Advertisement

މުއްދަތު ހަމަވާ ގަވައިދުތަކުގެ ބެލެނިވެރިކަން އަނެއްކާވެސް އިތުރުކޮށްދީފި

27 ސެޕްޓެންބަރު 2021 - 13:45 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް


މުއްދަތު ހަމަވާ ގަވައިދުތަކުގެ ބެލެނިވެރިކަން އަނެއްކާވެސް އިތުރުކޮށްދީފި

27 ސެޕްޓެންބަރު 2021 - 13:45 0

އާންމު ގަވައިދުތަކާބެހޭ ގާނޫނުގެ ޖަދުވަލް އެކަކާއި ދޭއްގައިވާ ގަވައިދުތަކުގެ ތެރެއިން މުއްދަތު ހަމަވާ ގަވައިދުތަކަށް އަހަރު ދުވަހުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ ވުޖޫދުކުރުމަށްފަހު، އޭރު ގާނޫނު ނުހެދި ހުރި ގަވައިދުތަކަށް ގާނޫނީ ބާރު ލިބިދިނުމަށް 2008 ވަނަ އަހަރު އާންމު ގަވައިދުތަކާބެހޭ ގާނޫނެއް ވުޖޫދުކުރި އެވެ.

އޭގެ ފަހުން، ވަކި ގާނޫނެއް ނުހެދި ހުރި ގަވައިދުތަކުގެ މުއްދަތު އަހަރަކު އެއް ފަހަރު މަޖިލީހުން އަންނަނީ އިތުރުކޮށްދެމުންނެވެ.

އެއާއެކު މިހާރު ގާނޫނު ހެދިފައި ހުރި ގަވައިދުތައް އުނިކޮށް، ބާކީ ހުރި ގަވައިދުތައް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރު ކުރުމަށް މަޖިލީހުގެ ގަވައިދު ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ކޮމިޓީގެ ރިޕޯޓު ހުށަހަޅުއްވަމުން، އެ ކޮމިޓީގެ މުގައްރިރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ އާންމު ގަވައިދުތަކާބެހޭ ގާނޫނުގެ ދެ ޖަދުވަލުގައި ހިމެނޭ ގަވައިދުތަކުގެ ތެރެއިން ގިނަ ގަވައިދުތައް ފައްތަންޖެހޭ ބައެއް ބިލުތައް މިހާރު މަޖިލީހަށް ހުށަހެޅިފައިވާއިރު، ބާކީ ހުރި ބިލުތަކުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން، އަންނަ އަހަރާ ހަމައަށް މުއްދަތު އިތުރުކޮށްދެވޭ ތާރީހުގެ ކުރިން އެ ގާނޫނުތައް އެކުލަވާލުމުގެ މަސައްކަތް ނިންމައި، މަޖިލީހުން ފާސްކުރެވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް އާމިރު ވިދާޅުވި އެވެ.

އެއާއެކު، އާންމު ގަވައިދުތަކާބެހޭ ގާނޫނުގެ ޖަދުވަލް އެކަކާއި ދޭއްގައިވާ ގަވައިދުތަކުގެ މުއްދަތު އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް މަޖިލީހުން އިތުރުކޮށްދީފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުންގެ އިއްތިފާގުންނެވެ.

މައްސަލައިގެ ހުލާސާ

މީގެ 14 ވަރަކަށް އަހަރު ކުރިން އާންމު ގަވައިދުތަކާބެހޭ ގާނޫނު ވުޖޫދުކުރި އިރު، ޖަދުވަލު އެކެއްގައި ޖުމްލަ 66 ގަވައިދެއް ހިމެނި އެވެ. އަދި ޖަދުވަލު ދޭއްގައި ޖުމްލަ 17 ގަވައިދެއް ހިމެނި އެވެ.

އޭގެ ފަހުން، އެ ޖަދުވަލުތަކުގައި ހިމެނި ގަވައިދުތަކަށް ގާނޫނު ހެދުމުގެ މަސައްކަތް ކުރަމުން އައިސް، ޖަދުވަލު އެކެއްގައި ހިމެނި ގަވައިދުތަކުގެ ތެރެއިން ގާނޫނު ނުހެދި ހުރި ގަވައިދުތަކުގެ އަދަދު މިހާރު ވަނީ 16 އަށް ތިރިކުރެވިފަ އެވެ.

އަދި ޖަދުވަލު ދޭއްގައި ހިމެނި ގަވައިދުތަކުގެ ތެރެއިން ގާނޫނަކަށް ނުފައްތައި މިހާރު އޮތީ އެންމެ ތިން ގަވައިދެވެ.