Advertisement

އެތުލެޓިކޯ ބަލިވިއިރު، ރެއާލަށް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

26 ސެޕްޓެންބަރު 2021 - 04:24 0


އެތުލެޓިކޯ ބަލިވިއިރު، ރެއާލަށް ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

26 ސެޕްޓެންބަރު 2021 - 04:24 0

މެޑްރިޑް (ސެޕްޓެމްބަރު 26) - ސްޕެނިޝް ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން އަލަވޭސް އަތުން 1-0 އިން ބަލިވިއިރު، ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ވިޔަރެއާލާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ރެއާލް އެއް ވަަނައިގައި އޮތީ ހަތް މެޗުން ލިބުނު 17 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އިން މިރޭ ވަނީ 2-0 އިން އެސްޕަންޔޯލް ބަލިކޮށްފަ އެވެ. ސެވިއްޔާ ދެ ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަަނައިގައި އޮތް އެތުލެޓިކޯ އަށް ވަނީ ހަތް މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.

ވިޔަރެއާލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ރެއާލަށް ގޯލާ ނުރައްކާ ކުރެވޭވަރުގެ މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. މެޗުގައި ރެއާލްގެ ކަރިމް ބެންޒެމާ އާއި އިސްކޯ ފޮނުވާލި ބޯޅަތައް ވިޔަރެއާލްގެ ގޯލްކީޕަރު ޖެރޮނީމޯ ރޫލީ ވަނީ މަތަކޮށްފަ އެވެ.

އަނެއް ކޮޅުން މެޗުން މޮޅުވާން ވިޔަރެއާލުން އެންމެ ރަނގަޅު ފުރުސަތުތައް ނަގާލީ އާނައުޓް ޑަންޖޫމާ އެވެ. ޑަންޖޫމާ ފޮނުވާލި ބޯޅަތައް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

މިއީ ރެއާލް ކޯޗުކަން ދެ ފަހަރެއްގެ މަތިން ކުރި ކާލޯ އަންޗެލޮޓީ ހަވާލުވެ ހުއްޓާ އެ ޓީމުން ލީގުގައި ކުޅުނު 88 މެޗުގެ ތެރެއިން ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަަމަ ފަހަރެވެ. ސްޕެނިޝް ލީގުގައި މި ފަހަރު ރެއާލް މެޗަކުން ބަލިނުވެ އޮތްއިރު އަންޗެލޮޓީ އަންނަނީ އެ ޓީމު ލައްވައި ރަނގަޅަަށް ކުޅުވަމުންނެވެ.

އަންޗެލޮޓީ ބުނީ ވިޔަރެއާލުން ދެއްކި ކުޅުމަށް ބަލާއިރު މިރޭގެ މެޗުން އެ ޓީމަށް ވެސް ކޮންމެ ވެސް އެއްޗެއް ހާސިލްކުރެވެން ޖެހޭނެ ކަމަށާއި އެ ގޮތަށް ބަލާނަމަ ނަތީޖާ އިންސާފުވެރި ކަމަށެވެ.

ލީގުގައި އެންމެ ފުރަތަމަ ކުޅުނު ފަސް މެޗުން ވެސް ބަލިވި އަލަވޭސް އިން މިރޭ އެތުލެޓިކޯ ބަލިކުރި ގޯލު ޖެހީ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގަ އެވެ. މިއީ ވިކްޓަ ލަގުއާޑިއާ ޖެހި ގޯލެކެވެ. ދެ ވަނަ ހާފްގައި އެތުލެޓިކޯގެ ރޮޑްރީގޯ ޑެ ޕޯލް ޖެހި ބޯޅައެއް ލަގުއާޑިއާ ވަނީ ގޯލު ރޮނގުމަތިން ސަލާމަތް ކޮށްފަ އެވެ. މެޗުގެ ފަހު ކޮޅުގައި އެތުލެޓިކޯ އިން ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއިރު، އެ ޓީމުގެ އެންހެލް ކޮރޭއާ ޖެހި ބޯޅަ އަލަވޭސްގެ ކީޕަރު ފެނާންޑޯ ޕަޗޭކޯ ވަނީ މަތަކޮށްފަ އެވެ.