Advertisement

ފިރިމީހާ ދިން ފައިސާތަކެއް ބޭނުންކުރުމުން އަނބިމީހާއަށް ބޮޑު ދައުވާއެއް

28 ސެޕްޓެންބަރު 2021 - 11:50 5

ނާޒިމް ހަސަން

ނާޒިމް ހަސަން

ރާމިޒާ: އޭނާގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ފިރިމީހާ ދިން ފައިސާތަކަކާ ގުޅިގެން


ފިރިމީހާ ދިން ފައިސާތަކެއް ބޭނުންކުރުމުން އަނބިމީހާއަށް ބޮޑު ދައުވާއެއް

28 ސެޕްޓެންބަރު 2021 - 11:50 5

ފިރިމީހާ, މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާ އަނބިމީހާގެ އެކައުންޓަށް ޖަމާކުރުމުން އޭގެން މަންފާ ހޯދާފައިވާތީ އަނބިމީހާގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލައި, ޝަރީއަތް މިއަދު ކުރިމިނަލް ކޯޓުގައި ފަށައިފި އެވެ.

މި މައްސަލާގައި ދައުވާ ކޮށްފައިވަނީ ގދ. ތިނަދޫ, ލަކީލާސްޓް, ރާމިޒާ އަލީގެ މައްޗަށެވެ. މިއީ މިފަދަ ކުށެއްގައި މީހެއްގެ މައްޗަށް ދައުވާކުރި ފުރަތަމަ ފަހަރެވެ.

ރާމިޒާގެ މައްޗަށް ދައުވާކޮށްފައިވާއިރު, އޭނާގެ ފިރިމީހާ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު ވަނީ އިތުރު ބަޔަކާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކޮށްފަ އެވެ. ލޫތު އާއި އޭނާއާއެކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފްގެ މައްޗަށް އުފުލީ މަނީލޯންޑްރިންގެ ދައުވާ އާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓްހައުސްއެއް ފާސްކުރުމަށްފަހު އެވެ. އެމީހުންނާއެކު, މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ފުލުހުން އަތުލައިގަތެވެ. އެގޮތުން އެމީހުންނާ ގުޅުން ހުރި ތަނަކުން އެއް މިލިއަނަށްވުރެ ގިނަ ފައިސާ ރަބަރު ކޮތަޅެއްގެ ތެރެއިން ހޯދި އެވެ.

އެކަމެއް ހިނގިއިރު, ލޫތުގެ އަނބިމީހާ ރާމިޒާ ދިރިއުޅެނީ ތިނަދޫގަ އެވެ. ނަމަވެސް, ފިރިމީހާ ހައްޔަރުކުރުމުން ރަށުގައި ގުރުއާން ކިޔަވައިދީ އުޅޭ ރާމިޒާ ހަ ދުވަސް ފަހުން މާލެ އަޔެވެ.

މޫނު ބުރުގާ އަޅައިގެން އިން ރާމިޒާގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ މިއަދު ޝަރީއަތުގައި ދައުލަތުން އިއްވިއިރު, އޭނާގެ މައްޗަށް ބޮޑު ތުހުމަތެއް ކޮށްފައި އޮތެވެ. އެއީ, ފިރިމީހާގެ ފައިސާއާމެދު ޝައްކު އޮއްވައި އޭގެ ބޭނުންކޮށް މަންފާ ހޯދުމެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި, ހަސަން ލޫތު ވަނީ ރާމިޒާގެ އެކައުންޓަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ 95,000 ރުފިޔާ ޖަމާކޮށްފަ އެވެ. އަދި, އޭގެ ފަހުން ވެސް ފައިސާ ރާމިޒާއަށް ޖަމާވެފައިވާއިރު, ލޫތު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ފަހުން އެ ފައިސާ ރާމިޒާ ބޭނުން ކޮށްފައިވާ ކަމަށެވެ.

އެ ފައިސާ ރާމިޒާ ބޭނުން ކޮށްފައިވަނީ އެއީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭ ހާލަތެއް އޮތްވައި ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ, ރާމިޒާ ހިންގާފައިވަނީ މަނީލޯންޑްރިންގެ ކުށް ކަމަށް ބުންޏެވެ.

މި ކުށް ސާބިތުވެއްޖެނަމަ, ރާމިޒާގެ މައްޗަށް ފަސް އަހަރާއި 15 އަހަރާ ދެމެދު ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއް އަންނާނެ އެވެ.

ރާމިޒާގެ އިންކާރު: އޭނާއަކީ ވެސް ވިޔަފާރިކޮށް އުޅޭ މީހެއް

ފިރިމީހާގެ ސަބަބުން ރާމިޒާގެ މައްޗަށް އައިސްފައިވާ ބޮޑު ދައުވާއަށް އޭނާ އިންކާރުކުރި އެވެ. ރާމިޒާ ބުނި ގޮތުގައި, ދައުވާގައި ބުނާ މަސްތުވާތަކެތީގެ ވާހަކަތަކެއް ނޭނގޭ ކަމަށެވެ. އަދި, އެކަމެއް ހިނގާފައިވަނީ އޭނާ މާލޭގައި ވެސް ނެތީސް ކަމަށެވެ.

އޭގެ ތަފްސީލަށް ވަޑައިގެންނެވީ ރާމިޒާގެ ވަކީލް އަލީ ޝާހެވެ. އަލީ ޝާހް ވިދާޅުވި ގޮތުގައި ދައުވާ ފުރިހަމައެއް ނުވެ އެވެ. ދައުވާ އޮތީ އޮޅުންބޮޅުންވާ ގޮތަށް ކަމަށެވެ.

އެގޮތުން, އޭނާ ފާހަގަ ކުރެއްވި ގޮތުގައި ރާމިޒާ ކުށެއް ކުރަން އުޅުނު ކަމުގެ ނިޔަތް އޮތްކަން ސާބިތުކޮށް ދޭން ޖެހޭ ކަމާއި އެފަދަ ކަމެއް ދައުވާގައި ނެތް ކަމަށެވެ. އަދި, ރާމިޒާ ކުށް ކުރި ގޮތެއް, ވަގުތެއް ވެސް ނެތް ކަމާއި، ކުށް ފެށުނު ގޮތެއް ވެސް ނެތް ކަމަށެވެ.

ރާމިޒާ ބޭނުން ކުރި ފައިސާއަކީ ކަޅު ފައިސާ ނުވަތަ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ދައުލަތުން ކަނޑައެޅި ގޮތެއް ވެސް އެނގެން ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ. ދައުލަތަށް އެ ޝައްކެއް އޮތުމަކީ ރާމިޒާއަށް ދައުވާކުރެވޭނެ ސަބަބެއް ނޫން ކަމަށާއި އެ ފައިސާއާ ގުޅިގެން ރާމިޒާއަށް ދައުލަތުން ވެސް އެއްވެސް އިރުޝާދެއް ދީފައިނުވާ ކަމަށެވެ.

އެހެންކަމުން, ރާމިޒާ އެ ފައިސާ ބޭނުން ކޮށްފައިވަނީ އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިހުރެ ކުށް ކުރުމުގެ ނިޔަތުގައި ކަމަށް ދައުލަތަށް ތުހުމަތު ނުކުރެވޭނެ ކަމަށް އަލީ ޝާހް ވިދާޅުވި އެވެ. އެ ތުހުމަތު ކުރާނަމަ, ރާމިޒާއަށް އެކަން އެނގިހުރިކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.

އަލީ ޝާހް ވިދާޅުވި ގޮތުގައި ހަސަން ލޫތު, ރާމިޒާގެ އެކައުންޓަށް ޖަމާކުރާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ޖަމާކުރާ ފައިސާއެއް ކަމެއް އޭނާއަށް ނޭނގެ އެވެ. އަދި އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމެއް ވެސް ނޭނގެ އެވެ. ރާމިޒާގެ އެކައުންޓަށް ޖަމާކުރާ ހުރިހާ ފައިސާއަކީ ފިރިމީހާގެ ފައިސާ ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން, ރާމިޒާއަކީ ގުރުއާން ކިޔަވައިދޭ މީހެއް ކަމާއި ބޭރުން ރާއްޖެއަށް ގަސް ގެނެސްގެން ވިއްކާ ވިޔަފާރި ކުރާ މީހެއް ކަމުން އޭނާގެ އެކައުންޓަށް އެކަމާ ގުޅޭ ފައިސާ ވެސް ޖަމާވާނެކަން ވަކީލް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން, އޭނާ ބޭނުން ކުރީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ވަޒަން ކުރާނެ ހަމައެއް ނެތްކަން އަލީ ޝާހް ފާހަގަ ކުރެއްވި އެވެ.

އަދި, މިހާތަނަށް ހަސަން ލޫތަކީ ވެސް ކުށެއް ސާބިތުވެފައި ހުރި މީހަކަށް ނުވާއިރު އޭނާއާ ގުޅުވައި އެ ފައިސާއަކީ ކަޅު ފައިސާ ކަމަށް ތުހުމަތު ކުރާނެ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އެހެންވެ, އަލީ ޝާހް އެދުނީ ދައުވާ އަލުން ރިވިއު ކުރުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ދައުލަތަށާއި ރާމިޒާއަށް ހެކި ހުށަހަޅަން ފުރުސަތު ދީފަ އެވެ. މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކިން ހުށަހެޅުމެވެ.

މަސްތުވާތަކެއްޗާއި މަނީ ލޯންޑްރިންއާ ގުޅޭ ގޮތް

މަސްތުވާތަކެތީގެ މައްސަލައެއްގައި އަލަށް މަނީލޯންޑްރިންގެ ދައުވާ އުފުލައި, ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ އެއީ މަސްތުވާތަކެތީގެ "ވިޔަފާރިވެރިންނާ" ދެކޮޅަށް ފެށުމެއް ކަމަށެވެ.

ޕީޖީން ދައުވާ ކުރުމުގައި މި ބޮޑު ބަދަލު ގެނައީ ގާނޫނަށް ގެނައި އިސްލާހަކުން ނޫނެވެ. އެކަމަކު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ.

މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ނ) ބުނާ ގޮތުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ އެ ކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭ ކުށެކެވެ. އެ ގާނޫނުގެ ދަށުން މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެ މީހުންގެ އަނބިންނާއި ފިރިންނާއި ގާތްތިމާގެ މީހުން ވެސް ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެ ނަމަ ދައުވާ ކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމަށްޓަކައި ބޭނުންވަނީ އޭނާއަށް ލިބި ބޭނުންކުރި ފައިސާއަކީ ކުށެއް ކޮށްގެން ހޯދާ ފައިސާކަން އޭނާއަށް ޝައްކުވުން. ކަނޑައެޅިގެން އެނގުންވެސް ލާޒިމެއް ނޫން، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއްގެ އަތްބަކު، އޭނާގެ ފިރިމީހާ ފައިސާ ހޯދާ ތަނެއް ނޭނގޭ ކަމަށް ބުނުމަކީ އަޅުގަނޑަށް ގަބޫލުކުރަން ދަތި ކަމެއް. ފައިސާ ލިބޭ ގޮތް ނޭނގޭ ކަމަށް ބުނާއިރު، އެ ފައިސާ، ޝައްކު އުފެދޭ ކަންކަމަށް ބޭނުންކޮށްފައި ހުރިކަން ތަހުގީގަށް ފެނޭ،" ޝަމީމް ވިދާޅުވި އެވެ.

މަނީ ލޯންޑްރިންގެ ކުށަކީ އެންމެ ބޮޑެތި އަދަބު ކަނޑައަޅާފައިވާ ކުށެކެވެ. އެކުށް ސާބިތުވުމުގެ ނަތީޖާ ވެސް ވަރަށް ތަފާތެވެ.

އެ ގާނޫނުގެ އަށް ވަނަ މާއްދާގައި، ކުށްކޮށްގެން ހޯދާ މުދާ މާނަކޮށްދީފައި ވަނީ ކުށްކޮށްގެން ހޯދާ ފައިސާ ނުވަތަ މުދަލާއި އެ ފައިސާ ނުވަތަ މުދަލުން ހޯދާ ނުވަތަ ބަދަލުކޮށްފައިވާ މުދަލާއި އެ މުދާ އިންވެސްޓްކޮށްގެން ލިބޭ މުދާ ވެސް ހިމަނައިގެން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ވީމާ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާއިން ފިހާރައެއް ހުޅުވާފައި ހުރި ނަމަ، އެފިހާރައަކީ ވެސް މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭނެ މުދަލެއް،" ޝަމީމް ވިދާޅުވި އެވެ.