30 ސެޕްޓެންބަރު 2021 - 13:38 0
މުހައްމަދު ވިޝާމް
ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޔާމީން މީގެ ކުރިން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ: ފައިސާ ހޯދަން ބަންޑާރަ ނައިބު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި. - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
30 ސެޕްޓެންބަރު 2021 - 13:38 0
މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން އަދަބެއްގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން، ދައުލަތަށް ދައްކަން އެންގި ފަސް މިލިއަން ޑޮލަރު ހޯދަން ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި މައްސަލަ އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.
ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއްގެ އަދަބު ކަނޑައެޅީ ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރުސީއަށް ލިބުނު އެއް މިލިޔަން ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި ކަމަށް ސާބިތުވެގެންނެވެ.
ޖޫރިމަނާގެ ފައިސާ ދައްކަން އެންގީ ހުކުމް ކުރިތާ ހަ މަސް ދުވަހުގެ ތެރޭ އެވެ.
އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު، މިހާރު މައްސަލަ ވަނީ ސުޕްރީމް ކޯޓުގަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނި ގޮތުގައި، ހުކުމާ އެއްގޮތަށް ޖޫރިމަނާ ޔާމީން ނުދައްކަވާ މައްސަލަ މިދިޔަ މަހުގެ 24 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅުމުން، "ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ދަށުން ކްރިމިނަލް ކޯޓުގެ އެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ރަޖިސްޓްރީ ކުރިކަން އަންގާފައި ވެ އެވެ.
"އެގޮތުން އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ ފުރަތަމަ އަޑުއެހުން 06 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ 11:20 އަށް ތާވަލުކޮށްފައިވާކަން ސިވިލް ކޯޓުން މި އޮފީހަށް ވަނީ އަންގާފައި،" އޭޖީ އޮފީހުން ބުންޏެވެ.
ޖޫރިމަނާ ފައިސާ ހޯދަން އޭޖީ އޮފީހުން އެ މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގެ (ބ) ގެ ދަށުންނެވެ.
އެ މާއްދާގައި ބުނެފައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެން ޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާ ނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިހުތިޔާރު ބަންޑާރަ ނައިބަށް ލިބިގެންވާ ކަމަށެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވާނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި، ޔާމީންގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ ފަސް މިލިއަން ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދެއްވުމަށެވެ.
ޔާމީންގެ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާފައިނުވަނީ، އެ ފަރާތުން ބުނާ ގޮތުގައި އިސްތިއުނާފީ މަރުހަލާތައް ނުނިމޭތީ އެވެ. ނަމަވެސް، ދާދި ފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި ވަނީ މައްސަލައެއް އިސްތިއުނާފު ކުރުމަކީ އޭގެ ޒާތުގައި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ޖެހޭ ސަބަބެއް ނޫން ކަމަށް ކަނޑައަޅައިފަ އެވެ.
ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ޝަރީއަތް މިހާރު ދަނީ ސުޕްރީމް ކޯޓުގައި ހިނގަމުންނެވެ.
Comment