Advertisement

އަރައިރުމުގެ ނިމުން ނޫނީ ހަގީގީ ހަނގުރާމައިގެ ފެށުން؟

26 ސެޕްޓެންބަރު 2021 - 13:36 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


އަރައިރުމުގެ ނިމުން ނޫނީ ހަގީގީ ހަނގުރާމައިގެ ފެށުން؟

26 ސެޕްޓެންބަރު 2021 - 13:36 0

ރާއްޖޭގެ އެންމެ ޑިމޮކްރެޓިކް ޕާޓީގެ ލަގަބަށް އަބަދުވެސް ވަކާލާތުކުރާ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަނުގެ އިންތިހާބު ބޯމަތިވަމުން އައި އިރު، ޕާޓީ އޮތީ ބައިބައިވެފަ އެވެ.

ޕާޓީގެ އެންމެ އިސް ދެ ލީޑަރުންގެ ދެމެދުގައި އޮތް އަރައިރުމުގެ އަސަރު މުޅި ޕާޓީ ތެރެއަށް އޮތީ މޫލައިފަ އެވެ.

ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދެ ފަޅީގައި ތިއްބަވައިގެން އެ އިންތިހާބާ ކުރިމަތިލީ ޕާޓީގެ ބާރުގަދަ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ހޯދުމުގެ އިތުރުން 2023ގެ ރިޔާސީ އިންތިހާބަށް ޕާޓީގެ ތާއީދުއޮތް ބޭފުޅެއް ވަޒަންކުރުމަށް ބުނުމަށް ޖާގަ ލިބެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާނެކަން އިއުލާނުކުރެއްވިއިރު، ރައީސް ސޯލިހު ވެސް ހުންނެވީ ދެވަނަ ދައުރެއްގެ އުއްމީދު ދޫކޮށްލައްވާ ގޮތަކަށް ނޫން ކަމަށް ނުސީދާކޮށް ވިދާޅުވުމުން، ޕާޓީގެ ތެރޭގައި ޒާތެއްގެ ހަނގުރާމައެއް އިއުލާނު ކުރެވިގެން ދިޔަ އެވެ.

އިންތިހާބާ ދިމާކޮށް ފޯރި ފަނޑުވި

ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް ވެސް ނަޝީދު އިއުލާނުކުރެއްވުމަށްފަހު، އިންތިހާބު ގާތްވަމުން އައި ވަރަކަށް ކުރިން ލަފާކުރެވުނު ގޮތާ ހިލާފަށް ފޯރި ދިޔައީ ފަނޑުވަމުންނެވެ.

އެމްޑީޕީގެ ތާރިހުގައި އެންމެ ވާދަވެރި އިންތިހާބަށް ވާނެ ކަމަށް ހީކޮށްގެން ބަލަހައްޓައިގެން ތިއްބާ ފަހު ތަޅާލުންގަނޑު ނުފެނި ފިލްމު ނިމިގެންދިޔައީ އެވެ.

އެމްޑީޕީގެ މެމްބަރުން އިއްޔެ ވޯޓުލާން ނުކުތްއިރު، ދެ ރައީސުން ވެސް ތިއްބެވީ ރާއްޖޭން ބޭރުގަ އެވެ. މެއި6ގެ ޓެރަރިސްޓު ހަމަލާއަށްފަހު ރާއްޖޭން ބޭރުގައި ހުންނެވި ނަޝީދު މި މަހު ކުރީ ކޮޅު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވި ފިނި ޖަވާބުތައް އިންތިހާބުގެ ކެމްޕޭނުން ވެސް ފެނުނެވެ.

ދެ ރައީސުން މި ވަގުތަށް ނަމަވެސް ހަތިޔާރު ބެހެއްޓެވިކަމުގެ ކޮޅުމަތި އެ ދުވަހު ފެނިފައިވާއިރު، ދެ ބޭފުޅުން ވެސް ވަކި ކެނޑިޑޭޓަކަށް ފާޅުގައި ތާއީދެއް ނުކުރައްވަ އެވެ.

ބަރުލަމާނީ ނިޒާމަށް ތައީދުކުރާ ކެންޑިޑޭޓުންނަށް ނަޝީދު ތާއިދުކުރައްވާ ވާހަކަ ވެސް އިއުލާނުކުރެއްވީ މާކުރީންނެވެ. އޭގެ ފަހުން، އިއްޔެއާ ހަމައަށް ނަޝީދު ވެސް އަދި ރައީސް ސޯލިހު ވެސް އިންތިހާބާ ގުޅުވައި "ކެމްޕޭނު" ކުރެއްވި ތަނެއް ނުފެނެ އެވެ. އެމްޑީޕީގެ މިވަގުތުގެ މުސްތަގުބަލް، އާންމު މެމްބަރުންގެ އަތް މައްޗަށް ޒާތަކަށް ދޫކޮށްލެއްވި ކަހަލަ އެވެ.

ކާމިޔާބު ރައީސްގެ ފެކްޝަނަށް؟

އެމްޑީޕީގެ އާ ގައުމީ މަޖިލީހަށް އިއްޔެ 142 އިންތިހާބުކޮށްފައިވާއިރު، 100 އެއްހާ ގިނަ ގޮނޑީގެ ކޮންޓްރޯލް ރައީސް ސޯލިހު ނެންގެވި ކަމަށް އެ ފެކްޝަނަށް ނިސްބަތްވާ ބައެއް ބޭފުޅުން ދައުވާ ކުރެ އެވެ.

އެހެން ބުނަނީ އޭގެ ތެރޭގައި މިވަގުތު ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވެސް ހިމެނޭތީ އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް "އަދަދު"އަށް ވިދާޅުވި ގޮތުގައި ރައީސް ސޯލިހު ފެކްޝަނެއް ޕާޓީގެ ތެރޭގައި ނެތެވެ. އޭނާ ވެސް ހިމެނޭ ގޮތަށް، ސަރުކާރުގެ ފެކްޝަންގެ ގޮތުގައި ޕާޓީގެ ތެރެއިން ސިފަކުރަނީ ސަރުކާރުން ރައްޔިތުންނަށް ވި ވައުދުތައް ފުއްދަން ސަރުކާރަށް އެއްބާރުލުންދޭތީ ކަމަށް ވިދާޅުވި އެވެ.

"ކޮވިޑު ފަދަ ގައުމީ ކާރިސާއެއްގެ ތެރެއިން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުން އެންމެ މުހިންމު ކަމަކީ. އޭގެ ތެރެއިން ވަކި ފެކްޝަން ހަދައިގެން ސިޔާސީ ހަލަބޮލިކަން ޕާޓީގެ ތެރެއިން އުފެއްދުމުގެ ގެއްލުން ކުރާނީ ރައްޔިތުންނަށް،" ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ބަރުލަމާނީ ނިޒާމު ކުރިއަށް ނެރެގެން، އިންތިހާބަށް ނުކުތް ގިނަ ކެނޑިޑޭޓުން ނާކާމިޔާބުވުމަކީ އެމްޑީޕީގެ ތެރެއިން ވެސް އެ ނިޒާމަށް ތާއީދު ނެތް ކަން ސާފުވާ ކަމެެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެހެނަސް، ސަރުކާރުގައި ތިއްބެވުމުން އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ހާއްސަ "އިމްތިޔާޒް"ތަކާއި "ބާރު"ތަކެއްގެ ތެރެއިން ގޮނޑި ކާމިޔާބުވުމަކީ، އެމްޑީޕީގެ އާންމު މެމްބަރުންގެ ފިކުރު ވަކި ފެކްޝަނަކަށް ބުރަވުން ކަމަށް ސިފަކުރުމަކީ އެންމެ އިންސާފުވެރި ގޮތަކަށް ނުވާނެ އެވެ.

އިންތިހާބުގައި އޮތީ "ލެވަލް ޕްލެއިން ފީލްޑް"އެއް ނޫން ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި އެވެ.

އޭނާ ވެސް ގަބޫލުކުރައްވާ ގޮތުގައި، ސަރުކާރުގެ ތިއްބަވާ ބޭފުޅުންނަށް ހާއްސަ "ޕްރިވިލެޖްތަކެއް" ލިބިފައި ހުންނައިރު، ކެމްޕޭނުގައި ހަމަހަމަކަމެއް ނެތް ކަމެވެ.

"ބައެއް ނޫސްތަކުން ވެސް އެބަ ބުނޭ ވަކި ބަޔަކު ބޮޑު މެޖޯރިޓީއެއް ނެގި ވާހަކަ. އެކަމަކު އެއީ ފެއާ ރިފްލެކްޝަނެއް ނޫން،" އިންތި ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ބަރުލަމާނީ ނިޒާމަށް ސީދާ ތާއިދުކޮށްގެން އިންތިހާބަށް ނުކުތް، ސީދާ އެމްޑީޕީ ރަމްޒުކޮށްދޭ ކެނޑިޑޭޓުންނަށް ވެސް ކާމިޔާބު ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ގައުމީ މަޖިލީހަށް އިންތިހާބުވި ވަޒީރުން ވެސް ހިމެނޭ ގޮތަށް، އެ ބޭފުޅުންނަކީ ވަކި ނިޒާމަކަށް ނޫނީ އެ ބުނާ ވަކި ފެކްޝަނަކަށް ތާއީދުކުރާ ކެނޑިޑޭޓުން ކަމަށް ކަނޑަނޭޅޭނެ ކަމަށް އިންތި ވިދާޅުވި އެވެ.

"ސަރުކާރަކަށް ވެސް ނޭނގޭނެ ބުނާކަށް މިވެނި ކެނޑިޑޭޓަކީ މިވެނި ފެކްޝަނަށް ނިސްބަތްވާ ނޫނީ ވަކި ނިޒާމަކަށް ސީދާ ތާއިދުކުރާ މީހެކޭ ބުނާކަށް،" އިންތިހާބުން މޮޅުވީ ވަކި ފެކްޝަނެކޭ ބުނާތީ އެކަމަށް ރައްދު ދެއްވަމުން އޭނާ ފާހަގަކުރެއްވި އެވެ.

ހަގީގީ ހަނގުރާމަ އަދި އޮތީ؟

ޝަރީފާއި އިންތި ވެސް އިއްތިފާގުވާ އެއް ކަމެއްގެ ވާހަކަ ވިދާޅުވި އެވެ. އެމްޑީޕީގެ ތެރޭގައި ބައިބައިވެގެން ޕާޓީއަށް ލިބޭނެ މޮޅެއް ނޫނީ ކުރިއެރުމެއް ނެތް ކަމެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އާންމު މެމްބަރުންނެކޭ އެއް ފަދައިން އޭނާ ވެސް ހުންނެވީ މި އިންތިހާބަށްފަހު ސަރުކާރުގެ ބާކީ އޮތް ދައުރުގައި، ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެކީގައި މަސައްކަތް ކުރައްވާނެ ކަމުގެ އުއްމީދުގަ އެވެ.

"މި އިންތިހާބުގެ ނަތީޖާއިން ވެސް ސާފު، އެމްޑީޕީގެ ތެރޭގައި ފެކްޝަން އުފެދިގެން ދާން މެމްބަރުން ވެސް ބޭނުން ނުވާ ކަން. އެކަމަށް ޖާގައެއް ނެތް ކަން،" ޝަރީފް ވިދާޅުވި އެވެ.

އިންތިގެ އުއްމީދު ވެސް ހުރީ އެ މިސްރާބުގަ އެވެ.

ގައުމީ މަޖިލީހަށް އިންތިހާބުވި ކެނޑިޑޭޓުން ވެސް އަމިއްލަ މަސްލަހަތު އެއްކިބާކޮށް، ޕާޓީގެ މަސްލަހާތާއި މުސްތަގުބަލަށް މަސައްކަތް ކުރުމެވެ.

ނަމަވެސް، އެއީ ނުތަނަސްކަމެއްގެ ތެރޭގައި އޮތް އުއްމީދެކެވެ.

ގައުމީ މަޖިލިސް އިންތިހާބު ނިމުނަސް، ނިޒާމީ ބަހުސް އަދި ނުނިމެ އެވެ. ރިޔާސީ ޕްރައިމަރީގެ ކުރިމަތިލުން އަދި އޮތީ އެވެ.

ނިޒާމު ކަނޑައަޅަން ވޯޓަކަށް ދިއުމާމެދު ގޮތެއް ނިންމުން އަރާ ހަމަކުރާނެ އެވެ. ޕްރައިމަރީ ނުބާއްވާ ވަކި ބޭފުޅަކަށް ރިޔާސީ ޓިކެޓް ދޭން ނިންމައިފިނަމަ، ޕާޓީގެ ތެރެއިން ހުޅުގަނޑު ފަޅައިގެންދާނެ އެވެ.

ގައުމީ މަޖިލީހުގެ އިންތިހާބު ނިމުމާއެކު، އެ ވަރުގަދަ އަރައިރުން އަދި އޮތީ މަޑުގިނީގަ އެވެ. އެކަމަކު, މިއީ އަންނަން އޮތް ތޫފާނުގެ ކުރިން ފެންނަ ހިމޭން ވަގުތުކޮޅަށް ވުން ގާތެވެ.