Advertisement

ބުލީންގެ ނުރައްކާ ބޮޑު، ސަލާމަތްވާނީ ކިހިނެއް؟

27 ސެޕްޓެންބަރު 2021 - 07:47 1

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ބުލީންގެ ނުރައްކާ ބޮޑު، ސަލާމަތްވާނީ ކިހިނެއް؟

27 ސެޕްޓެންބަރު 2021 - 07:47 1

ބުލީ ކުރުން ނުވަތަ "ގަނާ" ކުރުން ގިނަ ފަހަރަށް ފެށިގެން އަންނަނީ ސްކޫލު މާހައުލު ތެރެއިންނެވެ. ބަރާބަރަށް ސްކޫލަށް ދާހިތްވާ ކުއްޖަކު ކުއްލިއަކަށް ސްކޫލަށް ދާން ބޭނުންނުވެ އަބަދު މޫޑީ ވެފައި ހުންނަ ނަމަ ފަރުވާ ކުޑަކޮށްނުލައި ސަބަބު ދެނެގަތުން މުހިއްމުވަނީ މިފަދަ ކަމަކަށް ދަރިފުޅު ހުށަހެޅިޔަ ނުދިނުމަށެވެ.

މި ނުބައި އާދަ އޮތީ ހަމައެކަނި ސްކޫލުތެރެއަކު ނޫނެވެ. މަސައްކަތާއި އޮފީސް މާހައުލުގައި ވެސް ގަނާ ކުރާ މީހުން ތިބެ އެވެ. އެކަމަކު، ގަނާ އަކީ އޭގެ ޒާތުގައި ބޮޑު މީހުންނަށް ވުރެ ބޮޑަށް، ކުޑަ ކުދިން ފަސޭހައިން ބަލިކަށިކޮށް، އަމިއްލަ ނަފްސު މަތިން ފޫހިކޮށްލާ ކަމެކެވެ.

ސަމާސާ އާއި ގަނާ ތަފާތުކުރާނީ ކިހިނެއް؟

ގަނާ ކުރުމަކީ އެކަކު އަނެކަކުގެ މައްޗަށް ގަދަވެގަނެ، ތަކުރާރުކޮށް އަނެކާއަށް ގަސްތުގައި ހާނިއްކަ ކުރުން ނުވަތަ ހިތް ނުތަނަވަސްވާ ކަމެއް ކުރުމެވެ. ތިން ގޮތަކަށް ގަނާކުރާ މީހުން ތިބޭކަން ދިރާސާތަކުން ވަނީ ހޯދިފަ އެވެ. އޭގެ ތެރޭގައި އަނގަ ބަހުން ގަނާކުރާ މީހުންނާއި އިޖްތިމާއީ ގޮތުން ގަނާކުރާ މީހުންނާއި ޖިސްމާނީ ގަނާ ކުރާ މީހުން ހިމެނެ އެވެ.

އަނގަ ބަހުން ބުލީކުރުން

އަނގަބަހުން ގަނާ ކުރުމަކީ އަނެކާ ދެރަކޮށް ނިކަމެތިކޮށްލާ އުސޫލުން ބަސްތައް ލިޔެގެންނާއި ބުނެގެން ދިމާކުރުމެވެ. މިފަދައިން ގަނާ ކުރާ މީހުން ގިނަ ފަހަރަށް އެކަން ކުރަނީ ސަމާސާއަކަށް ހަދައިގެންނެވެ. މިފަދަ މީހުންގެ ކިބައިން އެހެން މީހުންނަށް ފާޑުފާޑުގެ ނަން ކިޔުމުގެ ހުނަރު އާދަޔާ ހިލާފަށް ފެންނާނެ އެވެ. އަދި ފަސޭހައިން މީހުންނަށް މަލާމާތް ކުރުމާއި، މީހަކާ މެދު ބޭނުންކުރަން ނުޖެހޭ ފަދަ ހުތުރު ބަސް ބޭނުން ކުރުމާއި އިންޒާރު ދިނުން ފަދަ އާދަތައް ފެންނާނެ އެވެ.

އެހެންވީމާ އެންމެ ބުއްދިވެރި ގޮތަކީ އެފަދަ މީހެއްގެ ކައިރިއަށް ދަރުފުޅު ޓިއުޝަނަށް ވެސް ނުފޮނުވުމެވެ. އޭނާގެ ގާތުން ޓިއުޝަން ނަގައިގެން ދަރިފުޅު ނަފްސާނީ ގޮތުން ބަލިކަށިވާން ފަށައިފިއްޔާ މާ ދެރަ ނޫންހެއްޔެވެ؟

ގުރޫޕް ހަދައިގެން ބުލީކުރުން

މިއަށް އިޖުތިމާއީ ގަނާ އޭ ވެސް ކިޔަ އެވެ. މިއީ އެކަކަށްވުރެ ގިނަ މީހުން ބައިވެގެން އެންމެން އެކައްޗެއް ކިޔައިގެން ވަކި މީހެއްގެ އަގު ވައްޓާލާ ގޮތަށް ކުރެވޭ ގަނާ އެވެ. މި ޒާތުގެ ގަނާ އެންމެ ގިނައިން ފެންނާނީ ސްކޫލްތަކުގައެވެ. ހާއްސަކޮށް 8 އަހަރާއި 14 އަހަރާއި ދެމެދު ކުދިންގެ މެދުގައި މިއީ އާންމު ވެދާނެ ކަމެކެވެ. ވަކި ކުއްޖަކު ބާކީ ކޮށްލައިގެން، އެ ކުއްޖާއާ ގުޅުން ނުބާއްވަން އެހެން ކުދިންގެ ގާތު ބުނުމާއި ވަކި ކުއްޖަކާ ބެހޭގޮތުން ނުރަނގަޅު ވާހަކަ ފެތުރުމާއި، އާންމުތަނެއްގައި އެ ކުއްޖެއްގެ އަގު ވައްޓާލައި ބޭޒާރުކޮށްލުމަކީ އިޖްތިމާއީ ގަނާގެ އެންމެ މައިގަނޑު އެއް އަލާމާތްތަކެވެ.

ކުރު ގޮތަކަށް ބުނާ ނަމަ މިބާވަތުގެ ބުލީން އަކީ ނަފްސާނީ ބައްޔަށް ކުދިން އެންމެ އަވަހަށް ގަންބުވައިލާ ވައްތަރެވެ. ވީމާ މިކަމަށް ބެލެނިވެރިންނާއި ޓީޗަރުން ސަމާލުވުމަކީ މުހިއްމު ކަމެކެވެ.

ގަނާގެ ނިޔަތުގައި އަނިޔާކުރުން

ޖިސްމާނީ ގޮތުން އަނެކާއަށް ހާނިއްކަ ކުރުމަކީ ވެސް ގަނާކުރުމުގެ ތެރޭގައި އާންމު ކަމެކެވެ.

ވަކި މީހަކު ނުވަތަ ކުއްޖަކު ބާކީކޮށް، ކުޅުޖެހުމާއި އަނިޔާ ކުރުމާއި އެ ކުއްޖެއްގެ އަތުގައި ހުންނަ އެއްޗިހި ނަގައި ގެއްލުން ދިނުމާއި ހިނގާފައި ދާއިރު ފައިން ދަތިއަޅުވައި ކޮއްޕާލުން ފަދަ ކަންކަމަކީ އެފަދަ ކަންތައް ލޯ ކުރިމަތީގައި ތަކުރާރުވާ ނަމަ އަޅާނުލައި ދޫކޮށްލަންޖެހޭވަރު ކަންތައްތަކެއް ނޫނެވެ.

ހާއްސަކޮށް ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާ މިކަމުގައި ބޮޑެވެ. މާބޮޑު ކަންކަން ނޫންކަމަށް ހަދައި ދޫކޮށްލާ މިފަދަ ކަންކަމުން ކުއްޖާގެ ދިރިއުޅުން އަބަދަށް ހަލާކުވެގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

އޮންލައިންކޮށް ވެސް ބުލީ ކުރެވޭނެ

އިންޓަނެޓާއި ޓެކްނޮލޮޖީ އާ އެކު އުފެދިގެން އައި އޮންލައިން ގަނާ ނުވަތަ "ސައިބާ ބުލީން" އަކީ އެންމެ ޒަމާނީ ގަނާ އެވެ. މިއީ ވިހަ ގަދަ އެއްޗެކެވެ.

އެމެރިކާގައި އަމިއްލަ އަށް މަރުވާ ކުޑަކުދިންގެ ތެރެއިން އަހަރަކު 4،000 އަށް ވުރެ ކުދިންގެ މަރުގެ އަސްލަކީ ވެސް މިއީ އެވެ.

އޮންލައިންކޮށް ގަނާކުރުމުގެ ސަބަބުން ވަރަށް ނާއުންމީދީ ގޮތަކަށް މީހެއްގެ ދިރިއުޅުން ހަލާކުވެގެންދެ އެވެ. ގަނާގެ އެހެން އެހެން ވައްތަރުތަކާ ހިލާފަށް، އޮންލައިންކޮށް ކުރާ ގަނާ އަކީ ދިމާ ކުރާ ފަރާތް ފަސޭހައިން ހުއްޓުވޭނެ ވައްތަރެއް ނޫނެވެ. ސަބަބަކީ އެހެންމީހަކު ފޮނުވާ މެސެޖަކަށް އަނެކާއަށް ބާރު ނުފޯރުވޭނެ ތީއެވެ. އެހެންކަމުން ސައިބާ ބުލީންނަށް ފަސޭހައިން މީހުންގެ ކޮންޓްރޯލް ނަގައިގަނެވެ އެވެ.

ތަފާސްހިސާބެއް ހެދިފައިނެތަސް، މިއީ ރާއްޖޭގައި ވެސް އާންމު ކަމެކެވެ. ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެއިން މިފަދަ ގަނާގެ މަންޒަރުތައް ފެނެ އެވެ. މީގެ ތެރޭގައި މީހުންގެ ފޮޓޯތައް ހުތުރު ފޮޓޯއަށޤ ބަދަލުކޮށްގެން މަލާމާތްކުރުމާއި، އަގު ވައްޓާލުމުގެ ގޮތުން އެހެންމީހުންގެ ޒާތީ ލަދުވެތި ފޮޓޯ ވެސް ލީކް ކުރެއެވެ.

ގަނާ ކުރަނީ ކީއްވެ؟

މިކަމަކީ އަސްލު، އިޖްތިމާއީ މައްސަލައެކެވެ.ބައެއް ފަހަރު، ތަރުބިއްޔަތު ކުރުމުގައި ހުންނަ އުންޏެއްގެ ސަބަބުންނޭ ވެސް ބުނެވިދާނެ އެވެ.

އެހެން މީހުން ދައްކޮށްލުމާއި އެހެން މީހުންގެ ހުންނަ މިޒާޖާއި އައިބު ކަންތައްތައް ގަބޫލުކުރަން ކުދިންނަށް ދަސްކޮށް ނުދިނުމުގެ ސަބަބުން ވެސް ބުލީކުރުން ފަދަ ސިފަތައް ކުދިންގެ ކިބައިގައި ހަރުލައެވެ.

އާންމުކޮށް ބުލީ ކުރާ ކުދިންނަކީ އެހެންމީހުންނަށް އިހުތިރާމްކުރުމުގެ އަހުލާގު ދަށް ކުދިންނެވެ. އަދި އަމިއްލަ ކުށް ގަބޫލުކުރަން ދެކޮޅު ހެދުމާއި ނަފްސަށް ކޮންޓްރޯލް ނުވެ ކަންކަމުގައި މާ "އޯވާ" ވާ ކުދިންނެވެ.

ބުލީންގެ ޝިކާރައަކަށް ވުމުން ހަދާނީ ކިހިނެއް؟

ބުލީކުރުން ހުއްޓުވަން އެޅިދާނެ އެންމެ މުހިއްމު ފިޔަވަޅަކީ އެކަމަށް ފުރުސަތު ނުދިނުމެވެ. އޭގެ މާނައަކީ އެއްވެސް މިންވަރަކަށް ބަރުދާސް ނުކުރުމެވެ. ސްކޫލު މާހައުލުގައި ބުލީކުރުން ހުއްޓުވުމުގައި ޓީޗަރުންގެ ޒިންމާ ބޮޑު ދައުރެއް އަދާ ކުރެ އެވެ. ގެއާއި ގެއިން ބޭރުގައި މައިންބަފައިންނާއި އާއިލާ މިކަމާ މެދު ވިސްނައި މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ފިޔަވަޅު އަޅަންޖެހޭނެ އެވެ.

އެފަދަ ކަމެއް ސްކޫލުގައި ހިނގާތޯ ބެލުމަށް ކުއްޖާ އާއި ދެކެވޭ ވާހަކައެއްގެ ތެރެއިން ނުސީދާކޮށް ވެސް މަތީގައި ބުނެފައިއެވާ ކަންކަމާ ބެހޭގޮތުން ސުވާލުކޮށް ހަދާލުމަކީ ބުއްދިވެރި ގޮތެކެވެ. ދަރިފުޅު ފަހަރެއްގައި ނުބުނެ ހުރެދާނެ އެވެ.

ބައެއް ފަހަރު އެންމެ ހިތްވަރުގަދަ ކުއްޖާވެސް މިކަމުގައި ފެއިލް ވެދާނެ އެވެ.