Advertisement

މުޅި މާލެ އާޝޯހުކޮށްލި އައްޑޫ ޑީއެންސީގެ ރީތި ކުޅުން

27 ސެޕްޓެންބަރު 2021 - 08:14 1

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

ޑީއެންސީގެ ލެޖެންޑަރީ ކުޅުންތެރިޔާ އުދުހޭ މުފީދު (ކ) އަދި ޑީއެންސީގެ ޓީމުގެ ގްރޫޕް ފޮޓޯއެއް.


މުޅި މާލެ އާޝޯހުކޮށްލި އައްޑޫ ޑީއެންސީގެ ރީތި ކުޅުން

27 ސެޕްޓެންބަރު 2021 - 08:14 1

"އަޅުގަނޑު ދުވަހަކު ވެސް މިހާ ރީތި ފުޓްބޯޅައެއް ނުދެކެން،"

މިއީ 1969 ވަނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުގައި މާލޭ އެމް އޯކިޑް ކްލަބް އަތުން 3-1 އިން އައްޑު އަތޮޅު ގަންފޭދޫ ޑީއެންސީ މޮޅުވި މެޗަށް ފަހު، ކުޅިބަލާ މީހުން އެނބުރި ގެޔަށް ދިޔަ މަގުމަތީގައި އެއް އަޑަކުން ބުނަމުން ދިޔަ ވާހަކަ އެވެ.

އެ މީހުން އިޝާރާތްކުރި ކަމަށް، "ވިޔަފާރި މިއަދު" ނޫހުގައި ލިޔެފައި އެއޮތީ ޑީއެންސީން ދެއްކި ރީތި ކުޅުމަށެވެ. ހުދު އެ ނޫހުގެ ރިޕޯޓަރު ސައިކުރާ އިބްރާހިމް ނައީމް ވެސް އަމިއްލަ އިބާރާތުން ލިޔުއްވި ގޮތުގައި "ފުޓްބޯޅަ އަކީ ރީތިކޮށްންނާއި ހުތުރުކޮށް ކުޅެވިދާނެ ކުޅިވަރެއްކަން މިހާރު އެނގިއްޖެ" ކަމަށެވެ.

"ޑީއެންސީގެ އެހެރަ ރީތި ބަހާލުންތަކާއި ފުޓްބޯޅައިގެ އެކިއެކި އުކުޅުތައް ހާމަކޮށްލަދިންލެއް ހާދަ ފުރިހަމަ އެވެ،"

އެ ނިމުނީކީ ނޫނެވެ. އޭނާ ދެން ލިޔުއްވި ގޮތުގައި "ޑީއެންސީން ރަސްމީ ބިމުގައި ތަމްސީލުކޮށްލި ޗާލު ފުޓްބޯޅައަކީ މިއިން ދުވަހަކު މާލެއިން ފެނިގެން ނުދާ ފަދަ މޮޅު، ކުށް މަދު، ބަލާހިތްވާ ކަހަލަ ފުޓްބޯޅައެއް" ކަމަށެވެ.

"ޑީއެންސީގެ އަގުހުރި ކާމިޔާބީ އަކީ މުޅި މާލޭގެ ހިތްތައް އެ މީހުން އަތުލައިގަތް ކާމިޔާބީއެއް" ކަމަށް، ރާއްޖެ ދުށް އެންމެ ހުނަރުވެރިއެއް އެއް ލިޔުންތެރިޔާ އެ ސިފަކުރެއްވީ ސަބަބެއް ނެތިއެއް ނޫނެވެ.

ގަމުގައި އިނގިރޭސިން ބޭއްވި މުބާރާތެއްގައި ވާދަކުރި ޑީއެންސީގެ ޓީމު. --ފޮޓޯ: ކޮށިސޮރަ ހައުސް ކަލެކްޝަން


ޑީއެންސީން އެ ދުވަހު ތިރިން ޕާސްކޮށްގެން ކުޅުނު އިސްޓައިލަކީ، ދިވެހި ފުޓްބޯޅައަށް މުޅިން އާ އިސްޓައިލެކެވެ. އެހެންވެ، އިބްރާހިމް ހަސަން މަނިކުފާނުގެ މަސްއޫލުވެރިކަމުގައި އުފެއްދި ޑީއެންސީ އަކީ ވަރަށް ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ދިވެހި ފުޓްބޯޅަ އަށް ތިރިން ޕާސްކޮށްގެން ކުޅޭ ރީތި ފުޓްބޯޅަ ތައާރަފުކުރި ކްލަބެވެ. ޑީއެންސީގެ އޭރުގެ ކެޕްޓަން އަދި ކުޅަދާނަ ފޯވާޑް އަބްދުﷲ މުފީދު (އުދުހޭ މުފީދު) "ހަވީރަ"ށް ދިން އިންޓަވިއުއެއްގައި ބުނީ ފުޓްބޯޅައަކީ ކިހިނެއް ކުޅޭ އެއްޗެއްކަން އެހެން މީހުންނަށް ކިރިޔާ ދަސްވާން ފެށީ ވެސް އެ ޓީމު މާލެ އައިސް ދެއްކި އެ ކުޅުމުން ކަމަށެވެ.

ދިވެހިރާއްޖެ އަށް އޭގެ ތިރީހަކަށް އަހަރު ކުރިން، 1940 ގެ އަހަރުތަކުގެ ކުރީކޮޅު ފުޓްބޯޅަ ތައާރަފުވެ އެންމެ ފުރަތަމަ ކުޅެން ފެށީ އެއްވެސް ހަމައެއް ލަމައެއް ނެތި އެވެ. އޭރު އެންމެ މޮޅީ އެންމެ މައްޗަށް ބޯޅަ ޖަހާ ކުޅުންތެރިޔާ އެވެ. ނުވަތަ އެންމެ ބާރަށް ބޯޅައިގައި ޖަހާ ކުޅުންތެރިޔާ އެވެ. ކުޅުންތެރިންނަށް ފުޓްބޯޅައިގެ އަސާސީ ތަމްރީންދީ، އިންތިޒާމުކުރެވިގެން މުބާރާތްތައް ބާއްވައި ކްލަބްތައް އުފެއްދެވީ، މުހައްމަދު އަމީނުގެ ދާހިލީ ވަޒީރުކަމުގައި 1940ގެ އަހަރުތަކުގެ ފަހުކޮޅެވެ.

ސްރީ ލަންކާ އިން ގެނައި ކޯޗު މައިކަލް ޑި ސިލްވާ މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނާއި ރާއްޖޭގެ ކޮންމެ ރަށަކުން މީހަކު ހިމެނޭ ގޮތަށް ތަމްރީންދީ ރެފްރީކަމުގެ އަސާސްތައް ދަސްކޮށްދިނެވެ. މަޖީދިއްޔާގައި ތިއަރީ ކްލާސްތައް އަދި ހެންވޭރު ދަނޑުގައި ޕްރެކްޓިކަލް ކްލާސްތައް ބޭއްވި އެވެ. އެކަމަކު އެއީ ބޯޅަ ކޮންޓްރޯލްކުރުމާއި ބޯޅަ ޝޫޓްކުރުމުގެ އެންމެ އަސާސީ ތަމްރީންތަކެވެ.

މައިކަލް ޑި ސިލްވާ (ވ) އަށް މުހައްމަދު އަމީން އިނާމެއް ދެއްވަނީ.


އެހެންވެ އޭގެ ވިއްސަކަށް އަހަރު ފަހާ ޖެހެންދެން ވެސް ދިވެހި ފުޓްބޯޅައިން ފެނިގެން ދިޔައީ މާބޮޑު ރޭވުމެއް ނެތް ފޫހި ކުޅުމެކެވެ. ފަހަތުން ވިޔަސް އަދި މެދުތެރެއިން ވިޔަސް، ބޯޅަ ލިބިއްޖެ ނަމަ މާބޮޑު އަމާޒެއް ނެތި ކުރިއަށް ބޮޑުބޯޅައެއް ފޮނުވާލަނީ އެވެ. ކުރީގައި ތިބޭ ކުޅުންތެރިންނަށް އެ ބޯޅަ ކޮންޓްރޯލްކުރެވިއްޖެ ނަމަ ހަމަލައެއް އުފެއްދިދާނެ އެވެ.

އެދުވަސްވަރު މުނިފޫހިފިލުވާނެ އެހެން ގިނަ ކަންކަން ނެތުމާއި އަވަށު ވާދައިގެ ސަބަބުން ފުޓްބޯޅައިގެ ފޯރި އިންތިހާއަށް ގަދަ ނަމަވެސް، ބަލާހިތްވާ ފަދަ ރީތި ކުޅުމެއް ނުފެނެ އެވެ. އެފަދަ ކުޅުމަކަށް އާއްމުންގެ ގިނަ ބަޔަކު އުއްމީދެއް ވެސް ނުކުރެ އެވެ. ސަބަބަކީ އެއީ ބޭރު ފުޓްބޯޅަ ފެންނަ ޒަމާނަކަށް ނުވާތީ، އެފަދަ ފުޓްބޯޅައެއް ތަނެއްގައި ކުޅޭ ކަމެއް ވެސް ގިނަ ދިވެހިންނަށް ނޭގޭތީ އެވެ.

ޑީއެންސީން 1969 ވަނަ އަހަރު އެ ރީތި ކުޅުން ދެއްކުމުން މާލޭގެ ރައްޔިތުން އާޝޯހުވީ އެ ސަބަބާ ހެދި އެވެ. ޑީއެންސީގެ ކުޅުންތެރިންނަކީ އައްޑޫގައި އޭރު ތިބި އިނގިރޭސިންގެ ގަމުގައި ބޭއްވި ފުޓްބޯޅަ ލީގުގެ ތެރެއިން އެ ކުޅިވަރަށް ޝައުގުވެރިވި އަދި ކުޅެން ފުރުސަތު ލިބުނު ކުޅުންތެރިންނެވެ.

އެހެންވެ ޑީއެންސީން ދެއްކި ރީތި ކުޅުމުގެ ކްރެޑިޓް ގިނަ ބަޔަކު ދެނީ އިނގިރޭސިންނަށެވެ. އެކަމަކު ހަގީގަތުގައި އެކަމުގެ އެންމެ ބޮޑު ހިއްސާއެއްވަނީ ޓީމު ހިންގުމުގައި އަދި ކޯޗުކޮށްދިނުމުގައި އިސްކޮށް އުޅުއްވި އަލްމަރްހޫމް ހުސެއިން ދީދީ (ޖޯޖް) ގެ ކަމަށް "އާފަތިހު"ގެ ކުރީގެ އެޑިޓަރެއް ކަމަށްވާ އަބްދުﷲ ނައީމް އިބްރާހީމް ވިދާޅުވެ އެވެ.

ޖޯޖް (ކ) އަށް އިނގިރޭސިން ޓްރޮފީއެއް ދެނީ. --ފޮޓޯ: ކޮށިސޮރަ ހައުސް ކަލެކްޝަން


އިނގިރޭސިންގެ މުބާރާތްތަކުގައި ރެފްރީކަންކުރަން އެ މީހުން ތައްޔާރުކުރި ޖޯޖް، އިނގިރޭސިންނާ އެކު ގިނަ ވަގުތު ހޭދަކޮށް ފުޓްބޯޅައިގެ ވަރަށް ގިނަ ކަންކަން ދަސްކުރި އެވެ. އަދި ކޯޗިން ފޮތްތައް ހޯދައި ކިޔައި އެކަން އަމިއްލަ އަށް ދަސްކުރި އެވެ. މިހާރުގެ މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ބައްޕަ ދެން ކުރި ކަމަކީ، އޭރު ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށްވާ ބްރެޒިލްގެ ވޯލްޑް ކަޕް މެޗުތަކުގެ ފިލްމުރޯލު ގެނެސް ބަލައި އެ ޓީމުގެ ކުޅުމުގެ ފަލްސަފާ ދެނެގަނެ ވަށްޓަފާޅި ދަސްކުރުމެވެ. ޖޯޖް ޑައިގްރަމް ކުރަހައި ލިޔެގެން، އޭނާ ޓެކްޓިކަލް ތިއަރީ ކްލާސްތަކެއް ޑީއެންސީ ކުޅުންތެރިންނަށް ނަގައިދިނެވެ.

"ޑީއެންސީގެ އެ ކުޅުމަކީ ޖޯޖުގެ ރޭވުން. ކުޅުމުގެ ވަށްޓަފާޅި ދަސްކުރީ އިނގިރޭސިންގެ ކިބަޔަކުން ނޫން. ޑީއެންސީ އަކީ ސެލްފްމޭޑް ޓީމެއް،" ޑީއެންސީގެ މަސްއޫލުވެރިޔާގެ ބޭފުޅެއް ކަމަށްވާ އަބްދުﷲ ނައީމް އިބްރާހީމް ވިދާޅުވި އެވެ.

އެކަމަކު އިނގިރޭސިން އެހެނިހެން ގޮތްގޮތުން ޓީމަށް އެހީވި އެވެ. ޖާޒީ އާއި އިސްޓާކީނާއި ކަށިމައްޗާއި ބޫޓު ހޯދައިދިނެވެ. އެ ދުވަސްވަރަށް ބަލާއިރު ކިޓު ހަމަކޮށްގެން ކުޅުނު ހަމައެކަނި ޓީމަކީ ޑީއެންސީ އެވެ.

ޑީއެންސީގެ ފުރަތަމަ މުބާރާތުގެ ފުރަތަމަ މެޗުގައި 1969 ގައި ރީތި ކުޅުމެއް ދައްކައި އެމް އޯކިޑް ކްލަބް އަތުން މޮޅުވި ނަމަވެސް ސެމީ ފައިނަލުން މާލޭ ޓެނިސް ކްލަބް އަތުން 3-1 އިން ބަލިވެ ކެޓީ އެވެ. އެ ފަހަރު އެ ޓީމުގެ ކުޅުންތެރިންނަށް ބަޔަކު ލަނޑެއް ވެސް ދިނެވެ. ބުންވަރު ގަދަކުރާ ބޭހެއް ކަމަށް ބުނެ ދިނީ ނިދާ ބޭހެވެ. އެ ކައިގެން ކުލުޅުންތެރިން ދަނޑުމަތީގައި ތިބީ ނިދި ޖެހިފަ އެވެ.

ނަސީބު ދިމާކުރި ގޮތުން ޖެހިގެން އައި 1970 ވަނަ އަހަރުގެ ގައުމީ މުބާރާތް އޮތީ ޑީއެންސީ ނިސްބަތްވާ އައްޑޫގަ އެވެ. މާލޭން ބޭރުގައި ކުޅުނު ފުރަތަމަ ގައުމީ މުބާރާތުގެ ފައިނަލަށް ޑީއެންސީ ދިޔަ އެވެ. އެކަމަކު މާލޭ ޒަމާނީ މިއުޒިކީ ކްލަބާ 1-1 އިން އެއްވަރުވެ ޖެހުނީ ޗެމްޕިއަންކަން ހިއްސާކުރާށެވެ. އޭރު ގަވާއިދު އޮންނަ ގޮތުން ފައިނަލް މެޗު އެއްވަރުވެއްޖެ ނަމަ ޖޮއިން ޗެމްޕިއަނުންގެ ގޮތުގައި ދެ ޓީމަށް ތަށި ދޭނީ އެވެ. އެ ކާމިޔާބީއާ އެކު ޑީއެންސީ ވެގެންދިޔައީ ގައުމީ ތަށީގައި އަތްލި، މާލޭން ބޭރުގެ ފުރަތަމަ ޓީމަށެވެ.

ޑީއެންސީގެ ޓީމުގެ މެމްބަރުން ތަށްޓާ އެކު ގްރޫޕް ފޮޓޯއެއްގައި.


ޑީއެންސީން ވާދަކުރި ތިން ވަނަ ގައުމީ މުބާރާތުގައި، 1971 ގައި ފުރަތަމަ މެޗުގައި ބައްދަލުކުރީ، ރާއްޖޭގެ ކުޅިވަރުގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބާ އެވެ. އެއީ ޒަމާނީ މިއުޒިކީ ކްލަބުގެ ކުޅުންތެރިންތަކެއް ގޮސް، ވިކްޓްރީ އުފައްދައިގެން ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗު ވެގެންދިޔައީ ދިވެހި ފުޓްބޯޅައިގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އަނދިރި، އެންމެ އަނިޔާވެރި މެޗަށެވެ.

ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގީ އެވެ. އެ މާރާމާރީގައި ޑީއެންސީގެ ހަސަން ކަލޯ އަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އޭނާ އަށް ގަވަމެންޓް ހޮސްޕިޓަލުގައި ފަރުވާ ދެއްވީ، ރައީސް އިބްރާހިމް ނާސިރުގެ އަނބިކަނބަލުން ނަސީމާ މުހައްމަދު ކަލޭފާނޭވެ. ފަސްޓް ލޭޑީއަކީ އޭރު އެ ހޮސްޕިޓަލުގެ ނަރުހެކެވެ. އެ ފަހަރު ވެސް ޑީއެންސީ ފައިނަލަށް ދަތުރުކުރި އެވެ. އެކަމަކު ރޭޑިއަންޓް ކްލަބް އަތުން ބަލިވީ އެވެ.

ޑީއެންސީން ޖެހިޖެހިގެން ހަތަރު ވަނަ އަހަރެއްގައި، 1972 ވަނަ އަހަރު ވެސް ދިވެހި ފުޓްބޯޅައިގެ މަތީ ފަޑީގައި ވާދަކުރި އެވެ. އަދި ފައިނަލުން ޖާގަ ހޯދި އެވެ. އެކަމަކު މި ފަހަރު ވެސް ލިބުނީ ޖޮއިން ޗެމްޕިއަންކަމެވެ. އެ ކާމިޔާބީ ހިއްސާކުރީ، ފަހުން ގައުމީ ތަށި ދެ ފަހަރު މިލްކުކުރި ވިކްޓްރީއާ އެވެ.

އެ އަހަރާ އެކު ޑީއެންސީގެ ކުރު، އެކަމަކު ކާމިޔާބު ފުޓްބޯޅަ ހަޔާތް ނިމިގެންދިޔައީ އެވެ. ޖެހިޖެހިގެން ތިން އަހަރު ފައިނަލުގައި ކުޅުނެވެ. ތަށީގެ މިލްކުވެރިކަން އަމިއްލަ އަށް ނުނެގުނަސް، ޖޮއިން ޗެމްޕިއަންކަން ދެ ފަހަރު ނެގި އެވެ. އެއަށް ވުރެ ވެސް ހާއްސައީ އެ ޓީމުން ދިވެހި ފުޓްބޯޅައަށް ދޫކުރި ލެގަސީ އެވެ. ރީތީ، ބަލާހިތްވާ ފަދަ ޗާލޫ ކުޅުމެއް ދައްކައިގެންނެވެ.

އިނގިރޭސީ ރާނީގެ ޝަރަފުގައި ކުޅުނު މެޗުގެ ކުރިން މުފީދުއާ ރާނީ ސަލާމްކުރައްވަނީ.


އެ ދުވަސްވަރު މަޝްހޫރުވި ލަވައެއްގައި ބުނާ ފަދައިން ދެއްކި ޔޫރަޕުގެ ރީތި ކުޅުމަށް ޑީއެންސީ އަށް ތައުރީފު ހައްގެވެ. އެ ކުޅުމުގައި އެންމެ ބޮޑު ހިއްސާއެއްވީ އެ ލަވައިގައި ބުނާ ފަދައިން ހިތުން ނުފިލާނެ ފަދަ ކުޅުމެއް ދެއްކި އުދުހޭ މުފީދާއި ލަބީބެވެ. މީގެ ތެރެއިން ލަބީބް ވަނީ 1970 ވަނަ އަހަރުގެ މުބާރާތުގައި ނުވަ ގޯލް ޖަހައި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަދި މުފީދު ވަނީ 1970، 1971 އަދި 1972 ވަނަ އަހަރު ގައުމީ މުބާރާތުގެ އެއް ވަނަ ފޯވާޑް ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެއީ ދިވެހި ފުޓްބޯޅައިގައި އިންޑިވިޖިއަލް ކުޅުންތެރިއަކު ހޯދި އެންމެ ބޮޑު އެއް ކާމިޔާބެވެ.

މަތިންދާބޯޓެއްގައި މާލެ އައުމުން އުދުހިފައި އައި ކަމަށް، "މޫންލައިޓް" ގައި ސައިކުރާ ނައީމް އެޅުއްވި ސުރުހީއަކުން އުދުހޭ މުފީދުގެ ނަން ހަރުވި މުފީދަކީ، ދަނޑުމަތީގައި ވެސް "އުދުހުނު" ކުޅުންތެރިއެކެވެ. އަރިމަތިން ބޯޅައާ އެކު ބާރަށް ދުވެ، އެހާމެ ރީއްޗަށް ހުރަސް ނަގަ އެވެ. އެ ހުރަސްތަކުން ގޯލް ޖެހުމަށް ފަހު ލަބީބް މެން ބުނަނީ، މޮޅީ ގޯލް ނޫން ކަމަށާއި މޮޅީ މުފީދުގެ ހުރަސް ކަމަށެވެ.

"މުފީދަކީ، ދުވެލި ބާރު އަދި ޑްރިބަލްކުރުމުގައި އެފަދަ ދެ ވަނައެއް ނެތް ކުޅުންތެރިއެއް،" އަބްދުﷲ ނައީމް އިބްރާހިމް ވިދާޅުވި އެވެ.

މުފީދު ވަނީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން މާލޭގައި ބޭއްވި އެކުވެރިކަމުގެ މެޗުގައި ވެސް ކުޅެފަ އެވެ. ބްރިޓޭނިއާ ޓީމު އަތުން ރާއްޖެ ޓީމު މޮޅުވި އިރު މުފީދު މޮޅަށް ކުޅުނެވެ.

އެއްވެސް ގޮތަކަށް ޕާސްކޮށްގެން ކުޅުނު ފުރަތަމަ ޓީމުގެ ޝަރަފް މުފީދުމެންގެ ޑީއެންސީ އަށް ލިބުނު ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުރު ޕާސްތަކެއް ޖަހައިގެން، އަވަސް ހަރަކާތްތައް އެކުލެވޭ މި ޒަމާނުގެ ޓޯޓަލް ފުޓްބޯޅަ ރާއްޖެ އަށް ތައާރަފްކުރީ 1980ގެ އަހަރުތަކުގެ ކުރީކޮޅު ކްލަބް ވެލެންސިއާ އިންނެވެ.

އައްޑޫގައި 2015 ވަނަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން މުފީދު (ކ) އާއި އޭރުގެ ސްޕޯޓްސް މިނިސްޓަރު ޒުހޫރު، ޓްރޮފީ ދައްކާލަނީ. --ފޮޓޯ: މޯލްޑިވްސްފުޓްބޯލް


ހުދު މުފީދު ވެސް "ހަވީރަ"ށް ދިން އިންޓަވިއުއެއްގައި ބުނީ ޑީއެންސީއަކީ މުޅި ގޭމް، އެއްކޮށް ތިރިން ޕާސްކޮށްގެން ކުޅުނު ޓީމެއް ނޫން ކަމަށެވެ. ޑީއެންސީގެ ސްޓައިލަކީ މެދުތެރެއިން ދިގު ބޯޅަތަކަކުން ކުޅުމަށް ފަހު ތިރިން ޕާސްކޮށްގެން ހަމަލާ އުފައްދައި ލަނޑު ޖެހުމެވެ. ވެލެންސިއާ އަކީ މެދުތެރެއިން ފެށިގެން ކުރު ޕާސްތަކެއް ޖަހައިގެން މުޅި ޓީމުގެ އެޓޭކް ބިނާކުރި ޓީމެކެވެ.

މުޅި ގޭމް، ތިރިން ކުޅެން ވެލެންސިއާ ފެށުމުގެ ފަހަތުގައި އޮތީ ޒުވާން ހުނަރެވެ. އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހާމިދު އަބްދުލްޣަފޫރާއި އޭނާގެ ކޮއްކޮ ތަޖުރިބާކާރު މެޗު ކޮމިޝަނަރު އަބްދުލްހަމީދު އަބްދުލްޣަފޫރާއި އެފްއޭއެމްގެ ކުރީގެ ވައިސް ޗެއާމަން ހިޔަލީ މުހައްމަދު ރަޝީދާއި މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ފަދަ ކުޅުންތެރިން ހިމެނުނު ވެލެންސިއާގެ ފުރަތަމަ ޓީމެވެ.

އޭރު އެއީ ރޭޑިއަންޓަށް ސަޕޯޓްކުރާ ހެންވޭރުކޮޅުގެ ކުދިންކޮޅެކެވެ. އެއްކޮށް ކުޅެން ދާތީ ބޭނުންވީ ފުރަތަމަ ޑިވިޝަނުގައި ވެސް އެއްކޮށް ކުޅޭށެވެ. އެކަމަކު ރޭޑިއަންޓުން އެ ފުރުސަތެއް ނުލިބުނެވެ.

"އެކަކަށް ފުރުސަތު ލިބިއްޖެއްޔާ އަނެކަކަށް ނުލިބޭ. އެހިސާބުން ކްލަބެއް ހަދަން ނިންމީ،" އައްޑޯ ބުންޏެވެ.

އޭރަކީ މާގިނަ ކޯޗުން ތިބި ދުވަސްވަރެއް ނޫނެވެ. ޕްރެކްޓިހަކީ، ދެ ބަޔަށް ބަހާލައިގެން ކުޅެލުމެވެ. އެހެންވެ ކުޅުން އިތުރަށް ތަރައްގީކުރަން، އައްޑޯ މެން އިސްވެ ތިބެ ކުރި ކަމަކީ، އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޒާހިރު ނަސީރުގެ އަތުގައި އޮތް 1978 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗު ޓޭޕް ބެލުމެވެ. އާޖެންޓީނާ އަތުން 3-1 އިން ނެދަލެންޑްސް ބަލިވި ނަމަވެސް، އެ ޓީމުން އޭރު ކުޅެމުން ދިޔައީ ރިނަސް މިކޭލްސް އީޖާދޫކުރި ޓޯޓަލް ފުޓްބޯޅަ އެވެ.

"އެ މެޗު ހުރިހާ އެންމެން އެއްކޮށް ވިއްސަކަށް ފަހަރު ބެލިން. މެޗު ފެށީއްސުރެ ނިމެންދެން ވާ ހުރިހާ ގޮތެއް ހިތުން އެނގޭ ވަރަށް ބެލިން،" އައްޑޯ ބުންޏެވެ.

1980ގެ އަހަރުތަކުގެ ކުރީކޮޅު ވެލެންސިއާގެ ޓީމު މެޗަކަށް ނުކުތުމުގެ ގްރޫޕް ފޮޓޯއެއްގައި.


ޑްރިބަލްކުރުމުގައި އޭރުގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އައްޑޯ ބުނި ގޮތުގައި ވެލެންސިއާގެ ކުޅުން ރީތިވި ސަބަބަކީ އެ މެޗު ބަލައިގެން ނެދަލެންޑްސްގެ ކުޅުން ދަސްކުރުން ކަމަށެވެ.

"ހަގީގަތަކަށް ބުނާ ނަމަ އެގޮތަށް ކުޅެވުނީ،" އޭނާ ބުންޏެވެ. "އެހާ ވަރަށް ކުޅުން ދަސްކުރިން."

ވެލެންސިއާގެ އެ ކުޅުމުގެ ޖާދޫގައި ދިވެހިން ޖެހުނެވެ. ހާއްސަކޮށް ޒުވާނުންނެވެ. މާގިނަ ދުވަސްތަކެއް ނުވަނީސް ރާއްޖެ އަށް ބޭރުގެ ކުޅުންތެރިންނާއި ކޯޗުން އައިސް ފުޓްބޯޅަ އެކީއެކަށް ޒަމާނީކުރި އެވެ. އެއާ އެކު ޑީއެންސީ ވަޅުޖެހުމާ އެކު، އެ ޓީމުގެ ރީތިކުޅުން ފުޓްބޯޅައިގެން ހިނދިގެން ދިޔަ ގޮތަކަށް ވެލެންސިއާގެ ކުޅުން ގެއްލިގެން ނުދިޔަ އެވެ. ވެލެންސިއާ އިން ގެނައި އިންގިލާބު ދެމެހެއްޓޭ ގޮތްވީ އެވެ.

އެހެންވެ އެއްވެސް ހަމައެއް ލަމައެއްނެތި ކުޅެމުން އައި ދިވެހި ފުޓްބޯޅަ ރީތި، ބަލާހިތްވާ އެއްޗަކަށް ހެދުމުގެ ޝަރަފް ވެލެންސިއާ އަށް ވެސް ގިނަ ބަޔަކު ދެ އެވެ. އެކަމަކު، 1969 ވަނަ އަހަރު ޑީއެންސީން އެ ދެއްކި ރީތި ކުޅުމުން މުޅި މާލެ އާ ޝޯހުކޮށްލި ކޮށްލުން، ތާރީހުން ފޮހެވިގެނެއް ނުދާނެ އެވެ.