Advertisement

މޮޅުވި ފެކްޝަން ކަނޑައެޅުން އިންސާފުވެރިތަ؟

26 ސެޕްޓެންބަރު 2021 - 15:15 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


މޮޅުވި ފެކްޝަން ކަނޑައެޅުން އިންސާފުވެރިތަ؟

26 ސެޕްޓެންބަރު 2021 - 15:15 1

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ބާރުގަދަ ގުނަނުގެ އިންތިހާބުން ނެގި ހިރަފުސްގަނޑު އަދި ރަނގަޅަށް އޮބިގެން ނުދެ އެވެ.

ޕާޓީގައި އެންމެ އިސްކޮށް ތިއްބެވި ދެބޭފުޅުންގެ ބޮޑު އަރައިރުމެއްގެ ތެރެއިން، އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އަދި އިއުލާނުނުކުރެވެނީސް، މޮޅުވި ފަޅި ވަނީ ކަނޑައަޅައި ނިމިފަ އެވެ.

އެމްޑީޕީގެ އިސް ލީޑަރުގެ މަގާމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމީ މަޖިލީހުގެ ކޮންޓްރޯލް ނެންގެވިކަމަށް ބުނެ އެވެ.

ސަރުކާރުގެ ފެކްޝަނުން ބުނާ ގޮތުން، 142 މެމްބަރުން ތިބޭ ބިޔަ ގައުމީ މަޖިލީހުގެ، 100 އެއްހާ ގޮނޑި މިހާރު ވެސް ރައީސް ސޯލިހުގެ ފަޅިއަށް ކާމިޔާބު ވެއްޖެ އެވެ.

އޭގެ ތެރޭގައި އެ އިންތިހާބުގައި ވާދަކުރެއްވި ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވެސް ހިމެނެ އެވެ.

އަންނަ ރިޔާސީ އިންތިހާބަށް މަގުކޮށޭނެ ކަމަށް ބުނާ ގައުމީ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރުއްވީ ބަރުލަމާނީއަށް ވެރިކަން ހިންގާ ނިޒާމު ބަދަލުކުރުމުގެ ރޫހެވެ.

ނަޝީދުގެ އިތުރުން މި ނަތީޖާއަކީ ބަރުލަމާނީ ނިޒާމަށް ލިބުނު ނާކާމިޔާބީއެއް ކަމަށް ސަރުކާރުގެ ފެކްޝަނުން ބުނަނީ އެހެންވެ އެވެ.

ބަރުލަމާނީއަށް ނާކާމިޔާބީ؟

މި އިންތިހާބު ކާމިޔާބުވެއްޖެކަމަށް ދައުވާކުރާ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް އެ ވޯޓުގެ ނަތީޖާ ސިފަ ކުރައްވަނީ ނިޒާމު ބަދަލުކުރުމުގެ ބަހުސަށެވެ.

ބަރުލަމާނީ ނިޒާމު ކުރިއަށް ނެރެގެން، އިންތިހާބަށް ނުކުތް ގިނަ ކެނޑިޑޭޓުން ނާކާމިޔާބުވުމަކީ އެމްޑީޕީގެ ތެރެއިން ވެސް އެ ނިޒާމަށް ތާއީދު ނެތް ކަން ސާފުވާ ކަމެެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ސަރުކާރުގެ ފެކްޝަނެއް ނޫން މޮޅުވީކީ. ބަރުލަމާނީ ނިޒާމަށް ނާކާމިޔާބުވީ. ބަރުލަމާނީ ނިޒާމަށް އެމްޑީޕީގެ ތެރެއިން ވެސް ތާއީދުނެތްކަން ހާމަވެގެން މިދިޔައީ،" ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް، އޭގެ އަނެއް ކޮޅުގައި، އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ފެންނަ ނަތީޖާ ތަފާތެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބަރުލަމާނީ ނިޒާމަށް ތާއިދުކޮށްގެން އިންތިހާބަށް ނުކުތް، ސީދާ އެމްޑީޕީ ރަމްޒުކޮށްދޭ ކެނޑިޑޭޓުންނަށް ވެސް ކާމިޔާބު ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ގައުމީ މަޖިލީހަށް އިންތިހާބުވި ވަޒީރުން ވެސް ހިމެނޭ ގޮތަށް، އެ ބޭފުޅުންނަކީ ވަކި ނިޒާމަކަށް ނޫނީ އެ ބުނާ ވަކި ފެކްޝަނަކަށް ތާއީދުކުރާ ކެނޑިޑޭޓުން ކަމަށް ކަނޑަނޭޅޭނެ ކަމަށް އިންތި ވިދާޅުވި އެވެ.

"ސަރުކާރަކަށް ވެސް ނޭނގޭނެ ބުނާކަށް މިވެނި ކެނޑިޑޭޓަކީ މިވެނި ފެކްޝަނަށް ނިސްބަތްވާ ނޫނީ ވަކި ނިޒާމަކަށް ސީދާ ތާއިދުކުރާ މީހެކޭ ބުނާކަށް،" އިންތިހާބުން މޮޅުވީ ވަކި ފެކްޝަނެކޭ ބުނާތީ އެކަމަށް ރައްދު ދެއްވަމުން އޭނާ ފާހަގަކުރެއްވި އެވެ.

ލެވަލް ޕްލެއިން ފީލްޑެއް ނޫން

ގައުމީ މަޖިލީހުގެ ކޮންޓްރޯލް ލިބުނީ ސަރުކާރުގެ ފެކްޝަނަށްކަމަށް ކަނޑަނޭޅޭނެ ކަމަށް އިންތި ވިދާޅުވަނީ އެ ނުކުތާއާ ގުޅުވަ އެވެ.

ސަރުކާރުގައި ތިއްބެވުމުން އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ހާއްސަ "އިމްތިޔާޒް" ތަކާއި "ބާރު"ތަކެއްގެ ތެރެއިން ގޮނޑި ކާމިޔާބުވުމަކީ، އެމްޑީޕީގެ އާންމު މެމްބަރުންގެ ފިކުރު ވަކި ފެކްޝަނަކަށް ބުރަވުން ކަމަށް ސިފަކުރުމަކީ އެންމެ އިންސާފުވެރި ގޮތަކަށް ނުވާނެކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

އިންތި އެ އިޝާރާތް ކުރެއްވީ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނަށް ނުސީދާކޮށް ހާއްސަކޮށް އަތޮޅު ތެރެއަށް ވެވޭނެ ވައުދުތަކަށެވެ. އެއީ ސަރުކާރަށް ނިސްބަތްނުވާ ކެނޑިޑޭޓުންނަށް އޮތް "ޕްރިވިލޭޖް" އެއް ނޫން ކަމެވެ.

"ބައެއް ނޫސްތަކުން ވެސް އެބަ ބުނޭ ވަކި ބަޔަކު ބޮޑު މެޖޯރިޓީއެއް ނެގި ވާހަކަ. އެކަމަކު އެއީ ފެއާ ރިފްލެކްޝަނެއް ނޫން،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި، ސަރުކާރުގައި ތިއްބެވި ކެނޑިޑޭޓުންނަށް ލިބިފައިވާ "ޕްރިވިލޭޖު"ތަކުގެ ބާރު ކެމްޕޭނުގައި ވެސް ފެނުނެވެ.

އެހެންކަމުން، އިންތިހާބުގެ ނަތީޖާއަކީ އެމްޑީޕީގެ އާންމު މެމްބަރުންގެ ވިސްނުން ލެބިފައިވާގޮތް ކަމަށް ބެލުމަކީ، އޭނާގެ ނަޒަރުގައި ބޭއިންސާފެކެވެ.

ދެން އޭނާ ނެންގެވީ މި އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ފެނުނު އެންމެ މުހިންމު އުނިކަމެވެ. ރައީސް ސޯލިހާއި ދައުލަތުގެ އިސްވެރިން ކެމްޕޭނުގައި އަތޮޅު ތެރެއަށް ވަޑައިގެން އުޅުއްވިއިރު، ނަޝީދު ހުންނެވީ މެއި 6 ގެ ޓެރަރިސްޓު ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ރާއްޖޭން ބޭރުގައި ކަމެވެ.

"ރައީސް ނަޝީދު ގްރައުންޑުގައި ހުންނެވިނަމަ ވަރަށް ތަފާތުވާނެ،" އިންތި ވިދާޅުވި އެވެ.

ކޮންމެ ގޮތަކަށް މި އިންތިހާބުގެ ނަތީޖާ މާނަ ކުރި ނަމަވެސް، ހަގީގީ އިމްތިހާނު 2023 ގައި އޮންނާނެ އެވެ.

އެމްޑީޕީގެ ސީދާ ކޮންޓްރޯލް ފުރޮޅިއްޖެކަމަށް ކަނޑައެޅޭނީ ޕާޓީގެ ރިޔާސީ ޓިކެޓް ދޭން ޕްރައިމަރީއެއް ބާއްވައިފިނަމަ، އެ އިންތިހާބުގެ ނަތީޖާއިންނެވެ.