Advertisement

ނުގަވާއިދުން މަސްވެރިކަން ކުރި ލަންކާގެ ދެ ބޯޓަކަށް 400،000 ރުފިޔާގެ ޖޫރިމަނާއެއް

30 ސެޕްޓެންބަރު 2021 - 13:56 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ސްރީ ލަންކާގެ ދެ މަސް ބޯޓު. ފޮޓޯ: އެމްއެންޑީއެފް


ނުގަވާއިދުން މަސްވެރިކަން ކުރި ލަންކާގެ ދެ ބޯޓަކަށް 400،000 ރުފިޔާގެ ޖޫރިމަނާއެއް

30 ސެޕްޓެންބަރު 2021 - 13:56 0

މިމަހުގެ ކުރީކޮޅު ރާއްޖޭގެ ކަނޑުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި ސްރީ ލަންކާއަށް ނިސްބަތްވާ ދެ މަސް ބޯޓުގެ ވެރިން 400،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އިން މަސްވެރިކަން ކުރަނިކޮށް ރާއްޖޭގެ ކޯސްޓްގާޑުން އެ ދެ އުޅަނދު ހިފަހައްޓާފައި ވަނީ މިމަހުގެ 11 އަދި 12 ވަނަ ދުވަހު އެވެ. އެ ދެ މަސްބޯޓު ހިފެހެއްޓި އިރު މަސްވެރިކަން ކުރަމުންދިޔަ ވަނީ ފާހަގަކުރެވިފަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮފިސަރު ހުސެއިން ޒަމީލް "އަދަދު" އަށް ވިދާޅުވީ އެ ދެ މަސްބޯޓު ހިފަހައްޓައި އިންސްޕެކްޓް ކުރުމަށް ފަހު ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެ މައްސަލައާ ގުޅިގެން އެ ދެ ބޯޓުގެ ވެރިންނާ ވެސް ބައްދަލުކޮށް، މައްސަލަ ބަލައި ފިޔަވަޅު އަޅަން ނިންމާފަ ވަނީ. އެއީ ދެ ބޯޓުން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ބޭނުންވާ ލައިސަންސް ނެތި، އަދި އެކަމަށް ނުވެސް އެދި މަސްވެރިކަން ކޮށްފައިވާތީ،" ޒަމީލް ވިދާޅުވި އެވެ.

އެ ދެ ބޯޓުގައި ތިބި ފަރާތްތަކުން ވެސް ހާލުގައި ޖެހިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެވުނުކަމަށް މައްސަލަ ބެލުމުގެ މަރުހަލާ ތެރެއިން ބުނިކަމަށް ޒަމީލް ފާހަގަކުރި އެވެ.

އެކަމަކު އަޅުގަނޑުމެން ބެލި ބެލުމުން އެކަން ސާބިތެއް ނުވޭ. އެހެންވުމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން އެ ދެ ބޯޓުގެ ވެރިފަރާތް ވެސް ކޮންމެ ފަރާތެއް ވަކިން، 400،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައި. ދެ ބޯޓު ވެސް ޖޫރިމަނާ ދައްކަންދެން ހިފަހައްޓާފައި ވަނީ،" ޒަމީލް ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު އޮންނަ ގޮތުން ނަމަ އެޔަށް ވުރެ ބޮޑު އަދަދަކުން ވެސް ބޭރުގެ މަސްބޯޓު އެފަދަ މައްސަލަތަކުގައި ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ގެ ތެރެއިން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދު ފަހަރު ޖޫރިމަނާކޮށްފައި ވެ އެވެ. އެގޮތުން މިދިޔަ ޖުލައި މަސްތެރޭގައި ވެސް ލަންކާއަށް ނިސްބަތްވާ މަސްބޯޓެއް ވަނީ ހަމަ އެފަދަ މައްސަލައެއްގައި 400،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.