Advertisement

ތިން ވަނަ ޖީލުގެ މަލްޑިނީގެ ފުރަތަމަ ގޯލާ އެކު މިލާނަށް މޮޅެއް

26 ސެޕްޓެންބަރު 2021 - 03:44 0


ތިން ވަނަ ޖީލުގެ މަލްޑިނީގެ ފުރަތަމަ ގޯލާ އެކު މިލާނަށް މޮޅެއް

26 ސެޕްޓެންބަރު 2021 - 03:44 0

މިލާން (ސެޕްޓެމްބަރު 26) - އިޓާލިއަން ލީގުގައި މިރޭ އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީގެ ދަރިފުޅު އުމުރުން 19 އަހަރުގެ ޑެނިއަލް މަލްޑިނީ ލީގުގައި ޖެހި ފުރަތަމަ ގޯލާ އެކު 2-1 އިން ސްޕެޒިއާ އަތުން މޮޅުވެ މިލާން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި މޮޅާ އެކު މިލާން އެއް ވަަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ޕޮއިންޓެއް ހޯދައިގެން ވެސް ނަޕޯލީ އަށް އެއް ވަނަ އަށް އެރޭނެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން މިރޭ ވަނީ އަމިއްލަ ދަނޑުގައި 2-2 އިން އެޓަލަންޓާއާ އެއްވަރުވެފަ އެވެ. އިންޓަ ތިނެއްގައި އޮތީ ހަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ.

މިލާނަށް މިރޭ ލީޑުނަގައިދިން ގޯލު ޖެހި ޑެނިއަލް މަލްޑިނީ ފުރަތަމަ ފަހަރަށް މިލާނަށް މެޗެއް ކުޅެދިނީ މިދިޔަ އަހަރު ފެބްރުއަރީ މަހު އެވެ. ޑެނިއަލް މަލްޑިނީ މިލާނަށް ލީޑުނަގައިިދިނީ ދެ ވަނަ ހާފްގެ ކުރީކޮޅުގަ އެވެ.

ޑެނިއަލްގެ ބައްޕަ ޕައޮލޯ މަލްޑިނީ، 1978 ވަނަ އަހަރު މިލާނުގެ ޔޫތު ޓީމާ ގުޅި 2009 ވަނަ އަހަރު ކެރިއަރު ހުއްޓާލުމާ ހަމަޔަށް ކުޅުނީ މިލާނަށެވެ. ޑެނިއަލްގެ ކާފަ ސެޒާ މަލްޑިނީ މިލާނަށް ކުޅުނީ 1954 އިން 1966 އަށެވެ. ޕައޮލޯ މަލްޑިނީ އާއި ސެޒާ މަލްޑިނީ އަކީ މިލާނުގެ ދެ ލެޖެންޑުންނެވެ. ޑެނިއަލްގެ އަޒުމަކީ ވެސް ބައްޕަ އާއި ކާފަ ފަދަ މިލާންގެ މުހިއްމު ކުޅުންތެރިއަކަށް ވުމެވެ.

ޑެނިއަލް މަލްޑިނީ މި ގޯލު ޖެހީ އޭނާގެ ބައްޕަ ޕައޮލޯ މަލްޑިނީ މިލާނަށް ލީގުގައި އެންމެ ފަހު ގޯލު ޖެހިތާ 13 އަހަރާއި 179 ދުވަސް ފަހުންނެވެ. އަދި އޭނާގެ ކާފަ ސެޒާ މަލްޑިނީ މިލާނަށް ލީގުގައި އެންމެ ފަހު ގޯލު ޖެހިތާ 60 އަހަރާއި 22 ދުވަސް ފަހުންނެވެ.

ސްޕެޒިއާ އަށް ރޭގެ މެޗުގެ 80 ވަނަ މިނިޓްގައި ޑެނިއޭލޭ ވާޑޭ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މިލާން މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 86 ވަނަ މިނިޓްގައި ބްރާހިމް ޑިއާޒް އެވެ.

އިންޓަ އަށް މިރޭގެ މެޗުގައި ލީޑުނަގައިދިނީ ފަސް ވަނަ މިނިޓްގައި ލަޓާރޯ މާޓީނޭޒް އެވެ. މެޗުގެ 30 ވަނަ މިނިޓްގައި އެޓަލަންޓާގެ ޔޫކްރެއިން މިޑްފީލްޑަރު ރުސްލާން މަލިނޯވްސްކީ ޖެހި ގޯލުން އެ ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. އޭގެ އަށް މިނިޓް ފަހުން އެޓަލަންޓާ އިން ލީޑުނެގީ ރަފައެލް ޓޮލޯއި ޖެހި ގޯލުންނެވެ. އިންޓަ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 71 ވަނަ މިނިޓްގައި އެޑިން ޒެކޯ ޖެހި ގޯލުންނެވެ.