝަންތައް ޖަހައިގެން، އެހެން މީހުންނަށް ވެސް ކޮމެންޓު ކުރެވޭ ގޮތަށް ކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ އަގު ވައްޓާލައި އަހަރެން ނޫޅޭ ގޮތްތަކަށް އުޅޭ ކަމަށް ލޭބަލް ކުރަން ފެށީމަ މަންމަމެން ކައިރީ އެންމެ ފަހުން ބުނީ. އޭރު ހުރީ މެންޓަލީ ވަރަށް ގޯސް ހިސާބަކަށް ގޮސްފައި،" އެ ހިސާބުން ސޯޝަލް މީޑިއާއާ ދުރަށް ޖެހުނު ކަމަށް އައިޝަތު ބުންޏެވެ.

ބޮޑެތި ސައިބާ ޖިންސީ މައްސަލަތައް

ކުޑަ އަންހެން ކުދިންގެ ފޮޓޯ ފޭސްބުކްގައި ޕޯސްޓު ކުރި މީހެއް

މޭ 2017 އިން ފެށިގެން ފޭސްބުކް ޕޭޖެއްގައި އުމުރުން 10 އަހަރުން ދަށުގެ ދިވެހި އަންހެން ކުދިންގެ ފޮޓޯ ޕޯސްޓުކޮށް، ޖިންސީ ގޯނާއަށް ހިތްވަރުދޭ ލިޔުންތައް ލިޔުނެވެ. ޖެނުއަރީ 2018 ގައި މާލޭގެ ގެޔެއް ބަލައި ފާސްކޮށް، ތުހުމަތަށް މީހަކު ހައްޔަރު ކުރި އެވެ.

ލަވަކިޔުންތެރިޔާ ބަތޫލް އަށް ފުރައްސާރަ ކުރި ފުލުސް މީހާ

މަޝްހޫރު ލަވަކިޔުންތެރިޔާ ބަތޫލް އަހްމަދު އުމުރުން 16 އަހަރުގައި ފުލުހަކު ވަނީ އޭނާގެ ފޮޓޯއެއް ޕޯސްޓުކޮށް ޖިންސީ ފުރައްސާރަކޮށްފަ އެވެ. އެ މައްސަލަ އާއްމުވީ އެ ފުލުސް މީހާގެ ޕޯސްޓުގެ ސްކްރީންޝޮޓާއެކު ބަތޫލް ޓްވިޓާގައި ފާޑުކިޔުމުންނެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލާނެ ކަމަށެވެ.

ދެ އަންހެން ކުދިން ބްލެކްމެއިލްކޮށް ހަށިވިއްކުވި ގްރޫޕު

ޖުލައި 2015 ގައި ފުވައްމުލަކުގައި 16 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖަކަށް ގްރޫޕަކުން މަސްތުވާތަކެތި ދީގެން އެ ކުދިންގެ ބަރަހަނާ ވީޑިއޯ ނެގުމަށް ފަހު ލީކު ކުރާނެ ކަމަށް ބުނެ ބްލެކްމެއިލްކޮށް، ހަށި ވިއްކަން މަޖުބޫރު ކުރުވި އެވެ. އެ މައްސަލައާ ގުޅިގެން 15 މީހުން ހައްޔަރު ކުރިއިރު، އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ.

ސޯޝަލް މީޑިއާއަށް އެކި މީހުންގެ ބަރަހަނާ ފޮޓޯ އަޅައިގެން ގްރޫޕު ހިންގި މީހާ

މިހާރު ބަންދުގައި ހުރި މުހައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވެ އެވެ. މަސާއިދުގެ އަތުން 10 ހާޑްޑްރައިވް ހޯދި އެވެ. އެއް ހާޑްޑްރައިވުން މިލިއަނެއްހާ ފޮޓޯ ފެނުނެވެ. އެކި ދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި، ޒާތީ މުއާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކޮށް އެކި މީހުންގެ ޒާތީ މައުލޫމާތާއި އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އޭނާ ހާމަކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.

މީގެ އިތުރުން ވެސް ފަހުގެ ތާރީހުގައި ފާހަގަކުރެވޭ ގިނަ މައްސަލަތަކެއް އެބަ ހުއްޓެވެ.

  • 2011 ވަނަ އަހަރު އުތުރުގެ ރަށެއްގައި އަންހެނެއްގެ ފޭކު ބަރަހަނާ ފޮޓޯ ހަދައިގެން ލީކު ކުރާނެ ކަމަށް ބިރު ދައްކައި، ބްލެކްމެއިލް ކުރި މައްސަލާގައި ފުލުހަކު ހައްޔަރު ކުރި އެވެ.
  • 2014 ވަނަ އަހަރު އަމިއްލަ ފޭސްބުކް ޕޭޖުގައި އަންހެނުންތަކެއްގެ ބަރަހަނާ ފޮޓޯ އާއްމު ކުރި ފިރިހެނަކު ހައްޔަރު ކުރި އެވެ.
  • 2015 ވަނަ އަހަރު އަންހެނެއްގެ ބަރަހަނާ ފޮޓޯ ހުރި ކަމަށް ބުނެ ބްލެކްމެއިލްކޮށް، ޖިންސީ ގުޅުން ހިންގަން އުޅުނު 31 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރި އެވެ.
  • 2017 ވަނަ އަހަރު ދެ ފުލުހަކު ވަޒީފާ އިން ވަކިކުރީ އެ މީހުންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބަޔަކު ލީކު ކުރުމުންނެވެ.

ޔުނައިޓެޑް ނޭޝަންސް އޭޝިއާ އެންޑް ފާ އީސްޓް އިންސްޓިޓިއުޓުން ސެޕްޓެމްބަރު 2019 ގައި އާއްމުކުރި ވަޔަލަންސް އަގެއިންސްޓް ވިމެން އިން މޯލްޑިވްސް ކަރުދާހުގައިވާ ގޮތުން ސައިބަ ބުލީން، ސައިބަ ސެކްޝުއެލް ހެރޭސްމަންޓް އަދި ބްލެކްމެއިލް ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ.

"ޓެކްނޮލޮޖީ ކުރި އަރާއިރު ފުލުހުންނާއި އެހެން ގުޅޭ އިދާރާތަކަށް އޮތީ ބޮޑު ޑިސްއެޑްވާންޓޭޖެއް. އެއީ ޓެކްނޮލޮޖީގެ ގޮތުން ފުލުހުންނަށް ވުރެ ކުރީގައި ކުށްވެރިން އުޅޭތީ،" އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

ސައިބާ ޖިންސީ ކުށްތައް މަދު ކުރެވޭނީ ކިހިނެއް؟

"އަހަންނަށް ގަބޫލުކުރެވެނީ ބައެއް މީހުންނަކީ މިކަހަލަ ކަންކަމުގެ ތެރެއަށް ގެނބިފައި ތިބި ސިކު ބަޔެކޭ،" ކުރިން ވާހަކަ ދެއްކި އައިމިނަތު ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި އެންމެ މުހިއްމު ކަމަކީ "ސެކްސް އެޑިއުކޭޝަން" ފޯރުކޮށްދިނުމާއި މިފަދަ ކުށްތައް ކުރާ މީހުންނަށް ތެރަޕީ ދިނުމެވެ.

"އެންމެ ފުރަތަމަ ވެސް މިފަދަ ޕޭޖުތައް ފުލުހުން މޮނިޓާ ކުރުން ވަރަށް މުހިއްމު. ޕޭޖުތައް ހެދި މީހުން ލޮކޭޓުކޮށް، އެ މީހުންނާ ސުވާލުކުރަން ޖެހޭ. މިކަންކަން ކުރާ މީހުންނަށް އެހާ ފަސޭހަކޮށް އުޅެވެނީ އެއީ ދުވަހަކު ވެސް އަދަބަކާ ކުރިމަތިލާން ނުޖެހޭތީ. ހިތަށް އަރަނީ މިކަން ކޮށްގެން ތިމަންނައަކަށް ކަމެއް ނުވާނެއޭ. އެހެންވީމާ އެ މައިންޑްސެޓު ހުންނަ މީހަކު ކީއްވެ ފަސް ޖެހޭނީ؟،" އޭނާ ބުންޏެވެ.

2016 އިން 2020 އަށް ފުލުހުންނަށް ހުށަހެޅި ސައިބާ ޖިންސީ ކުށްތައް


2016 ގައި ނުވަ މައްސަލަ ރިޕޯޓު ކުރި، ޕީޖީ އަށް ފޮނުވީ ތިން މައްސަލަ، ނުފޮނުވާ 36 މައްސަލަ 2017 ގައި 12 މައްސަލަ ރިޕޯޓު ކުރި، ޕީޖީ އަށް ފޮނުވީ ތިން މައްސަލަ، ނުފޮނުވާ 32 މައްސަލަ 2018 ގައި 10 މައްސަލަ ރިޕޯޓު ކުރި، ޕީޖީ އަށް ފޮނުވީ ތިން މައްސަލަ، ނުފޮނުވާ 21 މައްސަލަ 2019 ގައި 53 މައްސަލަ ރިޕޯޓު ކުރި، ޕީޖީ އަށް ފޮނުވީ ފަސް މައްސަލަ، ނުފޮނުވާ 62 މައްސަލަ 2020 ގައި 147 މައްސަލަ ރިޕޯޓު ކުރި، ޕީޖީ އަށް ފޮނުވީ އަށް މައްސަލަ، ނުފޮނުވާ 226 މައްސަލަ

ކުރިން ވާހަކަ ދެއްކި އައިޝަތުގެ މަންމަ، ނުޒުހާ (އަސްލު ނަމެއް ނޫން)، ބުނީ ބެލެނިވެރިންގެ ހުއްދަ ނެތި އަދި މޮނީޓާ ކުރުމެއް ނެތި އިންޓަނެޓް ބޭނުން ކުރާ ކުދިން ވަރަށް ގިނަ ކަމަށެވެ.

"ވަރަށް ގިނަ ކުދިން އިންޓަނެޓް ބޭނުން ކުރަނީ ސިއްރު ސިއްރުން. އެހެން ވީމަ އެޑަލްޓް ސުޕަވިޝަނެއް ނޯވޭ. ދެން އިންޓަނެޓް މި ވަނީ ކުޑަ އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ނާޖައިޒް ފައިދާ ނަގަން ބޭނުންވާ މީހުންނަށް ބޮޑު ރަން ފޮއްޓަކަށް،" އިންޓަނެޓާ މެދު ކުދިންނާއި ބެލެނިވެރިން ހޭލުންތެރި ކުރުން މުހިއްމުކަން އޭނާ ފާހަގަކުރި އެވެ.

"އިންޓަނެޓުގައި ކުށް ކުރާ މީހުން އަތުލައިގަންނަން ވެސް ފުލުހުންނާއި ޖެންޑާ ގުޅިގެން އޮޕަރޭޝަންތައް ހިންގަން ޖެހޭ. ހަމައެކަނި ޑްރަގް އޮޕަރޭޝަންތަކެއް ނޫން ހިންގަން ޖެހެނީ."

މިފަދަ ސައިބާ ކްރައިމް ހުއްޓުވުމަށާއި، ފިލައި ތިބެ ކުށްކުރާ މީހުން ހޯދުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުން ފާރަވެރިވާންޖެހެ އެވެ. މަސައްކަތްކުރަންޖެހެ އެވެ. ބެލެނިވެރިން ހޭލުންތެރިވާންޖެހެ އެވެ. ހޭލުންތެރި ކުރުވާން ވެސް ޖެހެ އެވެ. ހުރިހާ ކަމެއް ބޭނުން ގޮތަކަށް ކުރަން ދޫކޮށްލުމުގެ ބަދަލުގައި ދަރިން އިންޓަނެޓްގައި ކުރާ ކަންކަން ފާރަވެރިވުން މުހިންމެވެ. ނޫން ނަމަ، ދިމާވާ މައްސަލަތައް ބޮޑުވެ، ޒަހަމް ހުންނާނީ މާ ފުނަށް ގޮސްފަ އެވެ.