Advertisement

ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ ސޮއިކޮށްފި

27 ސެޕްޓެންބަރު 2021 - 17:34 0

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ ސޮއިކޮށްފި

27 ސެޕްޓެންބަރު 2021 - 17:34 0

އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ ހަމަޖައްސައި, އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު މެންދުރު ފަހު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

އެސްޓީއޯ އިން ބުނީ ސާފް ޗެމްޕިއަންޝިޕް ފަދަ ފޯރިގަދަ މުބާރާތެއްގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި ހަމަޖެހިގެންދިއުމަކީ ކުންފުންޏަށް ލިބުނު ބޮޑު ފަހުރެއް ކަމަށެވެ.

އެސްޓީއޯ އަކީ ގައުމީ މި ފަދަ ކަންކަމުގައި އިސް ސަފުގައި ބައިވެރިވާ ކުންފުންޏެކެވެ. މީގެ ކުރިން ވެސް މި ފަދަ ބޮޑެތި މުބާރާތްތަކުގައި އެސްޓީއޯގެ ބައިވެރިވުން ބޮޑުކޮށް ފެނެ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ސްޕޮންސަރުންގެ ގޮތުގައި ދެން މިއަދު ސޮއިކުރީ ކޮކާކޯލާ، އެލައިޑް އިންޝިއުރެންސް އަދި އެމްޑަބްލިއުއެސްސީ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ މައި ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. އުރީދޫ އިން މީގެ ކުރިން ވަނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ލީގުގެ ސްޕޮންސަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

މީގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ވަނީ ސާފް ޗެމްޕިއަންޝިޕް ފަދަ ބޮޑު މުބާރާތެއް ހޯސްޓްކުރެވޭނީ ވީހާވެސް ގިނަ ބަޔެއްގެ އެއްބާރުލުން ލިބިގެން ކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް ގިނަ ކުންފުނިތަކަކުން މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ކާމިޔާބު ކަމާ އެކު މުބާރާތް ކުރިއަށްގެންދަން ލިބޭ ހިތްވަރެއްކަން ބައްސާމް ވަނީ ފާހަގަކުރައްވައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ބޯލްބޯއީންގެ ކިޓް ޕާޓްނަރެއްގެ ގޮތުގައި މިއަދު ހަމަޖައްސާފައިވަނީ ދިވެހި ކުންފުނި ކެޕްޓަން މޯލްޑިވްސް އެވެ. ކެޕްޓަން މޯލްޑިވްސް އަކީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބް ގްރީން ސްޓްރީޓްސްގެ ކިޓް ޕާޓްނަރެވެ.

ގައުމީ ޓީމުގެ ކިޓް ޕާޓްނަަރަކީ ދިވެހި ކުންފުންޏެއް ކަމަށްވާ އައިލެންޑް އެޕަރަލްސް އެވެ. މިއީ ގައުމީ ޓީމަށް ދިވެހި ކުންފުންޏަކުން ކިޓް ފޯރުކޮށްދޭ ފުރަތަމަ ފަހަރެެވެ. ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުން ބޭނުންކުރާ ޖޯޒީ ޕްރީއޯޑާ ކުރަން ވަނީ ހުޅުވާލައިފަ އެވެ. ޖޯޒީ ދައްކާލާނީ އަންނަ ބުރާސްފަތި ދުވަހު ބާއްވާ ހާއްސަ އިވެންޓެއްގަ އެވެ.

އަންނަ މަހު 1-16 އަށް ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ އޮންލައިން އެންޑް ޕީއާރް ޕާޓްނަރަކީ "އަދަދު" އެވެ. "އަދަދު" އިން ސާފް ޗެމްޕިއަންޝިޕަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ކުރަމުން އަންނައިރު، މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތުތައް ގެންނަން ހާއްސަ ސެކްޝަނެއް ވެބްސައިޓްގައި ވަނީ ފީޗާކޮށްފަ އެވެ. މީގެ އިތުރުން ވަރަށް އަވަހަށް ސާފް ޗެމްޕިއަންޝިޕަށް ހާއްސަ މެގަޒިން އެއް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމު ގަތަރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމަށް ފަހު މިއަދު ވަނީ ރާއްޖެ އަތުވެފަ އެވެ. ގައުމީ ޓީމު ކޭމްޕް ކުރީ ހޮޓެލް ޖެންގަ އެވެ.