Advertisement

އެސްއޯފްއާ ގުޅުވައި ހޫނު ސުވާލުތަކެއް ޕީޖީއަށް: "ސްޓޭންޑް ބަދަލުވެދާނެތަ؟"

27 ސެޕްޓެންބަރު 2021 - 13:58 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ފަނޑިޔާރު ކުރެއްވި ސުވާލަކަށް ޖަވާބު ދިނުމަށް ދައުލަތުގެ ވަކީލުން މަޝްވަރާ ކުރަނީ: ދައުލަތުގެ ސްޓޭންޑާ ގުޅޭ ގޮތުން ސުވާލު ކުރި


އެސްއޯފްއާ ގުޅުވައި ހޫނު ސުވާލުތަކެއް ޕީޖީއަށް: "ސްޓޭންޑް ބަދަލުވެދާނެތަ؟"

27 ސެޕްޓެންބަރު 2021 - 13:58 0

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގައި ފައިސާ ދޮންނަން ގެންގުޅުނު އެސްއޯއެފްއަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އޮތީ ނިންމާފަ އެވެ. އެއީ, އެހެން މީހުންގެ މައްޗަށް ދައުވާ ކުރުމަށް އެ ކުންފުނީގެ ފަރާތުން ހެކި ހޯދުމަށެވެ. އެ ނިންމުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލުންނާ މިއަދު ކުރިމަތިވީ ހޫނު ސުވާލުތަކެވެ.

އެ ކޮރަޕްޝަންގެ ތެރެއިން ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާ ވަނީ ގެއްލިފަ އެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި, އެ ފައިސާ އެސްއޯއެފްއަށް ޖަމާވުމުން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާކުރީ އެވެ. އެހެންވެ, އެއީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ބަލައި, އަދި, އެ ފައިސާއިން ޔާމީން މަންފާ ހޯދާފައިވާތީ މަނީލޯންޑާކޮށްފައިވާ ކަމުގެ ދައުވާ ޔާމީންގެ މައްޗަށް ކުރީ އެވެ.

އެ ދައުވާ ސާބިތުވެ, ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު, މިހާރު މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ. މީގެކުރިން ދިގު އަޑުއެހުންތަކެއްގައި ޔާމީނާއި ދައުލަތުން ގިނަ ވާހަކަތަކެއް ދައްކާފައި ވެ އެވެ. މިއަދުގެ އަޑުއެހުން ހާއްސަވީ ފަނޑިޔާރުން އަމާޒުކުރި ސުވާލުތަކަށެވެ.

އެގޮތުން, އެންމެ ފުރަތަމަ ވެސް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ހޫނު ސުވާލުތަކެއް ދައުލަތަށް އަމާޒު ކުރެއްވި އެވެ. ފަނޑިޔާރު އެންމެ ފުރަތަމަ ވެސް ސުވާލު ކުރެއްވީ, ޔާމީންގެ މައްޗަށް ސާބިތުވި ކުށް އުފަންވި ގޮތުގެ ތަރުތީބާ ގުޅޭ ގޮތުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުފަލް ވިދާޅުވީ, މަނީލޯންޑްރިންގެ ކުށް އުފަންވީ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމާއެކު, އޭގައި ޝައްކުތައް އުފެދުނު ހިސާބުން ކަމަށެވެ. އޭގެކުރިން އެސްއޯއެފް މެދުވެރިކޮށް އެހެން ބަޔަކު ރިޝްވަތާއި ކޮރަޕްޝަންގެ ކުށް ހިންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ކުށްތަކާއި މަނީލޯންޑްރިން ކުށާ ގުޅެނީ ކިހިނެއްތޯ އާއި ފުރަތަމަ ކޮށްފައިވާ ކުށްތަކަށް ފިޔަވަޅު ނާޅާ ފަހުން ކުރާ ކުށަށް އަދަބު ދެވިދާނެތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ, މި މައްސަލާގައި މަނީލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް ސާބިތު ކުރުމަށް އޭގެ ކުރިން ހިނގާފައިވާ ކުށްތައް ސާބިތުކޮށްދޭން ގާނޫނުގައިވާ ގޮތުން, ނުޖެހޭ ކަމަށެވެ.

"އެސްއޯފްއަށް ދައުވާ ނުކުރާނެ, އެމީހުންގެ މައުލޫމާތު މާ މުހިންމު"

ވަކީލް ޖަވާބާއެކު ފަނޑިޔާރު އިތުރު ސުވާލެއް އަމާޒު ކުރެއްވި އެވެ.

"އެހެންވީމަ އޭގެ މާނައަކީ ފުރުސަތު އެބަ އޮތޭ އެސްއޯއެފްގަ ޝާމިލްވާ ފަރާތްތަކަށް މުސްތަގުބަލުގައި ފިޔަވަޅު ނޭޅުމަށް, އެހެންތޯ ތިޔަ ވިދާޅުވަނީ؟, މި ކުށް ސާބިތުވިޔަސް އޭގެ ކުރިން ހިނގާފައިވާ ކުށްތަކަށް ފިޔަވަޅު ނޭޅިޔަސް އެއީ މައްސަލައެއް ނޫނޭ ކަމަށް ތޯ ތިޔަ ވިދާޅުވަނީ؟," އަޒްމިރަލްދާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ވަކީލް ވިދާޅުވީ, ކުރީގައި ކޮށްފައިވާ ކުށްތަކުގައި ޝާމިލުވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތު ކަމާއި އެމީހުންގެ އަމިއްލަ އިއުތިރާފުގެ މައްޗަށް މިހާރު ކުށް ސާބިތުވެ, އެ ނިހާއީ ހުކުމްތަކަށްވެފައިވާ ކަމަށެވެ. ނަމަވެސް, އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

އެހެން ނިންމި ސަބަބު ފަނޑިޔާރު އަޒްމިރަލްދާ އޮޅުންފިލުއްވި އެވެ.

އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމީ, ވަކީލް ނައުފަލް ވިދާޅުވި ގޮތުގައި ފައިސާ ލިބުނު މީހުންނާއި ލިބުނު ގޮތް ހޯދެން އޮތީ އެމީހުންގެ އެއްބާރުލުން ހޯދައިގެން ކަމަށްވާތީ އެވެ. އެހެންވެ, އާންމު މަސްލަހަތު އޮތީ އެމީހުންގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް އެމީހުންގެ އެއްބާރުލުން ހޯދުން ކަމަށް ވަކީލް ވިދާޅުވި އެވެ.

ފަނޑިޔާރު އަޒްމިރަލްދާ ދައުލަތާ ސުވާލު ކުރައްވަނީ


އަނެއްކާވެސް އަޒްމިރަލްދާ ތަކުރާރު ކުރެއްވީ ކުރިން ކުރެއްވި ސުވާލެވެ. ކުށް ފެށިގެން އައީ ކިހާ ހިސާބުންތޯ އެވެ.

"ކާކުތޯ މިކަން ފެށީ,"

އެސްއޯއެފް މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާއިރު, ކުށް ކުރީ ކޮން ބައެއްކަން ދައުލަތުން ސާފުކޮށް ބުނުމަށް އަޒްމިރަލްދާ އެންގެވި އެވެ.

ޖަވާބުގައި ވަކީލް ވިދާޅުވީ މަނީލޯންޑްރިންގެ ގާނޫނު އޮތީ, ފައިސާ ހޯދީ ކޮން ކުށެއްކޮށްގެންކަން ސާބިތުކޮށް ދޭން ޖެހޭ ގޮތަށް ނޫން ކަމަށެވެ. ނަމަވެސް, އެ ފައިސާއާމެދު ޝައްކެއް އޮވެއްޖެނަމަ, މަނީލޯންޑްރިންގެ ކުށް އެ ހިސާބުން ފެށޭ ކަމާއި ދައުލަތުން ސާބިތުކޮށްދޭން ޖެހެނީ ވެސް ޝައްކެއް އޮތް ކަމާއި އެކަން ދައުވާ ލިބޭ މީހާއަށް އެނގޭކަން ކަމަށެވެ.

މި މައްސަލާގައި އެކަން ސާބިތުވާކަން ނައުފަލް ފާހަގަ ކުރައްވަމުން ގެންދެވި އެވެ.

އެސްއޯއެފްގައި ހުރީ ހުސް ކޮށްގެން ހޯދި ފައިސާ؟

ދެން ފަނޑިޔާރު އަޒްމިރަލްދާ ސުވާލު ކުރެއްވީ އެސްއޯއެފްގައި ހުރި ފައިސާތަކާ ގުޅޭ ގޮތުންނެވެ.

"އެސްއޯއެފްގައި މުޅިން ވެސް ހުރީ ކުށްކޮށްގެން ހޯދި ފައިސާތޯ؟, އިތުރު ބަޔަކަށް އެސްއޯއެފްއިން ފައިސާ ލިބިގެން ދައުވާ ކޮށްފައިވޭތޯ؟,"

ނައުފަލް ފާހަގަ ކުރެއްވި ގޮތުގައި އޭސީސީގެ ކުރީގެ އިންވެސްޓިގޭޝަން އޮފިސަރު އަބްދުالله އާޒިމާއި ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ވަނީ ދައުވާ އުފުލާފަ އެވެ. އެހެން ބައެއް މީހުންގެ މައްޗަށް ވެސް ތަހުގީގު ދަނީ ކުރިއަށް ކަމަށެވެ.

އެސްއޯއެފްގެ ފައިސާތަކާ ގުޅޭ ގޮތުން ނައުފަލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއެކު އެ ކުންފުނިން ވަނީ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައި ކަމާއި އޭގެ ކުރިން އެއީ ބޮޑެތި މުއާމަލާތްތައް ހިންގާ ކުންފުންޏެއް ނޫން ކަމަށެވެ.

ދައުލަތުގެ ވަކީލް ނައުފަލް ސުވާލުތަކަށް ޖަވާބު ދެއްވަނީ


މި މައުލޫގައި ޔާމީން ވެސް ވާހަކަ ދެއްކެވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި, އެމަނިކުފާނުގެ އެކައުންޓަށް ފުރަތަމަ ފަސް ލައްކަ ޑޮލަރު އެސްއޯއެފްއިން ޖަމާކުރިއިރު, އެ ކުންފުނީގެ އެކައުންޓަށް ވޮޑުމުލާގެ ފައިސާ ކަަމަށް ބުނާ އެއް މިލިއަން ޑޮލަރު ޖަމާވެފައިނުވާ ކަމަށެވެ.

އޭރު ކުންފުނީގެ އެކައުންޓްގައި ހުރީ ނުވަ ލައްކައެއްހާ ޑޮލަރުކަން އެނގޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް, ދެވަނަ ޗެކް ޖަމާކުރި ވޮޑުމުލާ ކަމަށް ބުނާ ފައިސާ ޖަމާވެފައިވީ ނަމަވެސް, އޭގެ ތެރެއިން އެ ފައިސާ ވަކި ކުރަނީ ކިހިނެއް ކަމާމެދު ޔާމީން ސުވާލު އުފެއްދެވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި, ވޮޑުމުލާގެ ފައިސާ ޖަމާވިިއިރު އެ އެކައުންޓްގައި ހަތަރު ލައްކަ ކޮންމެ ވެސް ވަރަކަށް ޑޮލަރު ހުރި ކަމެވެ. ފަސް ލައްކަ ހަމަކުރަން ބޭނުންވާނީ 19,000 ޑޮލަރު ކަމަށެވެ.

އެހެންވެ, ވޮޑުމުލާގެ ފައިސާ އެމަނިިކުފާނުގެ އެކައުންޓަށް ޖަމާވި ކަމަށް ބެލި ނަމަވެސް, އެއީ ހަމަ އެންމެ 19,000 ޑޮލަރުކަން ޔާމީން ފާހަގަ ކުރެއްވި އެވެ.

"އެހެންވީމަ ތަގައްޔަރުވެފައިވާ ޖާޑިއަކުން މި ފައިސާ ނަގާފަ ހުރި ނަމަވެސް ފެންނަން ހުރި ހަގީގަތްތަކެއްގެ ވާހަކަ މި ދަންނަވަނީ," ޔާމީން ވިދާޅުވި އެވެ.

ނަމަވެސް, ދައުލަތުގެ ސްޑޭންޓަކީ އެސްއޯއެފްގައި ހުރި ފައިސާއަކީ ކުށްކޮށްގެން ހޯދައި އޭގެން މަންފާ ހޯދާފައިވާ ފައިސާ ކަމުގައިކަން ނައުފަލް ވަނީ ވިދާޅުވެފަ އެވެ. އެހެންވެ, ވޮޑުމުލާގެ ފައިސާ ޖަމާވުމުގެ ކުރިން އެކައުންޓްގައި ހުރި ފައިސާ ވެސް ދައުލަތުން ވަނީ ޝައްކު އުފެދިފައިވާ ފައިސާގެ ގޮތުގަ އެވެ.

އެއީ, ދައުލަތުގެ ސްޑޭންޓެވެ.

"ތިޔަ ބޭފުޅުން ސްޓޭންޑް ބަދަލުވުމުގެ ހިސްޓްރީއެއް އެބަ އޮތް"

ފަނޑިޔާރު އަޒްމިރަލްދާ ދެން ސުވާލު އަމާޒު ކުރެއްވީ ދައުލަތުން ކުރީގައި އަމަލުކޮށްފައިވާ ބައެއް ކަންކަމަށް ރިއާޔަތްކޮށް, ދައުލަތުގެ ސްޓޭންޑާ ގުޅޭ ގޮތުންނެވެ.

"މި މައްސަލާގައި މުސްތަގުބަލުގައި އިހުތިމާލު އެބަ އޮތްތޯ ތިޔަ ބޭފުޅުން މިހާރު ތި ނަންގަވާ ސްޓޭންޑް ބަދަލު ކުރެއްވުމުގެ؟, ތިޔަ ބޭފުޅުންގެ ހިސްޓްރީއެއް އޮވޭ ދެއްތޯ ސްޓޭންޑް ބަދަލުވުމުގެ, އެހެންވެ, އަޅުގަނޑުގެ ސުވާލަކީ މި މައްސަލާގައި އެފަދަ އިހުތިމާލެއް އޮންނާނެތޯ މުސްތަގުބަލުގަ؟," ފަނޑިޔާރު އެއްސެވި އެވެ.

ވަކީލް ވިދާޅުވީ, ސްޓޭންޑް ބަދަލުވާން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެއީ, ޔާމީންއާ ދެކޮޅަށް ހުރި ކަންކަން ބަދަލުވާނެ ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޮޑުމުލާގެ ފައިސާއާ ގުޅޭ ސުވާލު

މަނީލޯންޑްރިންގެ ދައުވާ ސާބިތުކުރުމަށް ޔާމީންގެ އެކައުންޓަށް ޖަމާވީ ސީދާ ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބެން ޖެހޭ ފައިސާކަން ސާބިތުކޮށްދޭން ދައުލަތަށް ނުޖެހޭ ކަމަށް އަންނަނީ ބުނަމުންނެވެ. ނަމަވެސް, ޔާމީންގެ ފަރާތުން އެކަމާ ދެކޮޅު ހަދައި, އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމާއި އެކަން ދައުލަތަށް ކުރެވިފައިނުވާ ކަމަށް އަންނަނީ ބުނަމުންނެވެ.

ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒުގެ ސުވާލު އަމާޒު ކުރެއްވީ އެކަމާ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި, މަނީލޯންޑްރިންގެ ގާނޫނު އޮތް ގޮތުން ދައުލަތަށް ސާބިތުކޮށްދޭން ޖެހެނީ ކުށް ކޮށްގެން ހޯދި ފައިސާއެއް ކަމަށް ތުހުމަތުވާ ކަމެވެ. އެއީ, ވަކި ކުށެއް, ނުވަތަ މި މައްސަލައަށް ބަލާނަމަ, ވޮޑުމުލާގެ ފައިސާކަން ބުނެދޭން ނުޖެހެ އެވެ.

"ވޮޑުމުލާކަން ނޭނގި ކިހިނެއްތޯ އެ ކޮރަޕްޝަނަށް ވަނީ؟, ދައުލަތަށް ވަންނަން ޖެހޭ އެހެން ފައިސާއެއްތޯ މި އުޅެނީ؟ ކިހިނެއްތޯ މިވަނީ؟," މަހާޒު އެއްސެވި އެވެ.

ނައުފަލް ތަކުރާރު ކުރެއްވީ ކުރިން ވެސް ދެއްވި ޖަވާބެވެ. ވޮޑުމުލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭ ކަމެވެ. އެހެން ނަމަވެސް, ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެއްކާއި އަދީބާއި ޒިޔަތުގެ ހެކި ބަހަށް ބަލާއިރު, ޔާމީންގެ އެކައުންޓަށް ވަތް ފައިސާއަކީ ވޮޑުމުލާގެ ފައިސާކަން ބަޔާންކޮށްދެވޭ ކަމަށް ނައުފަލް ވިދާޅުވި އެވެ.

މަހާޒު ދެން ސާފު ކުރެއްވީ ޔާމީންގެ އެކައުންޓްތަކުގެ މިހާރުގެ ސްޓޭޓަސްއާ ގުޅޭ ގޮތުންނެވެ. ނައުފަލް ވިދާޅުވި ގޮތުގައި އެސްކްރޯ އެކައުންޓަށް ޔާމީން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެ ހުރި ގޮތަށް އެބަ ހުއްޓެވެ. އަދި, އިންވެސްޓްމެންޓް އެކައުންޓަށް ޖަމާކުރި, ދައުވާ ކުރެވޭ އެއް މިލިއަން ޑޮލަރު ވެސް އެ ހުރި ގޮތަށް އެބަހުރި ކަމަށް ވަކީލް ވިދާޅުވި އެވެ.

އެ ފައިސާއާ ގުޅޭ ގޮތުން އިތުރު ތަހުގީގެއް ކުރަމުންދޭތޯ ވެސް އެއްސެވި އެވެ. ވަކީލް ވިދާޅުވީ އެއް މިލިއަން ޑޮލަރާ ސީދާ ގުޅޭ ތަހުގީގެއް ނުހިނގާ ކަމަށާއި ނަމަވެސް, މަންފާ ހޯދި ފައިސާއާ ގުޅޭ ތަހުގީގުތަކެއް ކުރިއަށްދާ ކަމަށެވެ.

ފައިސާ ހޯދަން އަދީބާ, ޔާމީން ކުރެއްވި މުއާމަލާތް

ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރަން އެސްއޯއެފްއަށް އެނގުނީ ކިހިނެއްތޯ މަހާޒު އެއްސެވި ސުވާލަށް ޔާމީން ޖަވާބު ދެއްވައި, އަދީބާއެކު މުއާމަލާތް ހިންގެވި ގޮތް ކިޔައިދެއްވި އެވެ.

އެގޮތުން, ޔާމީން ވިދާޅުވި ގޮތުގައި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާއެކު އަދީބުގައި އަތުގައި ހުރި އެމަނިކުފާނުގެ ފައިސާ އަނބުރާ ދިނުމަށް ފޯނުން ގުޅުއްވައި އެންގެވި އެވެ. އެ އެންގެވުމާ އެއްގޮތަށް ނަގުދު ފައިސާއިން އަދީބު ފައިސާ ބޭންކަށް ޖަމާކުރަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް, ބޭންކުން އެކަމަށް ފުރުސަތު ނުދިނީ ކަމަށެވެ.

އެހެންވެ, ޗެކަކުން ފައިސާ ޖަމާކުރަން ފަސޭހަވާނެ ކަމަށް އަދީބު ބުނުމުން, އެކައުންޓް ނަންބަރު ފޯނުން ގުޅުއްވައި ދެއްވީ ކަމަށް ޔާމީން ވިދާޅުވި އެވެ. އޭރު ވެސް އަދީބު ފައިސާ ޖަމާކުރަން އުޅެނީ އެސްއޯއެފްއިން ކަމެއް އެމްއެމްޕީއާރްސީއާ ގުޅުން ހުރި ފައިސާއެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި, އަދީބާއެކު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގެ ލިޔެކިޔުމެއް ނެތެވެ. އެއީ, އެމެނިކުފާނުގެ އެކައުންޓްތައް ބެލެހެއްޓުމުގައި އަދީބު މަސައްކަތްކުރި ކަމާއި އެހެންވެ, އެކައުންޓް ބަލަހައްޓާ މީހާއާއެކު ކުރެވޭ ކޮންމެ މުއާމަލާތެއް ލިޔުމުން ނޯންނާނެ ކަމަށެވެ. އެއީ ގިނަ ފަހަރަށް ފޯނުން ގުޅައިގެން ނިންމާ ކަންކަން ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަނީ


ޔާމީން ވިދާޅުވި ގޮތުގައި, އެސްއޯއެފްގެ އެއްވެސް މީހަކާ އެއްވެސް އިރެއްގައި މުއާމަލާތް ކޮށްފައިނުވާނެ އެވެ. ނަމަވެސް, އެމަނިކުފާނުގެ އެކައުންޓަށް ޗެކް ވެދަވެފައިވަނީ އެސްއޯއެފްއިންކަން އޭސީސީގެ އޭރުގެ ރައީސް ހަސަން ލަތީފް ފޯނުން ގުޅުއްވައި ވިދާޅުވުމުން, އެކަން ތަހުގީގު ކުރުމަށް އެންގެވި ކަމަށް ޔާމީން ވިދާޅުވި އެވެ.

އޭގެފަހުން އެމަނިކުފާނުގެ މައުލޫމާތު އޭސީސީން ސާފުކުރި ކަަމަށާއި ނަމަވެސް, ފަހުން އެކަމާ ގުޅޭ އެއްވެސް ތަހުގީގެއް ހިންގި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ފަހުން އޭގެ ފްލޯއަޕެއް ހަދައި ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އާ ހެކި ހުށަހެޅުމާއި ކަފާލާތުގެ ބަހުސް އަންނަ ތާރީހުގައި

މި މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ މި ފެށޭ މަހުގެ ހަތަރުވަނަ ދުވަހު އެވެ.

ފަނޑިޔާރު މަހާޒު ވިދާޅުވި ގޮތުގައި އެ އަޑުއެހުމުގައި ފުރަތަމަ އޮންނާނީ ޔާމީންގެ ފަރާތުން މަތީ ކޯޓަށް ހުށަހަޅަން ބޭނުންވާ އާ ހެކިތައް ހުށަހެޅުމެވެ.

އެއަށްފަހު, ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމާއެކު, ބަހުސްކުރުން އޮންނާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މި މައްސަލާގައި މިއަދުގެ ތިން ގަޑިއިރުގެ ޝަރީއަތުގެ އަޑުއެހުމާއެކު މިހާތަނަށް ހަތް އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިއީ މިފަހުން ސުޕްރީމް ކޯޓުގައި އެންމެ ގިނަ އަދި ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންދާ ޝަރީއަތެވެ.