Advertisement

ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ބުދަ ދުވަހު ވިއްކަން ފަށަނީ، ޓިކެޓު ގަންނަން ވެކްސިން ކާޑު ބޭނުންވާނެ

27 ސެޕްޓެންބަރު 2021 - 14:01 4


ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ބުދަ ދުވަހު ވިއްކަން ފަށަނީ، ޓިކެޓު ގަންނަން ވެކްސިން ކާޑު ބޭނުންވާނެ

27 ސެޕްޓެންބަރު 2021 - 14:01 4

އަންނަ ހުކުރު ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ބުދަ ދުވަހު ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އެފްއޭއެމް އިން ބުނީ ބުދަ ދުވަހު ހެނދުނު 10:00 އިން ފެށިގެން ގަލޮޅު ރަސްމީ ދަނޑުން ވިއްކާނީ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓުތައް ކަމަށެވެ. އަދި ކޮންމެ "މެޗު-ޑޭ" އެއްގެ ޓިކެޓުތައް ވެސް ވިއްކާނީ އެ "މެޗު-ޑޭ"އެއްގެ ކުރިން ކަމަށެވެ.

އެގޮތުން، ބުދަ ދުވަހު ހެނދުނު ވިއްކާނީ ހުކުރު ދުވަހު ހަވީރު ސްރީލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗާއި، އެރޭ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗު ޓިކެޓެވެ.

ރާއްޖެ ކުޅޭ މެޗުތަކުގެ ޓިކެޓު ކޮންމެ "މެޗު-ޑޭ"އެއްގެ ކުރިން ވިއްކާނީ އޮލިމްޕަސް ކުރިމައްޗަށް އިންނަ ޓިކެޓު ކައުންޓަރުންނެވެ.

ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ބަންގްލަދޭޝާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގެ ޓިކެޓު ވިއްކާނީ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހާއި ހަ ވަނަ ދުވަހެވެ. ތިން ވަނަ މެޗުގައި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، އެ މެޗުގެ ޓިކެޓު ވިއްކާނީ އޮކްޓޯބަރު އަށް ވަނަ ދުވަހާއި އަދި ނުވަ ވަނަ ދުވަހެވެ. އިންޑިއާ އާއި ރާއްޖެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާ މެޗު ޓިކެޓު ވިއްކާނީ އޮކްޓޯބަރު 11 އަދި 12 ވަނަ ދުވަހެވެ.


ސާފް ޗެމްޕިއަންޝިޕަށް ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100ރ އަށެވެ. ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75.ރ އެވެ.

އެފްއޭއެމް އިން ބުނީ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ވިއްކާނީ، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އެެހެންކަމުން، ޓިކެޓު ވިއްކާނީ ވެކްސިން ކާޑު އޮތް ފަރާތްތަކަށް ކަމަށް އެފްއޭއެމް އިން ބުނެ އެވެ. އަދި މެޗަށް ވަންނައިރު ވެސް، ވެކްސިން ކާޑު ބޭނުން ވާނެ ކަމަށާއި މާސްކް އެޅުން މަޖުބޫރުވާނެ ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

ލީގު ބުރު ނިމުމުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއްގެ މެދުގައި ފައިނަލް ކުޅޭނީ އަންނަ މަހު 16 ވަނަ ދުވަހުގެރޭ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ނުކުންނާނީ މުޅިން ދިވެހި ޓީމަކާ އެކު އެވެ. ކޯޗިން ޓީމު ވެސް ވަނީ ދިވެހި ކޮށްލައިފަ އެވެ. ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކާމިޔާބު ކޯޗު އަލީ ސުޒޭންއާ އެވެ. ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ގަތަރު ޓްރެއިނިން ކޭމްޕްގައި އަދި ބައިވެރިނުވެ އެވެ. އެހެންވެ، ޓީމު ލީޑުކުރަނީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ.

ސުޒޭން ވަނީ މި ފަހަރުގެ ސާފްގެ ޝެޑިއުލަށް ބަލާއިރު އެންމެ ރަނގަޅަށް އޮތީ ރާއްޖެ އަށް ކަމަށް ބުނެފަ އެވެ.