Advertisement

ޕީޖީން ބުނަނީ އެސްއޯއެފަށް ދައުވާ ނުކުރަން ނުނިންމާ ކަމަށް

28 ސެޕްޓެންބަރު 2021 - 18:02 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސެއިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ޕީޖީން ބުނަނީ އެސްއޯއެފަށް ދައުވާ ނުކުރަން ނުނިންމާ ކަމަށް

28 ސެޕްޓެންބަރު 2021 - 18:02 1

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގައި ފައިސާ ދޮންނަން ގެންގުޅުނު އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމާފައިވާނުވާނެ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ 1.3 ބިލިއަނެއްހާ ރުފިޔާ ވަގަށް ނެގީ، ރިސޯޓު ވިއްކުމަށްފަހު ލިބޭ ފައިސާ މިޔުޒިކް ކުޅޭ ބޭންޑެއް ހިންގަމުން އައި އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްގެނެވެ. އެ ކުންފުނީގެ ވެރިންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާކަން އިއްޔެ ހާމަވީ އެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތުގައި ފަނޑިޔާރުން ކުރިމަތި ކުރުވި ސުވާލުތަކެއްގެ ސަބަބުންނެވެ.

އިއްޔެ ސުޕްރީމް ކޯޓުގައި ޕީޖީ ހުސެއިން ޝަމީމްގެ ފަރާތުން ބުނެފައި ވަނީ އެސްއޯއެފްގެ ވެރިންގެ މައްޗަށް ދައުވާ ނުކުރަން ނިންމީ ފައިސާ ލިބުނު ގޮތާއި ލިބުނު މީހުން އަދި ގެއްލިފައި ހުރި ފައިސާ ހޯދުމުގެ އެމީހުންގެ އެއްބާރުލުން ބޭނުންވާތީ ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، އެ އޮފީހުން މިއަދު ބުނީ، އިއްޔެ ކޯޓުގައި ދައުލަތުގެ ވަކީލުން އިޝާރާތްކުރީ ޔާމީންގެ މައްޗަށް ދައުވާކުރާ މުއާމަލާތާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާ ވާހަކަ އެކަނި ކަމަށެވެ.

"މުޅި އެމްއެމްޕީއާރުސީގެ މައްސަލައިގައި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމީއެއް ނޫން،" ޕީޖީ އޮފީހުން ބުންޏެވެ.

އެކަން އިތުރަށް ސާފުކޮށްދެމުން ޕީޖީ އޮފީހުން ބުނި ގޮތުގައި، ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން އެސްއޯއެފުން ކޮށްފައިވާ އެހެން ކުށްތަކަށް، ހެކި ލިބޭ މިންވަރަކުން ދައުވާ ކުރެވިދާނެ ކަމަށެވެ.

އަދި އެ ނިންމުމަކީ މިހާރު ޕީޖީ ހުސެއިން ޝަމީމް އެ މަގާމާ ހަވާލުކުރުމުގެ ކުރިން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ބުންޏެވެ.

ޕީޖީ އޮފީހުން އެ އިޝާރާތްކުރަނީ މި މައްސަލައިގައި ދައުވާކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަދަ ބޭފުޅުންގެ ދިފާއީ ވަކީލަކަށް މީގެ ކުރިން ޝަމީމް މަސައްކަތް ކުރައްވާފައިވާތީ، އެކަމާ ގުޅިގެން އުފައްދަމުންދާ ސުވާލު ތަކަށެވެ.

"ސުޕްރީމް ކޯޓުގައި ކުރިއަށްދިޔައީ ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފް. އެހެންވީމާ ވަކީލު ޖަވާބުދެއްވީ އެ ޓްރާންސްއެކްޝަނާ ގުޅޭ ގޮތުން. ވިދާޅުވެވުނު ގޮތަކުން އެރި އޮޅުމެއް ކަމަށް ވެދާނެ،" އެ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވި އެވެ.

އަޑުއެހުމުގައި ޕީޖީގެ ވަކީލުން ވިދާޅުވީ ކީކޭ؟

ސުޕްރީމް ކޯޓުގައި އިއްޔެ ކުރިއަށްދިޔަ ޝަރީއަތުގައި ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީޖީގެ ވަކީލުން ވިދާޅުވީ އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމީ، ފައިސާ ލިބުނު މީހުންނާއި ލިބުނު ގޮތް ހޯދެން އޮތީ އެމީހުންގެ އެއްބާރުލުން ހޯދައިގެން ކަމަށްވާތީ ކަމަށެވެ.

އެހެންވެ, އާންމު މަސްލަހަތު އޮތީ އެމީހުންގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް އެމީހުންގެ އެއްބާރުލުން ހޯދުން ކަމަށް ވަކީލް ވިދާޅުވި އެވެ.