Advertisement

ޕީޖީއާއެކު "ޑީލަކަށް"!

2 އޮކްޓޯބަރު 2021 - 10:57 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ޕީޖީއާއެކު "ޑީލަކަށް"!

2 އޮކްޓޯބަރު 2021 - 10:57 0

މީހުން ދިރިއުޅޭ ތަނަކަށް ހުއްދަ ނެތި ވަނުމަކީ ޖިނާއީ ކުށެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެ ކުށަށް ކަނޑައެޅިފައި އޮތީ ގިނަވެގެން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށުގެ އަމަލު ހިންގިކަން ރިޕޯޓުކުރެވިގެން ތަހުގީގުކުރުމަށް ހޭދަވާ ހައެއްކަ މަސް ދުވަހުގެ އިތުރުން ދައުވާ އުފުލައި ޝަރީއަތް ހިންގައި ހުކުމަށް ވާސިލުވުމަށް (އަވަހަށް ޝަރީއަތް ކުރެވިއްޖެ ނަމަ) އަހަރެއް ދެ އަހަރެއް ހޭދަވެދާނެ އެވެ. ދައުވާ އުފުލޭތާ އެއް އަހަރު ދުވަސް ފަހުން، އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރެވުމުން ހަގީގަތުގައި އެ ލިބެނީ އެއް އަހަރު ދުވަހުގެ އަދަބެއް ނޫނެވެ. ދިރިއުޅުމުން ގެއްލިގެން އެ ދަނީ އެތައް ވަގުތެކެވެ. ހަމައެކަނި ދައުވާލިބޭ މީހާއަކަށް ނޫނެވެ. ދައުލަތަށާއި ފަނޑިޔާރު ގެއަށްވެސް ގެއްލިގެން ދަނީ ވަގުތާއި ވަސީލަތެވެ. ރާއްޖޭގެ ގާނޫނީ ނިޒާމު ހަގީގަތުގައި ބައްޓަންކުރެވިފައި މިއޮތީ އެ ތަކުލީފަށް ކޮންމެވެސް މިންވަރަކަށްވުރެ ބޮޑު މިންވަރެއްގެ ލުޔެއް ލިބޭނޭ ގޮތަށެވެ.

އިއުތިރާފުން ލުއި ހޯދުމުގެ އުސޫލުގެ ތާރީހީ ހުލާސާއެއް

އިއުތިރާފުން އަދަބު ލުއިކުރި ހާދިސާއެއް އައްވަލަށްވެސް ފެންނާން އޮތީ ސޭލަމް ވިޗް ޝަރީއަތުންނެވެ. އެއީ ޖޫން 1692 އިން މެއި 1693 އަށް ކުރިއަށް ދިޔަ ޝަރީއަތެކެވެ. އެއީ ދިގު ވާހަކަ އެކެވެ. ހުލާސާ ކޮށްލާނަމެވެ.

ސޭލަމް ސިޓީގެ އަންހެންކުދިންގެ ފުށުން އާދަޔާ ހިލާފް އުޅުމެއް ފެންނަން ފެށީ ކުއްލިއަކަށެވެ. ރުޅިގަދަވުމާއި، އަމިއްލަ ނަފްސަށް އަނިޔާދިނުމާއި، އެހެން އިންސާނުންގެ ލޮލަށް ނުފެންނަ މަހުލޫގުންތަކާ ވާހަކަ ދެއްކުން ފަދަ ކަންކަމާއި، މުސްތަގުބަލުގައި ވާނޭ ކަންކަން ލަފާކޮށް ކިޔައިދިނުން ފަދަ ކަންކަމެވެ. އެއީ ސިހުރުވެރިންގެ ސިހުރުގެ ސަބަބުން ހިނގާ ކަމެއްކަމަށް އެ ރަށުގެ އަހުލުވެރިން ގަބޫލުކުރި އެވެ. --ސޭލަމް ވިޗްކްރާފްޓް ޝަރީއަތް ފަހުން ދިރާސާކުރި ގިނަ ބޭފުޅުންގެ ނަޒަރުގައި، އެ މައްސަލަތަކުގެ އަސްލަކީ ކުދިންނަށް ލިބެމުންދިޔަ ޖިންސީ ގޯނާ އެވެ.--

އެ ގަބޫލުކުރުންތަކާއެކު، އެކަމުގައި ޝާމިލުވާ 'ސިހުރުވެރިން' ހައްޔަރުކުރެވި ޝަރީއަތް ފެށުނެވެ. އޭގެ ތެރެއިން ބައެއް ސިހުރުވެރިންނަށް ހުށަހެޅުނީ އެ މީހުން ކުށަށް އިއުތިރާފްވެ، ސިހުރު ހަދާ މީހުންގެ މައުލޫމާތު ދީފިނަމަ، އެމީހުންނަށް ކަނޑައެޅިފައި އޮތް މަރުގެ އަދަބު، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދިނުމަށެވެ. އެ ހުށަހެޅުން ލިބުނު 'ސިހުރުވެރިންގެ' ތެރެއިން ގިނަ ބަޔަކު ކުށަށް އިއުތިރާފްވި އެވެ. ސޭލަމްގައި އުޅޭ އިތުރު ސިހުރުވެރިންގެ މައުލޫމާތުވެސް ދިނެވެ. އޭގެ ބަދަލެއްގެ ގޮތުން، އެ މީހުން މެރުމުގެ ބަދަލުގައި ޖަލަށް ލުމަށް ހުކުމް ކުރެވުނެވެ. ބުނެވޭ ގޮތުން، މިއީ އިއުތިރާފުން އަދަބަށް ލުޔެއް ހޯދުމުގެ އުސޫލު ގާއިމުވުމުގެ ފެށުމެވެ.

އަށާރަސަތޭކައިގެ އަހަރުތަކާ ހަމައަށްވެސް އިނގިރޭސި ވިލާތާއި އެމެރިކާ ފަދަ ގައުމު ތަކުގައި އޮތީ ދައުވާ ލިބޭ މީހާ އިއުތިރާފު ނުވުމަށް ބާރުއަޅާ ވިސްނުމެކެވެ. ދައުވާ ލިބޭ މީހަކު ޝަރީއަތުގައި އިއުތިރާފްވުން ވެފައި އޮންނަނީ އަޖައިބު ކަމަކަށެވެ. އޭނާއާ އަލުން ވާހަކަ ދައްކައި، އިއުތިރާފުން ރުޖޫއަވުމުގެ ފުރުސަތު އޮތްކަން ބުނެދީ ޝަރީއަތް ކުރެ އެވެ. އޭނާގެ އިއުތިރާފްގެ މައްޗަށް ޝަރީއަތް ކުރެވިގެން ދިއުމަކީ އޭރު ތަރައްގީވަމުން އައި ނިޒާމުގެ ތެރޭގައި ބަލައިގަންނަން ފަސޭހަ ކަމެއް ކަމަށް ނުވި އެވެ. މިހެން ކަން ހިނގަމުން ދަނިކޮށް 1832 ވަނަ އަހަރު ބޮސްޓަންގައި ހިންގި މަދަނީ ބަސްނޭހުމުގެ ހަރަކާތާ ގުޅިގެން ވަރަށް ގިނަ މީހުން ހައްޔަރު ކުރެވުނެވެ. އެ އެންމެންގެ މައްޗަށް ޝަރީއަތް ހިންގުން ވެގެން ދިޔައީ އުނދަގޫ ކަމަކަށެވެ. އޭގެ ތެރެއިން ކުށަށް އިއުތިރާފްވާ މީހުންގެ އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުމުން ވަރަށް ގިނަ މީހުން އެ ފުރުސަތުގެ ބޭނުން ހިފި އެވެ.

އަށާރަ ސަތޭކަ ފަންސާސް ވަނަ އަހަރާ ހަމައަށް ދިޔައިރު، އިއުތިރާފުން އަދަބަށް ލުޔެއް ހޯދުމަކީ ބޮޑެތި ކުށްތަކުގައި ދައުވާ ލިބޭ މީހުންނަށް ވެސް އޮތް ފުރުސަތަކަށް ވެގެން ދިޔަ އެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކުގެ ތެރެއިން ބޮޑު ކުށަށް އިއުތިރާފްވެއްޖެނަމަ، އެހެން ކުށްތަކުގެ ދައުވާ ނުއުފުލުމާއި އަދަބު ލުއިކުރުމުގެ ފުރުސަތު އޮތީ ފަހި ވެފަ އެވެ.

އިސްތިއުނާފް ކޯޓުތަކުން އެ ނިޒާމު ބަލައިގަނެ، އެއީ އުސޫލެއްގެ ގޮތުގައި ހަރުދަނާ ވެގެން ދިޔައީ ވިހިވަނަ ގަރުނުގެ މެދުތެރޭގަ އެވެ. އެހެން ނަމަވެސް ވިހިވަނަ ގަރުނަށް ފެށުމާއެކުވެސް އެ ނިޒާމުގެ ނުފޫޒު ދިޔައީ ގަދަވަމުންނެވެ. ނަވާރަ ސަތޭކަ ވަނަ އަހަރުން 1907 ވަނަ އަހަރާ ދެމެދު ނިއުޔޯކް ކޯޓުގައި ނިންމާފައިވާ މައްސަލަތަކުގެ 83 ޕަސެންޓަކީީ އިއުތިރާފް އެއްބަސްވުންތަކުގެ މައްޗަށް ނިންމާފައިވާ މައްސަލަތަކެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ވަނަ އަހަރާ ހަމައަށް ދިޔައިރުވެސް، އެމެރިކާގައި ޕްލީ ބާގެއިން ނުވަތަ އިއުތިރާފްވެގެން އަދަބަށް ލުއި ހޯދުމުގެ ޑީލްތައް އޮތީ ސިއްރިއްޔާތުގައި ކުރެވޭ ކަމެއްގެ ގޮތުގަ އެވެ. ތުހުމަތުކުރެވޭ ކުށް ތަކުގެ ތެރެއިން އެއް ކުށަށް އިއުތިރާފްވުމުން އެހެން ކުށް ތަކުގައި ދައުވާ ނުކުރުމަށް ހެދޭ އެއްބަސްވުންތަކުގެ ވާހަކަ ކޯޓުގައި ހާމަ ނުކުރުމަށް ޕްރޮސިކިއުޓަރުން އެދެ އެވެ. އެއީ އެކަން ހާމަކޮށްފިނަމަ، ދައުވާލިބޭ މީހާ ވީ އިއުތިރާފަކީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ވީ އިއުތިރާފެއް ކަމާމެދު ސުވާލު އުފެދޭނޭކަމަށް ގަބޫލުކުރެވިފައި އޮންނާތީ އެވެ. އިއުތިރާފްވެގެން ލުއި ހޯދުމުގެ ވިސްނުން ނަގަހައްޓައި، އެ އުސޫލަށް ފުރިހަމަ ހައިސިއްޔަތު ލިބިގެންދިޔައީ 1970 ވަނަ އަހަރު އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމި، ބްރޭޑީ ވ. ޔުނައިޓެޑް ސްޓޭޓްސް ގަޒިއްޔާއިންނެވެ.

އިއުތިރާފް އެއްބަސްވުމުގެ ގާނޫނީ ހައިސިއްޔަތު

މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވި ދައުވާ އުފުލެވުމަކީ އާދައިގެ ކަމެއް ނޫނެވެ. ކުޑަ ކަމެއްވެސް ނޫނެވެ. އެއީ އެމީހާގެ ދިރިއުޅުމުގައި ވަކި ތަރުތީބަކުން ކުރެވިފައި ހުރި އިންތިޒާމުތައް މުޑިއަރައި، ދިރިއުޅުމަށް އެތައް ބަދަލެއް އަންނާނޭ ކަމެކެވެ.

ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމާއި ނުކޮށް ދޫކޮށްލުމުގެ ބާރު ގާނޫނުއަސާސީން ދީފައި އޮތީ ޕްރޮސިކިއުޓަ ޖެނެރަލްއަށެވެ. އެ ބާރުގެ ދާއިރާގައި ބޭރުވެގެން ނުވާނޭ އިންފާރެއް ލުމުގެ ބާރު ބަންޑާރަނައިބަށް އޮވެ އެވެ. އެއީ ޕްރޮސިކިއުޝަންގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމުގެ ބާރެވެ. އެންމެ ފަހުން ބަންޑާރަނައިބު އާންމުކުރައްވާފައިވާ ސިޔާސަތަށް ބަލާއިރު، ޖިނާއީ އަދުލުގެ ނިޒާމަށް މީހުން ވަންނަ ނިސްބަތް މަދުކުރުމަށް އެ ސިޔާސަތުގައި ބާރުއަޅާފައި އޮވެ އެވެ. އެ އަމާޒަށް ވާސިލުވުމަށް ގާނޫނުތަކުން ވަނީ ޕްރޮސިކިއުޓަ ޖެނެރަލްއަށް ބޮޑެތި ބާރުތަކެއް ދީފަ އެވެ.

ޖިނާއީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މީހަކަށް، ޕްރޮސިކިއުޓަ ޖެނެރަލްއާއެކު ނަސޭހަތުގެ ނުވަތަ އިއުތިރާފްގެ އެއްބަސްވުމަކަށް ދިއުމަށް ހުށަހެޅިދާނެ އެވެ. އަދި ޕްރޮސިކިއުޓަ ޖެނެރަލްގެ އިސްނެގުމުގައިވެސް އެފަދަ ހުށަހެޅުމެއް ހުށަހެޅިދާނެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާއާ 104 ވަނަ މާއްދާގައި ބުނެފައި އެއޮތީ އެވާހަކަ އެވެ. ކަނޑައެޅޭ ވަކި ޝަރުތުތަކެއް ފުރިހަމަވާ މައްސަލަތަކުގައި ދައުލަތާއެކު 'ޑީލް' އަކަށް ދިއުމުގެ ފުރުސަތު ގާނޫނުން އެއޮތީ ފަހިކޮށްދީފަ އެވެ.

މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައެއްގައި ސާބިތުކުރުމަށް އެކަށީގެންވާ ހެކި ދައުލަތުގައި ހުރިކަން އެނގޭނަމަ، އެ މައްސަލައިގެ ޝަރީއަތަކަށް ދިއުމަށްވުރެ އެމީހަކަށް ބުއްދިވެރި ގޮތަކަށްވާނީ ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމަކަށް ދެވޭތޯ ބެލުމެވެ. ޝަރީއަތަކަށް ދިޔަނަމަވެސް އާހިރުގައި ކަން ވާނޭ ގޮތަކީ މައްސަލަ ސާބިތުވުމެވެ. އެގޮތަށް މައްސަލަ ސާބިތުވީމާ ލިބޭނީ ގާނޫނުގައި ކަނޑައަޅާފައި އޮތް ފުރިހަމަ އަދަބެވެ. އެހެންކަމުން، ކުށުގެ ތުހުމަތުވާ މީހާއަށް ފައިދާ ބޮޑު ގޮތަކީ ޕްރޮސިކިއުޓަ ޖެނެރަލްއާއެކު ނަސޭހަތުގެ އެއްބަސްވުމަކަށް ނުވަތަ އިއުތިރާފްގެ އެއްބަސްވުމަކަށް ދެވޭތޯ ބެލުމެވެ.

ނަސޭހަތުގެ އެއްބަސްވުން

ތުހުމަތު ކުރެވެނީ ކުޑަ އަދަބެއް ކަނޑައެޅިފައިވާ ކުށަކަށްނަމަ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތުގެ އެއްބަސްވުމަކަށް ދިއުމަށް ހުށަހެޅިދާނެ އެވެ. އެފަދަ އެއްބަސްވުމެއް ހެދުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅިއްޖެނަމަ އެ އޮފީހުން ބަލާނީ އެ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 98 ވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަވާ މައްސަލައެއްތޯ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުށަށް އިއުތިރާފްވުމާއި، ޕީޖީ ކަނޑައަޅާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވުމާއި، ތުހުމަތުކުރެވޭ ކުށުގެ އަދަބަކީ 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުން ކަމުގައި ނުވުމެވެ. އޭގެ އިތުރަށް މުޖުތަމައުގެ މަސްލަހަތު ބޮޑު ގޮތަކީ ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތް ދިނުންތޯ ކަނޑައެޅުމަށް އެ ގާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމަށް ބަލާނެ އެވެ. އެ މާއްދާގެ ދަށުން ބަލަންޖެހެނީ ކުށަށް ކަނޑައެޅިފައިވާ އަދަބަށާއި، ފުރަތަމަ ފަހަރު ކުށްކުރި މީހެއްތޯއާއި، ކުށުގެ އަމަލުގެ ސަބަބުން ގެއްލުން ލިބުނު މީހާއަށް އެ ގެއްލުމުގެ ބަދަލު ދީފައިވޭތޯ ފަދަ ކަންކަމަށެވެ.

އެ ޝަރުތުތައް ފުރިހަމަ ވާނަމަ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދީ މައްސަލަ ނިންމުމަށް ނަސޭހަތުގެ އެއްބަސްވުމެއް އެކުލަވާލުމުގެ ބާރު ޕްރޮސިކިއުޓަ ޖެނެރަލްއަށް ލިބިގެން ވެއެވެ. ނަސޭހަތް ދީ މައްސަލަ ނިންމާ ހިސާބުން ހަގީގަތުގައި މައްސަލައެއް ނުނިމެ އެވެ. ދައުވާ ނުކޮށް ނަސޭހަތްދީ ދޫކޮށްލުމަށް ނިންމިއިރު ކުރާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ޕީޖީ އޮފީހުން ބަލަމުން ގެންދާނެ އެވެ. އާންމު ގޮތެއްގައި ކުރާނޭ ޝަރުތަކީ އިތުރު ކުށެއް ނުކުރުމެވެ. އެ ޝަރުތާ ހިލާފްވެއްޖެނަމަ ނަސޭހަތް ދީ މައްސަލަ ނިންމުމަށް ވީ އެއްބަސްވުން ނިމުމަކަށް އައީ އެވެ. ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތް ދީ މައްސަލަ ނިންމި ތާރީހުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި، ނަސޭހަތް ދެވުނު މީހާ އިތުރު ކުށެއް ކޮށްފިނަމަ، އޭނާގެ މައްޗަށް އެ ކުށުގެ ދައުވާއާއެކު، އެ ކުށާ ގުޅިގެން ނަސޭހަތް ދެވުނު ކުށުގެ ދައުވާވެސް ކުރަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައި އޮވެ އެވެ. ނަސޭހަތް ދީ މައްސަލަ ނިންމުމަށް ޕީޖީއަށް ދީފައި އޮންނަނީ އިހްތިޔާރެކެވެ. އެހެންނަމަވެސް އެ އެއްބަސްވުން ވެވޭ ތާރީހުން ފެށިގެން 3 އަހަރު ދުވަހުގެ ތެރޭގައި އިތުރު ކުށެއް ކޮށްފިނަމަ، ނަސޭހަތް ދެވުނު މައްސަލައިގައިވެސް ދައުވާކުރުން ޕީޖީއަށް ލާޒިމެވެ.

އިއުތިރާފްގެ އެއްބަސްވުން

ތުހުމަތުކުރެވޭ މީހާއާއި ޕްރޮސިކިއުޓަ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތުކުރެވޭ މީހާ ކުށަށް އިއުތިރާފުވެއްޖެނަމަ، އިއުތިރާފްގެ އެއްބަސްވުމެއް އެކުލަވާލުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާ ހުއްދަ ކުރެ އެވެ. އެ އިއުތިރާފް އެއްބަސްވުމުގެ ދަށުން، ތުހުމަތު ކުރެވޭ ކޮންމެ ކުށަކަށްވެސް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބާ ހަމައަށް އަދަބު ލުއިކުރުމުގެ އިހްތިޔާރު ޕްރޮސިކިއުޓަ ޖެނެރަލްއަށް ލިބިގެން ވެއެވެ.

ދައުވާލިބޭ މީހާއާ ޕްރޮސިކިއުޓަ ޖެނެރަލްއާ ދެމެދު އިއުތިރާފްގެ އެއްބަސްވުމެއް އޮތްނަމަ، ކޯޓުން ހުކުމް ކުރަންވާނީ އެ އެއްބަސްވުމާ އެއްގޮތަށެވެ. ކޯޓުން ހަމައެކަނި ކުރަންވާނޭ ކަމަކީ އެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްތޯ ބެލުމާއި، ދައުވާލިބޭ މީހާ އެ އެއްބަސްވުމުގައި ބައިވެރިވީ އެއްވެސް މަޖުބޫރުކަމެއް ނެތި އޭނާގެ އަމިއްލަ އިހުތިޔާރުގައިތޯ ކަނޑައެޅުމެވެ.

ޕީޖީއާއެކު އިއުތިރާފް އެއްބަސްވުމެއް ވެފައި އޮތްނަމަވެސް، އެ އިއުތިރާފުން ރުޖޫއަވެ، ދައުވާއަށް އިންކާރުކުރުމުގެ ހައްގު ދައުވާލިބޭ މިހާއަށް އޮންނާނެ އެވެ. ދައުވާލިބޭ މީހާ އިއުތިރާފުން ރުޖޫއަވެ ދައުވާއަށް އިންކާރުކޮށްފިނަމަ އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްޓަކައި ކޯޓުން މައްސަލަ އަނބުރާ ފޮނުވާލާނެ އެވެ.

ނަސޭހަތުގެ އެއްބަސްވުން ހެދޭނީ ވަކި ބާވަތެއްގެ މައްސަލަތަކުގައި ނަމަވެސް، އިއުތިރާފް އެއްބަސްވުމަކީ ކޮންމެ މައްސަލައެއްގައިވެސް އޮތް ފުރުސަތެކެވެ. އާންމު ގާނޫނެއްގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުން އެ ފުރުސަތު ލިބިދޭއިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައިވެސް އިއުތިރާފް އެއްބަސްވުން ހެދުމުގެ ފުރުސަތު ލިބިދީފައި އޮވެ އެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 177 ވަނަ މާއްދާގެ (ހ) ބުނާ ގޮތުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުން ފެށިގެން ގޮސް ޓްރެފިކް ކުރުމުގެ ކުށަށް ތުހުމަތު ކުރެވޭ މީހުންނަށްވެސް އިއުތިރާފްގެ އެއްބަސްވުމެއް ހެދިދާނެ އެވެ. އެކަމަކު އެ މައްސަލަތަކުގައި އިއުތިރާފްގެ އެއްބަސްވުމަކަށް ޕްރޮސިކިއުޓަ ޖެނެރަލް ދާނީ އޭނާ އިއުތިރާފްވުމަށްފަހު ދޭ މައުލޫމާތަކީ މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް ސީދާ މަގުފަހިކޮށްދޭ ފިޔަވަޅުތައް އެޅުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެހީތެރިވެދޭނެ މައުލޫމާތެއް ކަމަށް ޕްރޮސިކިއުޓަ ޖެނެރަލަށް ގަބޫލުކުރެވޭނަމަ އެވެ. އެ ގާނޫނުގެ ދަށުން އިއުތިރާފްގެ އެއްބަސްވުމެއް އެކުލަވާލާނަމަ ތުހުމަތު ކުރެވޭ ކުށަށް ކަނޑައެޅިފައި އޮންނަ އަދަބުގެ ތިންބައިކުޅަ އެއްބަޔަށް އަދަބު ކުޑަކުރެވިދާނެ އެވެ.

ފާޑުކިޔުންތައް

އިއުތިރާފްގެ އެއްބަސްވުންތައް ހެދުމަކީ ކުރިއަރާފައިވާ ތަހުޒީބު މުޖުތަމައުތަކުގައި އާންމު ކަމަކަށް ވީ ނަމަވެސް، އެ މުޖުތަމައުތަކުގައިވެސް އެ ނިޒާމަށް ހުރި ފާޑު ކިޔުންތަކާއި ގޮންޖެހުންތައް އެބަހުއްޓެވެ.

އިއުތިރާފްގެ އެއްބަސްވުމެއް އެކުލަވާލުމުގެ މާނައަކީ، ކުށުގެ ތުހުމަތުކުރެވޭ މީހާ އަށް ލިބޭނޭ އަދަބު ލުއިވެގެން ދިއުމެވެ. އެފަދަ އެއްބަސްވުމެއްގެ ދަށުން ލިބޭ ލުއި އަދަބަކީ އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކުށާ އަޅާބަލާއިރު ހައްގުވާ ހަގީގީ އަދަބުން ސަލާމަށްވުމަށް ލިބިދޭ ފުރުސަތެއްކަމަށް ފާޑުކިޔާ މީހުން ދެކެ އެވެ. ދައުވާލިބޭ މީހަކާއެކު އިއުތިރާފްގެ އެއްބަސްވުމަކަށް ދިއުމަކީ އެމީހަކަށް ބޭއިންސާފުން ލިބިދެވޭ ލުޔެއް ކަމަށް މުޖުތަމައުއިން ދުށުން އެއީ މި ނިޒާމު ހިންގުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

ދެން އޮތީ ހަގީގަތުގައި ކުށް ނުކުރާ މީހަކުވެސް ޝަރީއަތާ ކުރިމަތިލައިފިނަމަ އަތުން ދާނޭ ހަރަދާއި، ހޭދަވާނޭ ވަގުތަށް ބަލައި، އަވަހަށް ޝަރީއަތް ނިންމުމަށްޓަކައި ކުށަށް އިއުތިރާފްވެދާނޭ ކަމަށް އޮތް ކަންބޮޑުވުމެވެ. އިއުތިރާފްގެ މައްޗަށް ޖިނާއީ ކުށް ސާބިތުކުރުމަކީ އިހަށް ދިވެހިރާއްޖޭގައި އޮތް ސަގާފަތެއް ނަމަވެސް، މިހާރު ޖިނާއީ އަދުލުގެ ނިޒާމު ބާރުއަޅަނީ ހެކީގެ މައްޗަށް ކުރެވޭ ޝަރީއަތްތަކަށެވެ. އިއުތިރާފްގެ އެއްބަސްވުންތަކުން ދެވޭ ލުޔަކީ ނުކުރާ ކުށަކަށް އިއުތިރާފުވުމަށް ގާނޫނުން ހިތްވަރު ދިނުން ކަމަށް މި ފަލްސަފާގައި ވަކާލާތު ކުރެވެ އެވެ.

އެމެރިކާގައި މި ނިޒާމު ތަރައްގީވެގެން އައިއިރު، މިފަދަ ފާޑުކިޔުންތަކާ ހެދި ދެ ސްޓޭޓެއްގައި އިއުތިރާފް އެއްބަސްވުމަށް ދިއުން ހުއްޓާލި އެވެ. އެއީ 1975 އިން 1993 އަށެވެ. އެ މުއްދަތުގެ ތެރޭގައި ކޯޓުތަކުގެ ބެކްލޮގް 250 ޕަސެންޓަށް އިތުރުވި އެވެ. އިއުތިރާފްވެގެން ލުއި ހޯދަން ބޭނުންވާ އެތައް ބައެއްގެ ޝަރީއަތް ލަސްވެގެން ދިޔައީ އެމީހުން ކުރި ކުށަށް ކަނޑައެޅިފައި އޮތް އަދަބަށްވުރެވެސް ދިގު މުއްދަތަކަށެވެ.

ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފްގެ އެއްބަސްވުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބިދޭނޭ ލުޔެކެވެ. ހާއްސަކޮށް، ރާއްޖެފަދަ ތަރައްގީވަމުންދާ ޖިނާއީ އަދުލުގެ ނިޒާމަކަށް މިކަމުން ލިބޭ ލުޔަކީ ކޮބައިތޯ ބެލުމަށް އަޖުމައެއް ބެލުމަކީވެސް ކުރަންޖެހޭނޭ ކަމެއް ކަމަށް ފެނެ އެވެ. މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަންވީ ޕްރޮސިކިއުޓަ ޖެނެރަލްއާއި ދިފާއީ ވަކީލުންނެވެ.

މައްސަލައެއްގެ ލިޔުންތައް އަތަށް ލިބުމާއެކު، އެ މައްސަލައިގެ ނިންމުމަކީ ކޮބައިކަން ޔަގީނާ ގާތަށް ލަފާކޮށްލަން ވަކީލުންނަށް އެނގޭނެ އެވެ. ކުށް ސާބިތުވާނެ ނަމަ އެކަމާއި، ސާބިތު ނުވުމަށް އޮތީ ކިހާ ފުރުސަތެއްކަން ވެސް އެނގޭނެ އެވެ. ލިޔުންތަކަށާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، އެ މައްސަލައަކީ ސާބިތުވާނޭ މައްސަލައެއްކަމަށް ފެންނަ ނަމަ، އެ ވާހަކަ މުވައްކިލަށް އަންގައި، އިއުތިރާފްގެ އެއްބަސްވުމަކަށް ދިއުމަށް ގާނޫނުން ފުރުސަތު ލިބިދީފައި އޮތްކަން ސާފުކޮށްދޭން ވާނެ އެވެ. ހަމަ އެގޮތަށް، ޕްރޮސިކިއުޓަ ޖެނެރަލްގެ އިސްނެންގެވުމުގައިވެސް އެ ގޮތް ހުށަހަޅުއްވަން ފައްޓަވަންވީ އެވެ.

މިހާރު ނަމަ އިއުތިރާފްގެ އެއްބަސްވުން ހެދެނީ ވަރަށް މަދު، ހާއްސަ މައްސަލަތަކުގަ އެވެ. އިއުތިރާފް އެއްބަސްވުން ހެދުމަކީ ބޮޑުންނަށް ހާއްސަ ސްކީމެއް ކަމަށް ހީވެފައި އޮންނަނީ މިހެންވެ އެވެ. ހަގީގަތަކީ ޕްރޮސިކިއުޓަ ޖެނެރަލާއެކު 'ޑީލަކަށް' ދިއުމުގެ ފުރުސަތު ގާނޫނުތަކުން ތަންމިނަށް ހުޅުވާލާފައި އޮތް ކަމެވެ.