Advertisement

އިރާނުން އެއްބަސްވި ގޮތަށް ނިޔުކްލިއާ ފެސިލިޓީތައް ބަލަން ހުއްދަ ދޭން ގޮވާލައިފި

28 ސެޕްޓެންބަރު 2021 - 07:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ ނިޔުކްލިއާ ފެސިލިޓީއެއް.


އިރާނުން އެއްބަސްވި ގޮތަށް ނިޔުކްލިއާ ފެސިލިޓީތައް ބަލަން ހުއްދަ ދޭން ގޮވާލައިފި

28 ސެޕްޓެންބަރު 2021 - 07:32 0

އިރާނުން އެއްބަސްވި ގޮތަށް ނިޔުކްލިއާ ފެސިލިޓީތައް ބަލަން އދ. ގެ އޮފިޝަލުންނަށް ހުއްދަ ދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައިފި އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނީ ތެސާ ކަރަޖް ސެންޓްރިފިއުޖް ކޮމްޕޯނެންޓް އުފައްދަން ތެހްރާން ކައިރީގައި ގާއިމްކޮށްފައި ހުންނަ ފެސިލިޓީއަށް ނުދެވޭ ކަމަށެވެ.

ސެޕްޓެމްބަރު 12 ވަނަ ދުވަހު އިރާނުން އައިއޭއީއޭ އާއެކު އެއްބަސްވީ އޮފިޝަލުންނަށް އެ ތަނަށް ދެވޭނެ ކަމަށް ނަމަވެސް އެކަމަށް ހުއްދަ ނުދިން ކަމަށް އައިއޭއީއޭ އިން ބުނެ އެވެ.

އައިއޭއީއޭ އަށް ކަނޑައާފައި ހުންނަ އިރާނުގެ ސަފީރު ކަޒިމް ގާރީބަބާދީ ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

"ތެހްރާން އަދި އިރާނުގައި ބޭއްވި މަޝްވަރާތަކުގައި ވެސް، އެ ފެސިލިޓީގައި ހުރި ތަކެތި ސާވިސް ކުރަން ޖެހޭ ކަމަށް ނިންމާފައެއް ނުވޭ،" އިރާނުގެ ނިޔުކްލިއާ ފެސިލިޓީތައް މޮނީޓާ ކުރުމަށް އައިއޭއީއޭ އިން ބަހައްޓާފައިވާ ކެމެރާތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އައިއޭއީއޭގެ ހިންގާ ބޯޑާއެކު އީޔޫ އިން ބޭއްވި ބައްދަލުވުމަކަށް ފަހު އިރާނަށް ގޮވާލީ އިތުރަށް ލަސްނުކޮށް އޮފިޝަލުންނަށް ހުއްދަ ދިނުމަށެވެ. މިއީ "ކަންބޮޑުވާ ހާލަތެއް" ކަމަށް ވެސް އީޔޫ އިން ބުންޏެވެ.

އިރާނާއި އައިއޭއީއޭ ދެމެދު އެއްބަސްވުމަކަށް އައީ މި މަހުގެ ކުރީކޮޅު އެވެ. އޭގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން އިރާނުން ވަނީ އައިއޭއީއޭ އާއެކު ގުޅުން ކަނޑާލާފަ އެވެ.

ފެސިލިޓީތަކުގައި ހުރި ކެމެރާތައް ސާވިސް ކުރަން އިންސްޕެކްޓަރުންނަށް ފުރުސަތު ނުދެވޭނެ ކަމަށް އިރާނުން ބުނީ މި އަހަރުގެ ކުރީކޮޅު އެވެ. ނަމަވެސް އަލުން ހުއްދަ ދޭން އެއްބަސްވީ އދ. ގެ ނިއުކްލިއާ އެޖެންސީގެ ވެރިޔާ އިރާނަށް ކުރެއްވި ދަތުރަކާ ގުޅިގެންނެވެ.

އައިއޭއީއޭ އިން ބުނީ ތެސާ ކަރަޖް ސެންޓްރިފިއުޖް ކޮމްޕޯނެންޓް އުފައްދަން ގާއިމްކޮށްފައި ހުރި ފެސިލިޓީ ނޫން އެހެން ތަންތަނަށް އޮފިޝަލުންނަށް ދެވުނު ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައި މި ވަނީ އިރާނުގެ ނިޔުކްލިއާ އެއްބަސްވުން އަލުން ތަންފީޒު ކުރުމާ ގުޅޭ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ގައުމުން ބުނެފައި ވަނިކޮށެވެ.

އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ ބައެއް ހަރަކާތްތައް މަޑު ޖައްސާލުމުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދޭން އެއްބަސްވީ 2015 ވަނަ އަހަރު އެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2018 ގައި އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލެއްވުމާއެކު އިރާނުން ވެސް ނިޔުކްލިއާ މަސައްކަތް އަލުން ފެށި އެވެ.

ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ބޭނުންވެވަޑައިގަންނަވަނީ އެއްބަސްވުން އަލުން ތަންފީޒު ކުރުމަށެވެ. އެކަމަކު އެކަމާ ގުޅޭ މަޝްވަރާތައް ވަކި ހިސާބަކުން ވަނީ ހުއްޓިފަ އެވެ.

އެމެރިކާ އާއި އިރާނާއެކު 2015 ވަނަ އަހަރު ހެދި ނިޔުކްލިއާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި އެހެން ގައުމުތަކަކީ ޗައިނާ، ރަޝިއާ، ޖަރުމަނު، ފްރާންސް އަދި އިނގިރޭސި ވިލާތެވެ.