Advertisement

ލަވަކިޔުންތެރިޔާ ޝަހުބާން ނިޔާވެއްޖެ

27 ސެޕްޓެންބަރު 2021 - 09:56 0


ލަވަކިޔުންތެރިޔާ ޝަހުބާން ނިޔާވެއްޖެ

27 ސެޕްޓެންބަރު 2021 - 09:56 0

މުޅި ރާއްޖެ އަށް މަޝްހޫރުވެގެން ދިޔަ "ރީތި ނަލަނަލަ ހަނދެއް ކުރީ އަލީގައި" ލަވަ ކީ ހުނަރުވެރި މިއުޒިކީ ފަންނާނު މއ. ތަބައްގޭ މުހައްމަދު ޝަހުބާން އުމުރުން 53 އަހަރުގައި ރޭ ނިޔާވެއްޖެ އެވެ.

ރާއްޖެ ދުށް އެންމެ ހުނަރުވެރި އަތުލިޔުންތެރިޔާ އަލީ ފަހުމީ (ތަބައްއަލިފުޅު(ގެ ކާފަދަރިއެއް ކަމަށްވާ ޝަހުބާން ނިޔާވިކަން އެނގުނީ ރޭ މަޣްރިބު ނަމާދަށް ވުޟޫކުރަން ފާހަނާއަށް ވަދެ، ނުނުކުމެ ގިނަ އިރު ވެގެން ވަދެ ބެލި އިރު އެވެ.

ޝަހުބާންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ޝަހުބާން ލަވަ ކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވީ 1990ގެ އަހަރުތަކުގައި މާލޭގައި ބޭއްވި ގެލެކްސީ ޝޯތަކުންނެވެ. އެ ޝޯތަކުގައި އޭނާ ތައާރަފުކުރީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރުއާ އެއް ސްޓައިލަކަށް ލަވަ ކިޔާ ޒުވާނެއްގެ ގޮތުގަ އެވެ.

އޭގެ ފަހުން ދިވެހިރާއްޖޭގެ އަޑާ ގުޅި އެ ސްޓޭޝަނުން އުފެއްދި "ވޭވްސް" ބޭންޑުގައި މަސައްކަތްކުރި އެވެ. އެ ބޭންޑުން ނެރުނު "ހިތުކޫރު" އަލްބަމުގައި އޭނާގެ ލަވަތައް ހިމެނެ އެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް އަލީ (ކުޑައިއްބެ) ވިދާލި "އެދެމޭ ކަލާޔާ" ލަވައިގައި ވެސް ޝަހުބާންގެ ބައިވެރިވުން އޮތެވެ.

އެކަމަކު ޝަހުބާންގެ އެންމެ މަޝްހޫރީ، ކުރީގެ ވަޒީރު އަބްދުއްރަޝީދު ހުސެއިން ހެއްދެވި "ރީތި ނަލަނަލަ އަލެއް ކުރީގާ" ލަވަ އެވެ. އެ ލަވައަކީ ޝަހުބާންގެ އަޑާ ގުޅޭ މަޑުމައިތިރި، އަސަރުގަދަ ލަވަ އެކެވެ.

ފަހުން ޝަހުބާން މަސައްކަތްކުރަމުން އައީ ނެޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ) ގަ އެވެ. ކުރީގެ ބައެއް ލަވަ ކިޔުންތެރިން ހިމަނައިގެން ޝޯތައް ވެސް އިންތިޒާމުކުރި އެވެ. އަދި އޮލިމްޕަހުގެ ޓެކްނިކަލް ކަންކަން ވެސް ބެލެހެއްޓި އެވެ. ރަސްމީކޮށް ލަވަކިޔުމާ ދުރުގައި ހުރި ނަމަވެސް، ދޭތެރެއަކުން އޭނާ ބޭންޑާ އެކު ލަވަ ކިޔަ އެވެ.

"އޭނާ އަކީ ރާއްޖޭގެ މިއުޒިކުގެ ލެޖެންޑެއް،" ކުޑައިއްބެ ބުންޏެވެ.