Advertisement

ވާދަވެރި ޓޮޓެންހަމް ބަލިކޮށް އާސެނަލް އަށް ބޮޑު ހިތްހަމަޖެހުމެއް

27 ސެޕްޓެންބަރު 2021 - 04:31 0


ވާދަވެރި ޓޮޓެންހަމް ބަލިކޮށް އާސެނަލް އަށް ބޮޑު ހިތްހަމަޖެހުމެއް

27 ސެޕްޓެންބަރު 2021 - 04:31 0

ލަންޑަން (27 ސެޕްޓެމްބަރު) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-1 އިން މޮޅުވެ، އާސެނަލް އިން ބޮޑު ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

މި މެޗުގެ ނަތީޖާއާއެކު، ޓޮޓެންހަމް 11 ވަނަ އަށް ވެއްޓުނުއިރު، އާސެނަލް ވަނީ 10 ވަނަ އަށް ޖެހިލައިފަ އެވެ. ސީޒަނުގެ ފުރަތަމަ ކޮޅުގައި ލިބުނު ދަށް ނަތީޖާތަކުގެ ސަބަބުން އާސެނަލަށް ޕްރެޝަރު ބޮޑުވި ނަމަވެސް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުގެ ނަތީޖާ ރަނގަޅެވެ. ހާއްސަކޮށް ޓޮޓެންހަމް އަތުން މި ލިބުނު މޮޅާ އެކު އެ ޓީމުގެ ރޫހު ރަނގަޅުވާނެ އެވެ.

އުތުރު ލަންޑަނަށް ނިސްބަތްވާ ވާދަވެރި ދެ ކްލަބު އާސެނަލްގެ ދަނޑުގައި ރޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. މިއީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ލީގުގައި ޖެހިޖެހިގެން ދެ މެޗުގައި ޓޮޓެންހަމް ކޮޅަށް ތިން ގޯލު ވަން ފުރަތަމަ ފަހަރެވެ.

މެޗުގެ 12 ވަނަ މިނިޓުގައި އާސެނަލް އަށް ލީޑު ހޯދައިދިނީ އެމީލް ސްމިތު ރޯވް އެވެ. ރޯވް ލަނޑު ޖެހީ އާސެނަލްގެ ޒުވާން ވިންގާ ބުކާޔޯ ސަކާ ހުރަސްކޮށްލި ބޯޅައަކުންނެވެ. މެޗުގެ 27 ވަނަ މިނިޓުގައި އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ޕިއޭ އެމްރިކް އަބަމަޔަންގެވެ. އަދި މެޗުގެ 34 ވަނަ މިނިޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ސަކާ އެވެ.

ސަކާ އަކީ ސެސް ފަބްރެގަސް އަށް ފަހު ޓޮޓެންހަމާ ދެކޮޅަށް އެއް މެޗެއްގައި ލަނޑު ޖެހުމަށް ފަހު ލަނޑެއް ޖަހަން އެހީވި އާސެނަލަށް ނިސްބަތްވާ އެންމެ ޒުވާން ކުޅުންތެރިޔާ އެެވެ. ފަބްރެގަސް އެކަން ހާސިލްކުރީ 2007 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޓޮޓެންހަމް އިން އެ ޓީމުގެ ކުޅުން ރަނގަޅުކުރި އެވެ. އަދި 79 ވަނަ މިނިޓުގައި ސޮން ހިއުން މިންގް ޖެހި ލަނޑާއެކު، ފަރަގު ކުޑަކުރި އެވެ.

އާސެނަލް އިން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅުވެ، ކޯޗު މިކޭލް އާޓެޓާ އަށް އޮތް ޕްރެޝަރު ކުޑަކޮށްފަ އެވެ.

"މި ސަޕޯޓަރުންނަށްޓަކައި ކުޅުންތެރިން ހޯދި މޮޅެއް،" މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާ ބުންޏެވެ. "އަހަރަމެން ސަޕޯޓް ބޭނުންވާ ވަގުތުތަކުގައި ސަޕޯޓަރުން ތިބެނީ އަހަރަމެންގެ ފަހަތުގައި."

އާޓެޓާ ބުނީ މި މެޗުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި، ފުރަތަމަ ހާފުގައި ދެއްކި ކުޅުން ވަކިން ފާހަގަކުރާ ކަމަށެެވެ.

މި ފަހަރުގެ ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި ޓޮޓެންހަމް ވަނީ ދެން ކުޅުނު ތިން މެޗުން ބަލިވެފަ އެވެ. ޓޮޓެންހަމަކީ ޕްރިމިއާ ލީގުގެ ތާރީހުގައި މި ގޮތަށް ދިމާވި ދެ ވަނަ ޓީމެވެ. މީގެ ކުރިން އެ ގޮތަށް ދިމާވީ 1993-1994 ވަނަ އަހަރު ކުޅުނު އެވަޓަން ޓީމަށެވެ. -- ބީބީސީ