Advertisement

ބައިނަލްއަގްވާމީ އެއާލައިންތަކުން ކާބުލް ދަތުރުތައް ފެށުމަށް ތާލިބާނުން ގޮވާލައިފި

27 ސެޕްޓެންބަރު 2021 - 06:57 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކާބުލް އެއާޕޯޓަށް ދަތުރުތައް ފެށި ފުރަތަމަ ބޭރު އެއާލައިނަކީ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް. -- ފޮޓޯ: އޭއެފްޕީ


ބައިނަލްއަގްވާމީ އެއާލައިންތަކުން ކާބުލް ދަތުރުތައް ފެށުމަށް ތާލިބާނުން ގޮވާލައިފި

27 ސެޕްޓެންބަރު 2021 - 06:57 0

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 26) - ކާބުލް އެއާޕޯޓުގައި ހުރި ހުރިހާ ޓެކްނިކަލް މައްސަލަތަކެއް ހައްލުކުރެވިފައި ވާތީ ބޭރުގެ އެއާލައިންތަކުން އަފްގާނިސްތާނަށް އަލުން ދަތުރުތައް ފެށުމަށް ތާލިބާނުން ގޮވާލައިފި އެވެ.

ވިހި އަހަރަށް ފަހު އެމެރިކާ ފައުޖުތައް އަފްގާނިސްތާން ދޫކޮށް ދިޔުމަށް ހިންގި އޮޕަރޭޝަނުގައި ކާބުލް އެއާޕޯޓުގެ ބައެއް ފެސިލިޓީތަކަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ.

އޭގެ ފަހުން ކާބުލް އެއާޕޯޓަށް ދަތުރު ކުރަމުން ދަނީ ހަމައެކަނި ޗާޓަރު ފްލައިޓުތަކެވެ. ނަމަވެސް ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)، އީރާނުގެ މަހަން އެއާ އަދި އަފްގާނިސްތާނުގެ ކާމް އެއާ އިން ވަނީ ހާއްސަ ފްލައިޓުތަކެއް ބާއްވާފަ އެވެ.

ތާލިބާނުން ބުނެފައި ވަނީ ބައިނަލްއަގްވާމީ ކޮމާޝަލް ދަތުރުތައް ފެށުމުން، އަފްގާނިސްތާން ދޫކޮށް ދާން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ދޭނެ ކަމަށެވެ.

ޕީއައިއޭ އަދި ކާމް އެއާ ފަދަ ކުންފުނިތަކުން މި ވަގުތު ކާބުލް އާއި އިސްލާމްއާބާދާ ދެމެދު ކުރާ 40 މިނެޓުގެ ދަތުރެއްގެ އެއްކޮޅު ޓިކެޓު ވިއްކަމުން ދަނީ 1،200 ޑޮލަރަށެވެ.

ތާލިބާނުންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަބްދުލް ގަހާރް ބަލްކީ ބުނީ ކުރިއެކޭ އެއް ގޮތަށް ކޮމާޝަލް ދަތުރުތައް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"އަފްގާނިސްތާނުގެ ވަރަށް ގިނަ ރައްޔިތުންނަށް މި ވަގުތު އެނބުރި ގައުމަށް ނާދެވި، އެކި ތަންތަނުގައި ތާށިވެފައި އެބަ ތިބި،" އޭނާ ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ބޭރުގެ ވަޒީފާތަކާއި ބޭރުގައި ކިޔަވަމުންދާ އަފްގާން ރައްޔިތުންނަށް ވެސް މިހާރު ވަނީ އެ މީހުންގެ މަންޒިލްތަކަށް ދާން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައި."

ކާބުލް އެއާޕޯޓުގެ ޓެކްނިކަލް މައްސަލަތައް ހައްލުކޮށް، އަލުން ހިދުމަތްތައް ފެށީ ގަތަރާއި، ޔޫއޭއީ އަދި ތުރުކީގެ އެހީގަ އެވެ.