Advertisement

ޔާމީންގެ މެސެޖެއް: "މި 16 ދުވަސް ގައުމީ ޖޯޝުން ފުރާލާ"

25 ސެޕްޓެންބަރު 2021 - 22:59 2

2018 ވަނަ އަހަރު ޗެމްޕިއަން ތައްޓާއެކު ޓީމު ރާއްޖެ އައުމުން ޔާމީން މަރުހަބާ ދަންނަވަނީ --


ޔާމީންގެ މެސެޖެއް: "މި 16 ދުވަސް ގައުމީ ޖޯޝުން ފުރާލާ"

25 ސެޕްޓެންބަރު 2021 - 22:59 2

މި ފެށޭ މަހު ފަށާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމަށްޓަކައި ހިޔާލު ތަފާތުވުންތައް އެއް ކައިރިކޮށް, ގައުމީ ޖޯޝުގައި ހުރިހާ ރައްޔިތުން ވެސް ތިބުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އެދިވަޑައިގެން, މެސެޖެއް ދެއްވައިފި އެވެ.

އަންނަ އޮކްޓޯބަރު މަހުގެ 1 އިން 16 އަށް ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖޭގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މީގެކުރިން ދެ ފަހަރެއްގެ މަތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު މި ފަހަރު ނުކުންނަނީ ތިންވަނަ ފަހަރަކަށް ތަށި ހޯދުމަށެވެ.

ސާފްގެ ޗެމްޕިއަންކަން ރާއްޖޭން އެންމެ ފަހުން ހޯދީ, ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު އަހަރު ކަމަށްވާ 2018ގަ އެވެ.

ޔާމީންގެ ފަރާތުން މިރޭ, ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނާއި ޕާޓީގެ ފަރާތުން ގައުމީ ޓީމަށް ކާމިޔާބީއަށް އެދޭ ކަމަށެވެ.

އަދި މުބާރާތް ރާއްޖޭގައި ބޭއްވުމަށްޓަކައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ހިންގާ ކޮމިޓީގެ މެންބަރުންނާއި އިދާރީ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ޔާމީން ވަނީ މަރުހަބާ ދަންނަވާފަ އެވެ.

އޭގެއިތުރުން ސާފް ޗެމްޕިއަންޝިޕްގެ ތަށި ތިންވަނަ ފަހަރަށް ހޯދުމަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ނުކުންނަ އިރު، އެ ކާމިޔާބީ ހޯދުމުގައި ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.

"ހިތްހަމަނުޖެހުންތަކާއި، ހިޔާލު ތަފާތުވުންތައް ހުރިނަމަވެސް، މި 16 ދުވަހަކީ ގައުމީ ޖޯޝުން ފުރިގެންވާ 16 ދުވަހުގެ ގޮތުގައި ހެދުމަށް އެދިވަޑައިގަންނަވާ," ޕީޕީއެމްއިން އާންމުކުރި ޔާމީންގެ މެސެޖުގައިވެ އެވެ.

ގައުމީ ފުޓުބޯޅަ ޓީމުން ހޯދާ ކޮންމެ ކާމިޔާބީއަކީ ފަރުދީ ގޮތުން ތިމާގެވެސް ބައިވެރިވުމާއެކު ލިބިގެންދާ ކާމިޔާބީއަކަށް ހެދުމަށްޓަކައި އެންމެހައި ރައްޔިތުން ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ގައުމީ ޖޯޝާއެކު ޓީމަށް ހިތްވަރު ދިނުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށް ޕީޕީއެމްއިން ބުންޏެވެ.

ޕީޕީއެމްއިން ބުނި ގޮތުގައި, "ތިން ވަނަ ފަހަރު މީ އެފަހަރު" ކަމުގައި ހެދުމަށް އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން ގައުމީ ޖޯޝާއި ފޯރީގައި ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ހިތްވަރު ދިނުމުގައި އެ ޕާޓީ ދެމިއޮންނާނެ އެވެ.