Advertisement

މޫސުން ވަރަށް ގޯސް، ސަމާލުވެ ތިބޭ

26 ސެޕްޓެންބަރު 2021 - 15:19 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

މާލޭގައި މޫސުން ގޯސްވެފައިވަނިކޮށް ސައިކަލްގައި ބަޔަކު ދުއްވާފައި ދަނީ: ހާދިސާތަކެއް މިއަދު ވަނީ ހިނގާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


މޫސުން ވަރަށް ގޯސް، ސަމާލުވެ ތިބޭ

26 ސެޕްޓެންބަރު 2021 - 15:19 0

މޫސުމް ގޯސްވެ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި ހާދިސާތަކެއް ހިނގައިފި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއެކު މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ.

އެލާޓް ނެރުނީ ނ. އަތޮޅުން ދ. އަތޮޅަށެވެ. ހއ. އަތޮޅުން ލ. އަތޮޅަށް ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ. އަދި ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް، ޖުމްލަކޮށް މުޅި ރާއްޖެއަށް ވަނީ ވައިޓް އެލާޓު ނެރެފަ އެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ. ނަމަވެސް, އެކިއެކި ހާދިސާތައް މޫސުން ގޯސްވުމާ ގުޅިގެން ދަނީ ރިޕޯޓް ކުރަމުންނެވެ.

މާލެއަށް ބަލާއިރު، ގަދަވަޔާއި އެކު ކުރަމުންދާ ވިއްސާރައިގެ ތެރެއިން މަގުމަތިން ދުއްވާފައި ދިޔަ ޕިކަޕެއްގެ މައްޗަށް ގަހެއް ވެއްޓި ބޮޑު އެކްސިޑެންޓެއް ހެނދުނުގެ ވަގުތެއްގައި ހިނގާފައިވެ އެވެ.

މި ހާދިސާގައި އެ ޕިކަޕު ދުއްވަން އިން ޑްރައިވަރު ސަލާމަތްވެފައި ވަނީ ހަނި ގޮތަކަށެވެ. ޕިކަޕުގެ މައްޗަށް ގަސް ވެއްޓުމުގެ ސަބަބުން ކުރީގައި އިން ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސް އެކި ވަރުގެ ގެއްލުންތައް އެ ވެހިކަލްއަށާއި، އެތާ ކައިރީ ޕާކްކޮށްފައި ހުރި ވެހިކަލްތަކަށް ލިބިފަ އެވެ.

އެހެންނަމަވެސް, މާ ބޮޑު އަނިޔާއެއް ނުލިބި ޑްރައިވަރު ސަލާމަތްވި އެވެ. މިކަން ހިނގީ އޯކިޑް މަގު، އެސްޓީއޯ ސުޕަ މާކެޓު ކައިރީގަ އެވެ.

އޯކިޑްމަގު އެސްޓީއޯ ކައިރީ ހުރި ބޮޑު ގަހެއް ޕިކަމެއް މައްޗަށް ވެއްޓިފައި ވަނިކޮށް --


ކަނޑުމަތީގައިވެސް އެކި ހާދިސާތައް ހިނގަމުން ދާއިރު، ފަތުރުވެރިންތަކެއް ތިބި ސަފާރީއެއް ވަނީ ދިޔަވެ، އަޑިއަށް ގޮސްފަ އެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި, "ހޭންޑީ ގްރޫޒާ" ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވީ މިއަދު ހެނދުނު ތިލަފުށީ ހުޅަނގު ދެކުނުން ހަތަރު މޭލު ބޭރުންނެވެ. އެ ސަފާރީގައި އެ ވަގުތު ޓޫރިސްޓުންނާއެކު 17 މީހުން ތިއްބެވެ. ކޯސްޓްގާޑުން ވަނީ އެމީހުން އެހެން އުޅަނދަކަށް ނެގުމަށްފަހު މާލެ ގެނެސްފަ އެވެ.

އޭގެތެރެއިން ހަތް މީހެއްގެ ހާލު ދެރަވެ, އައިޖީއެމް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން އެކަކު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި, އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ 41 އަހަރުގެ ބިދޭސީއެކެވެ.

މީގެއިތުރުން ވެސް އަތޮޅުތެރޭގެ އެކި ރަށްތަކަށް ގަދަ ވިއްސާރައާއެކު އުދައިގެ އަސަރު ވެސް ދަނީ ކުރަމުންނެވެ.

މިއީ ތޫފާނެއްގެ އަސަރުތަ؟

ގައުމީ މޫސުމާއި ބެހޭ އިދާރާއިން ބުނީ މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރައެއް ކަމަށެވެ. ބަންގާޅު ކަނޑުގައި ތޫފާނެއް އުފެދިފައި ވީނަމަވެސް, އެ ތޫފާނުގެ އަސަރު ރާއްޖެއަށް އެއްވެސް ވަރަކަށް ކުރާނެ ކަމަށް އެ އިދާރާއިން ލަފާ ނުކުރެ އެވެ. އެއީ, އެ ކޮޅިގަނޑު އުފެދިފައި ވަނީ ރާއްޖެ އާއި ފުދޭވަރަކަށް ދުރުން ކަމަށްވުމުންނެވެ.

މުޅި ދުވަހުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އެކިހިސާބަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށާއި މެންދުރު ފަހުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެއިދާރާއިން ބުނެ އެވެ. ވައި ގަދަ ވާނެ ކަމަށް ލަފާކޮށްފައިވާ އިރު ރާޅުގެ އުސްމިނުގައި ހަ ފޫޓު ހުންނާނެ ކަމަށް ވެސް މޫސުމާއި ބެހޭ އިދާރާއިން ފާހަގަކުރެ އެވެ.

ބައެއް ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑާއި ބްރިޖް އަދި ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.