Advertisement

"ސްކުއިޑް ގޭމް" ބަލާތީ އިންޓަނެޓް ޓްރެފިކް އިތުރުވެ ނެޓްފްލިކްސް ގޮވައިގެން ކޯޓަށް!

2 އޮކްޓޯބަރު 2021 - 05:25 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްކުއިޑް ގޭމްގެ ޕޯސްޓަރެއް. މިއީ ނެޓްފްލިކްސް އިން މިހާތަނަށް ނެރުނު އެންމެ ކާމިޔާބު އެއް ސީރީޒް.


"ސްކުއިޑް ގޭމް" ބަލާތީ އިންޓަނެޓް ޓްރެފިކް އިތުރުވެ ނެޓްފްލިކްސް ގޮވައިގެން ކޯޓަށް!

2 އޮކްޓޯބަރު 2021 - 05:25 0

ސޯލް، ދެކުނު ކޮރެއާ (އޮކްޓޯބަރު 1) - ނެޓްފްލިކްސްގެ ސީރީޒް "ސްކުއިޑް ގޭމްސް"ގެ ސަބަބުން ނެޓްވޯކް ޓްރެފިކް މާ ބޮޑަށް އިތުރުވެފައި ވާތީ ދެކުނު ކޮރެއާގެ އިންޓަނެޓް ކުންފުންޏަކުން ނެޓްފްލިކްސްއާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.

އެސްކޭ ބްރޯޑްބޭންޑުން ބުނީ "ސްކުއިޑް ގޭމްސް" ބަލަން ގިނަ ބަޔަކު އިންޓަނެޓް ބޭނުން ކުރާތީ އިތުރުވާ ހަރަދާއި މެއިންޓެނެންސް ހަރަދު ވެސް އެމެރިކާގެ ނެޓްފްލިކްސް ކުންފުނިން ދޭން ޖެހޭނެ ކަމަށެވެ.

ސޯލްގެ ކޯޓަކުން ދާދި ފަހުން ކުރި ހުކުމެއްގައި ބުނެފައި ވަނީ ނެޓްވޯކް ބޭނުން ކުރާ މިންވަރަށް ބަލައިގެން ނެޓްފްލިކްސް އިން އިންޓަނެޓުގެ ހިދުމަތް ދޭ ކުންފުންޏަށް ބަދަލުގައި "ކޮންމެވެސް އެއްޗެއް ދޭން ޖެހޭނެ" ކަމަށެވެ.

ދެކުނު ކޮރެއާގެ ގިނަ ވަކީލުން ވެސް ވަނީ ކޮންޓެންޓުގެ ހިދުމަތް ދޭ ފަރާތްތަކުގެ އުފެއްދުންތަކާ ހެދި ކުއްލި ގޮތަކަށް އިންޓަނެޓް ޓްރެފިކް ވަރަށް ބޮޑަށް މަތިވި ނަމަވެސް، ރައްދުގައި ނެޓްވޯކް ޔޫޒޭޖަށް ފައިސާ ނުދޭ މައްސަލަ ފާހަގަކޮށްފަ އެވެ.

ނެޓްފްލިކްސް އިން ބުނީ އެސްކޭ ބްރޯޑްބޭންޑުން ކޯޓަށް ހުށަހެޅި މައްސަލަ ރިވިއު ކުރާނެ ކަމަށާއި ކަސްޓަމަރުންނަށް އަސަރު ނުކުރާނެ ފަދަ ހައްލެއް މަޝްވަރާ ކޮށްގެން ހޯދަން އެސްކޭ ބްރޯޑްބޭންޑަށް ހުށަހަޅާނެ ކަމަށެވެ.

"ސްކުއިޑް ގޭމް" ފަދަ ހިޓް ސީރީޒްތަކާއި އެހެން މަގްބޫލު ކޮންޓެންޓާ ހެދި ދެކުނު ކޮރެއާގައި ދެ ވަނަ އަށް އެންމެ ގިނައިން ޑޭޓާ ޓްރެފިކް ޖެނެރޭޓް ކުރަނީ ނެޓްފްލިކްސް އިންނެވެ. އެންމެ ގިނައިން ޑޭޓާ ޓްރެފިކް ޖެނެރޭޓް ކުރަނީ ގޫގުލްގެ ޔޫޓިއިބުންނެވެ. ނަމަވެސް ނެޓްވޯކް ޔޫސޭޖް ފީ ނުދައްކާ ހަމައެކަނި ދެ ކުންފުންޏަކީ ވެސް އެއީ އެވެ. އެމޭޒަން، އެޕަލް އަދި ފޭސްބުކް ފަދަ އެހެން ކޮންޓެންޓު ހިދުމަތް ދޭ ކުންފުނިތަކުން އެ ފީ ދައްކަ އެވެ.

އެސްކޭ ބްރޯޑްބޭންޑުގެ ޑޭޓާ ޓްރެފިކް މޭ 2018 އާ އަޅާބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ 24 ގުނަ އިތުރުވެ، ކޮންމެ ސިކުންތަކުން 1.2 ބިޓްސް ޑޭޓާ އަށް އަރާފަ އެވެ. އެއީ ކޮރެއާ ގައި އުފައްދައިގެން ނެޓްފްލިކްސްގައި ރިލީޒްކުރި "ސްކުއިޑް ގޭމް" އަދި "ޑީޕީ" ފަދަ ސީރީޒްތަކުގެ މަގްބޫލުކަމުގެ ސަބަބުންނެވެ.

އެސްކޭ ބްރޯޑްބޭންޑުން ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ 2018 ވަނަ އަހަރުން ފެށިގެން ނެޓްފްލިކްސްގެ ކޮންޓެންޓުތައް އެސްކޭގެ ނެޓްވޯކުތައް މެދުވެރިކޮށް ކަސްޓަމަރުން ބަލަން ފެށި ފަހުން ފާއިތުވި ދިޔަ މުއްދަތަށް ފައިސާ ދިނުމަށެވެ.

މިދިޔަ އަހަރު ނެޓްފްލިކްސް އިން ވެސް ކޯޓަށް ގޮސްފައި ވެ އެވެ. އޭރު އެސްކޭއާ ދެކޮޅަށް ކޯޓަށް ގޮސް ނެޓްފްލިކްސް އިން ބުނީ އެ ކުންފުނީގެ ޒިންމާއަކީ ކޮންޓެންޓު އުފެއްދުމަށް ފަހު ދޫކޮށްލުން ކަމަށެވެ. އެސްކޭގެ ޑޭޓާ ޓްރެފިކާ ހެދި އެރި އިތުރު ހަރަދަކީ އިންޓަނެޓު ހިދުމަތް ހޯދާތީ އެރި ހަރަދު ކަމަށާއި އެ ހަރަދަށް ނެޓްފްލިކްސް އިން ބަދަލު ދޭން ނުޖެހޭނެ ކަމަށް ބުންޏެވެ.

ނަމަވެސް ސޯލް ޑިސްޓްރިކްޓި ކޯޓުން ޖޫން މަހު ނެޓްފްލިކްސްއާ ދެކޮޅަށް މައްސަލަ ނިންމުމަށް ފަހު ބުނީ އެސްކޭ އިން ފޯރުކޮށްދެނީ ހަރަދުތަކެއް އަރާ ހިދުމަތެއް ކަމަށާއި އެހެންވެ އެ ހަރަދުތަކަށް ނެޓްފްލިކްސް އިން އެއްޗެއް ދިނުމަކީ "ހަމަޖެހޭ" ގޮތް ކަމަށެވެ.

އެސްކޭ އިން ކޯޓަށް ހުށަހެޅި ލިޔުމުގައި ބުނީ 2020 ވަނަ އަހަރު އެކަނިވެސް ނެޓްވޯކް ޔޫސޭޖް ފީގެ ގޮތުގައި ނެޓްފްލިކްސް އިން ދައްކަން ޖެހޭ އަދަދު 22.9 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. ކޯޓުގެ އެ ނިންމުން ނެޓްފްލިކްސް އިން ވަނީ އިސްތިއުނާފުކޮށްފަ އެވެ.

އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ފަށާނީ ޑިސެމްބަރު މަހު އެވެ.

ނެޓްފްލިކްސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ދެކުނު ކޮރެއާގައި 651 މިލިއަން ޑޮލަރު އިންވެސްޓުކޮށްގެން 16،000 އަށް ވުރެ ގިނަ ވަޒީފާ އުފެއްދި ކަމަށާއި އެ ކުންފުނީގެ ސަބަބުން ދެކުނު ކޮރެއާގެ އިގްތިސާދަށް 4.7 ބިލިއަން ޑޮލަރުގެ ފައިދާވާ ކަމަށެވެ.

ވެރިކަން ކުރާ ޕާޓީގެ މެމްބަރު ކިމް ސަންގް-ހީ ވިދާޅުވީ ކޮރެއާގައި އެންމެ ގިނައިން ޑޭޓާ ޓްރެފިކް ޖެނެރޭޓް ކުރާ 10 ކުންފުނީގެ ތެރެއިން 78.5 ޕަސެންޓަކީ ބޭރުގެ ކޮންޓެންޓު ޕްރޮވައިޑަރުން ކަމަށެވެ. ދެހާށް ވިހި ވަނަ އަހަރާ އެ ނިސްބަތް ހުރީ 73.1 ޕަސެންޓުގަ އެވެ.

އެމެރިކާގައި ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދޭ ކޮމްކާސްޓް ކޯޕް އަށް ނެޓްފްލިކްސް އިން ޑޭޓާ ޔޫސޭޖް ފީ ދައްކާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.