Advertisement

ފިޔަވަތީގެ ފުރާޅަށް ނޭރޭގޮތް ހެދުމާއެކު ކުދިންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް

29 ސެޕްޓެންބަރު 2021 - 15:01 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޖެންޑާގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓަމުންދާ ފިޔަވަތި: އެ ތަނުގައި ބައިތިއްބަނީ ދައުލަތަށް ނަގާ 13 އަހަރުން ދަށުގެ ކުދިންނޭ-- ފޮޓޯ: ޖެންޑާ މިނިސްޓްރީ


ފިޔަވަތީގެ ފުރާޅަށް ނޭރޭގޮތް ހެދުމާއެކު ކުދިންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް

29 ސެޕްޓެންބަރު 2021 - 15:01 1

ހުޅުމާލޭގައި ދައުލަތުން ކުޑަކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތީގެ ފުރާޅަށް ނޭރޭގޮތަށް އިމާރާތަަށް ބަދަލު ގެނެސްފި އެވެ.

މި މަހުގެ 17ވީ ހުކުރު ދުވަހުގެ ރޭ ފިޔަވަތީގައި ތިބި ކުދިންތަކެއް ވަނީ އެތަނުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައިފަ އެވެ.

އެ ހަމަނުޖެހުމުގައި ހިންގި ހާދިސާތަކާ ގުޅިގެން އެކަން ހިނގަން މެދުވެރިވި ސަބަބުގެ އަސްލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން އިސްނަގާފައިވާއިރު، ހާދިސާއަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ތައްޔާރުކުރި ރިޕޯޓާއެކު ކޮމިޓީން ވަނީ ބައްދަލުކޮށްފަ އެވެ.

އެ ރިޕޯޓުތަކުން ފިޔަވަތީގައި ނިޒާމީ ބޮޑެތި މައްސަލަތައް ހުރިކަން ހާމަވެ، ކުދިންގެ ރައްކާތެރިކަމަށް ވަގުތުން ވަގުތަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެ ކޮމިޓީން ޖެންޑާ މިނިސްޓްރީއަށް އެންގި އެވެ.

ވަގުތުން ހައްލު ކުރަން އަންގާފައިވާ ކަންކަމުގެ ތެރޭގައި ބަލަހައްޓަން ތިބި މީހުންނަށް ވުރެ ކުދިން ގިނަވުމާއި ރީއިންޓިގްރޭޝަން މަރުހަލާ (އާއިލާތަކާ ހަވާލުކުރުން) އަވަސް ކުރުމަށާއި ސައިކޮލަޖިކަލް ސަޕޯޓު ކުދިންނަށް ދިނުމަށާއި ކުދިންނަށް ފުރާޅަށް ނޭރޭގޮތް ހެދުމުގެ އިތުރުން އެ ތަނުގައި ހުރި އަލިފާން ނިއްވާ ފުޅި މުއްދަތު ހަމަވެފައި ހުރުމުން ބަދަލު ކުރުމަށްވެސް ވަނީ އަންގާފަ އެވެ.

އެ ކަންކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން "އަދަދު" އަށް ބުނީ ކޮމިޓީގެ ލަފަޔާ ގުޅިގެން، ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، ކުދިންނަށް ފުރާޅަށް ނޭރޭނެގޮތަށް އިމާރާތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އަދި ރީއިންޓިގްރޭޝަން ޕްރޮގްރާމްގެ ދަށުން އާއިލާތަކާ ހަވާލުކުރަން ޖެހޭ ކުދިންގެ ކަންކަންވެސް ކުރަމުންދާ ކަމަށެވެ. އެކަން ލަސްވެފައި ވަނީ ކުރިން އެ މަސައްކަތް ކުރަމުންދިޔައީ އެއް ޕެނަލް އަކުން ކަމަށްވުމުން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ފިޔަވަތީގައި ތިބޭ ކުދިންނަށް ވަކިން ސައިކޮލަޖިކަލް ސަޕޯޓު ދިނުމުގެ މަސައްކަތް ވެސް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކަށްބަލައި، އެ ކަންކަމަށް ސަމާލުކަން ދީގެން މަސައްކަތް ކުރުމަށް ކޮންސަލްޓެންޓެއް ހަމަޖައްސައިގެން މަސައްކަތް ފަށަފައިވާ ކަމަށްވެސް ޖެންޑާއިން ބުންޏެވެ.

ފިޔަވައްޗަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ 13 އަހަރުން ދަށުގެ ކުދިން ބެލެހެއްޓުމަށް ގާއިމް ކޮށްފައިވާ ތަނެކެވެ. ނަމަވެސް އުމުރަށްވުރެ ބޮޑެތި ކުދިން އެތަނުގައި އުޅޭ މައްސަލަ އެޗްއާރުސީއެމުން ވެސް ފާހަގަ ކޮށްފައި ވެ އެވެ.

އެކަމަށް ހައްލެއް ގެނައުމަށް 13 އަހަރުން މަތީގެ ކުދިން އަމާންވެށިތަކަށް ބަދަލު ކުރުމަށް ރާވަމުންދާ ކަމަށްވެސް ޖެންޑާއިން ބުންޏެވެ.

މީގެ އިތުރުންވެސް، ކުދިންނާއި މުވައްޒަފުންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ކޮންސަލްޓަންޓެއްގެ އެހީތެރިކަމާއެކު ފަންނީ މަސައްކަތްތަކެއް ކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

އަދި ކުދިންގެ ހުސްވަގުތުގައި ހިންގާ ހަރަކާތްތަކުގެ ތެރެއަށް، އިތުރު ކުޅިވަރު ހަރަކާތްތައް ހިމަނާ، ސްޕޯޓްސް ކޯޕަރޭޝަން އާއި ހޭންޑް ބޯލް އެސޯސިއޭޝަނާއި ގުޅިގެން ފުޓްބޯޅައާއި ހޭންޑްބޯލް ޕްރޮގްރާމެއް ވެސް މިހާރު ވަނީ ކުރިއަށް ގެންދަން ފަށާފައެވެ. މިކަންކަމަކީ ކުރިން ރާވާފައިވާ ޕްލޭންއާއި އެއްގޮތަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށް ޖެންޑާއިން ބުނެ އެވެ.