Advertisement

މެސީއާ އެކު ޕީއެސްޖީ ވަރަށް ފުރިހަމަވެއްޖެ: ގާޑިއޯލާ

27 ސެޕްޓެންބަރު 2021 - 22:02 0

ޕީއެސްޖީ ޕްރެކްޓިހެއްގެ ތެރެއިން މެސީ: މާދަމާރޭ ސިޓީއާ ދެކޮޅަށް ކުޅޭނެ.-- ފޮޓޯ: އޭއެފްޕީ


މެސީއާ އެކު ޕީއެސްޖީ ވަރަށް ފުރިހަމަވެއްޖެ: ގާޑިއޯލާ

27 ސެޕްޓެންބަރު 2021 - 22:02 0

ޕެރިސް (ސެޕްޓެމްބަރު 27) - ލިއޮނަލް މެސީ ޕީއެސްޖީއާ ގުޅުމުން އެ ޓީމު ވަރަށް ބޮޑަށް ފުރިހަމަ ވެފައިވާ ކަމަށް ޗެމްޕިއަންސް ލީގުގައި އެ ޓީމާ ދެކޮޅަށް ކުޅެން ތައްޔާރު ވަމުން އަންނަ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޕެރިހުގައި މާދަމާރޭ ޕީއެސްޖީން ސިޓީއާ ބައްދަލުކުރާ މެޗަށް އަނިޔާއިން ރަނގަޅުވެގެން މެސީ އެނބުރި އަންނާނެ ކަމަށް ފްރާންސްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޕީއެސްޖީން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން މެސީ ހުރީ ކުޅުމާ ދުރުގަ އެވެ.

ޕީއެސްޖީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ގިނައިން ވާހަކަ ދެއްކީ މެސީއާ ބެހޭގޮތުންނެވެ. ޕީއެސްޖީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެސީގެ ސޮއި ހޯދިއިރު، ސިޓީން ވެސް މެސީ ގެންދަން މީގެ ކުރިން މަސައްކަތް ކޮށްފައިވެ އެވެ.

"މެސީގެ ކެރިއަރުގައި އޭނާ ހާސިލްކޮށްފައި އެވާ ކަންތައްތަކަކީ އާދައިގެ ކަންކަމެއް ނޫން. އަހަރެންގެ އުއްމީދަކީ މާދަމާރޭ (ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން ވެސް) ފުޓްބޯޅަ އަށް މެސީގެ ފަރާތުން އެ ގެންނަ ތަފާތު ފެނުން،" ބާސެލޯނާގެ ކޯޗަކަށް ހުރެ ހަތަރު އަހަރު މެސީ އަށް އިރުޝާދުދިން ގާޑިއޯލާ މެސީއާ ބެހޭގޮތުން ބުންޏެވެ.

ސިޓީ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކަޓުވާލައިފަ އެވެ. ގާޑިއޯލާ ބުނީ މެސީ ޕީއެސްޖީއާ ގުޅުމާ އެކު އިތުރަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

"މެސީއާ އެކު ޕީއެސްޖީ ފުރިހަމަވެއްޖެ. އެ މީހުންގެ އެބައޮތް ވަރުގަދަ ޓީމެއް. ވަކި ވަކި ކުޅުންތެރިންނަށް ޕްރެޝަރު ކުރުވުމަށް ވުރެ ޓީމެއްގެ ގޮތުގައި ވެސް ނުރައްކާ ވާނެ ޕީއެސްޖީ. މިއީ އަހަރެމެން ވަރަށް ސަމާލުވެގެން ކުޅެން ޖެހޭ މެޗެއް،" ގާޑިއޯލާ ބުންޏެވެ.

ޕީއެސްޖީން އެންމެ ފަހުން ސިޓީއާ ބައްދަލުކުރި ފަސް މެޗުގައި ވެސް މޮޅެއް ނުވެ އެވެ. މި ފަހަރު ސިޓީ މެޗަށް ޕީއެސްޖީން ތައްޔާރުވަމުން ދަނިކޮށް ޓްރެއިނިން ދަނޑަށް ޕީއެސްޖީގެ ރައީސް ނާސިރު އެލްހެއްލާފީ ވަނީ ވަޑައިގެންފަ އެވެ. އަދި ޓީމުގެ މުހިއްމު ކުޅުންތެރިންނާ އެކު ވަގުތުތަކެއް ހޭދަކުރި އެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ވިސްނުން ހުރީ މެސީއާ އެކު ސިޓީއާ ދެކޮޅަށް ނަތީޖާ ނެރުމަށެވެ. މެސީ ވަނީ ބާސެލޯނާ އަށް ކުޅެމުން ޗެމްޕިއަންސް ލީގުގައި ސިޓީ ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ.

ސިޓީ އާއި ޕީއެސްޖީ ކުޅޭ މެޗު ފަށާނީ މާދަމާރޭ 00:00 ގަ އެވެ.